އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަކިކުރުމާމެދު ގޮތެއް ނިންމަން މިއަދު މަޖިލީހުގައި އެޖެންޑާ ކުރެވިފައިވާ މައްސަލައިގައި މަޖިލީހުން ނިންމާނީ ތަހުޒީބު ނިންމުމެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރަން ވޯޓަށް އެހުމަށް ވެސް މިއަދުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފަ އެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ، ރާއްޖޭގެ ތާރީހުގައި ފަނޑިޔާރުން ވަކިކުރުމުގައި ވަރަށް އިހާނެތިކޮށް، ނާތަހުޒީބުކޮށް ކަންކަން ކޮށްފައިވާކަން ފާހަގަކުރައްވައިފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ ލިސްޓަށް ވުރެ، ފަނޑިޔާރުންގެ ލިސްޓު ދިގުވާނެ ކަމަށެވެ. ރާއްޖޭގައި ގިނަ އަދަދަކަށް ބޭރުގެ ބޭފުޅުން ފަނޑިޔާރުކަން ކުރައްވާފައިވާ ކަން ވެސް ރައީސް ނަޝީދު މިއަދު ފާހަގަކުރެއްވި އެވެ.
"އޭގެ ތެރެއިން ބައެއް ބޭފުޅުން ފަނޑިޔާރުކަމުން ވަކިކޮށްފައި އެބަހުރި ރަދުން ބާލާ އޮޑި ބަނޑުފިލާ ދަށު ލައި އަނެއްބައި ފަނޑިޔާރު ބޭކަލުން އެބަހުރި ކަފަ ބަނދެފައި، އަންދާފައި،" ނަޝީދު ވިދާޅުވި އެވެ.
އެގޮތުން ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނަށް ކޮށްފައިވާ އަނިޔާ ފަހުން ލިޔުއްވި އިރު، އެމަނިކުފާނުގެ ގައިގައި ތެޅި އަދަދާއި ހަށިގަނޑުގައި ހުރި ލަކުނުގެ އަދަދު ލިޔުއްވާފައިވާކަން ފާހަގަކުރެއްވިއއެވެ.
އެންމެ ފަހުން ރަދުން އައްޔަންކޮށްފައި ހުރި ފަނޑިޔާރަކަށް ވަކިކޮށްފައި ވަނީ ދަރަވަންދޫގެ މުހައްމަދު ޖަމީލް ދީދީ ކަމަށާއި އޭގެ ފަހުން ފަނޑިޔާރުންގެ ބާރުތައް ބޮޑުތަނުން ކުޑަވެގެން ދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެން ނަމަވެސް 2008 ވަނަ އަހަރުގެ ގާނޫނު އަސާސީ އެކުލަވާލައި ފަނޑިޔާރުންގެ ބާރުތައް އަލުން އަނބުރާދީ ފަނޑިޔާރުންނަކީ ބާރުވެރި މުސްތަގިއްލު ބައެއް ކަމަށް ކަނޑައަޅާފައިވަ ކަމަށެވެ.
"ދެން އުއްތަމަ ފަނޑީޔާރު ވަކިކޮށްފައި ހުރީ ގާނޫނަށް ގެނައި ބަދަލަކުން، އޮޅިގެން ވަކިވުން ނުވަތަ ފަނޑިޔާރުގޭ ފުރާޅުން ޓިނު ނަގައިގެން އޭނާ ގެންގޮސް ހިފާ ހައްޔަރުކޮށްގެން ވަކިކޮށްގެން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުން އުއްތަމަ ފަނޑިޔާރު އަދި އެހެންވެސް ފަނޑިޔާރަކާ މެދު އެފަދަ ގޮތަކަށް އަމަލުނުކުރާނެ ކަމަށެވެ. އަދި މިއަދު ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ އުއްތަމަ ފަނޑިޔާރުގެ މައްސަލައިގައި މަޖިލީހުން ވަރަށް ތަހުޒީބު ނިންމުމެއް ނިންމާ މަންޒަރު ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މި މަސައްކަތް ކުރަނީ މި ގާނޫނު އަސާސީގައިވާ އިޖުރާއަތުތަކުގެ ތެރެއިން އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއެކު ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން އަޅުގަނޑުމެންގެ ފަނޑިޔާރު މަނިކުފާނާ މެދު ފިޔަވަޅު އެޅުމަށް،" ނަޝީދު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމާ ގުޅޭ ގޮތުން ޖޭއެސްސީގެ ހުށަހެޅުން ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައި މިހާރު ކުރިއަށް ދަނީ އެ ރިޕޯޓަށް ބަހުސް ކުރުމެވެ.
ޖުޑިޝަރީ ކޮމިޓީއިން ނިންމާފައިވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީއިން ނިންމާފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. ބަހުސަށްފަހު މިއަދު 1:30 ގައި ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭގޮތުން ވޯޓަށް އަހާނެއެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމަށް މިއަދު ވޯޓަށް އަހާއިރު އެދެބޭފުޅުން 60 ދުވަހަށް ސަސްޕެންޑުކުރަން ވެސް ޖޭއެސްސީއިން ނިންމާފައިވެ އެވެ.
ޖޭއެސްސީއިން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޖޭއެސްސީއިން ހިންގި އެއްވެސް ތަހުގީގަކަށް އެބޭފުޅުން އެއްބާރުލުން ދީފައެއް ނުވެއެވެ. އެބޭފުޅުން ވިދާޅުވަނީ ޖޭއެސްސީ ގާނޫނީ އިމުން ބޭރުވެފައިވާ ކަމަށާއި ޖޭއެސްސީގެ ނިންމުންތައް ބަލައިނުގަންނަ ކަމަށެވެ.