ދެ ފަނޑިޔާރުން ވަކިކުރަން ވޯޓަށް އެހުން މިއަދު

އުއްތަމަ ފަނޑިޔާއި ފަނޑިޔާރު އާދަމް މުހައްމަދު.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރަން ވޯޓަށް އެހުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުން މަޖިލިސް ޖަލްސާގެ މިއަދުގެ އެޖެންޑާގައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރު ޑރ. ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމާ ގުޅޭ ގޮތުން ޖޭއެސްސީގެ ހުށަހެޅުން ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ މަޖިލީހުގެ ތަޅުމަށް އިއްވާނެ އެވެ.

ޖުޑިޝަރީ ކޮމިޓީއިން ނިންމާފައިވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީއިން ނިންމާފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

އެ ރިޕޯޓްތަކާ މެދު މިއަދުގެ މެންދުރު 1:30ގައި ވޯޓަށް އަހާނެ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމަށް މިއަދު ވޯޓަށް އަހާއިރު އެދެބޭފުޅުން 60 ދުވަހަށް ސަސްޕެންޑުކުރަން ވެސް ޖޭއެސްސީއިން ނިންމާފައިވެ އެވެ.

ޖޭއެސްސީއިން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެބޭފުޅުން ވަނީ ޖޭއެސްސީއިން ހިންގި އެއްވެސް ތަހުގީގަކަށް ވެސް އެއްބާރުލުން ނުދީފަ އެވެ. އެބޭފުޅުން ވިދާޅުވަނީ ޖޭއެސްސީ ގާނޫނީ އިމުން ބޭރުވެފައިވާ ކަމަށާއި ޖޭއެސްސީގެ ނިންމުންތައް ބަލައިނުގަންނަ ކަމަށެވެ.

comment ކޮމެންޓް