ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓުތައް ފްރީޒްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު، އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އެކައުންޓުތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އެންގުމަށް ފްރީޒް ކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޔޮޓް ޓުއާސްއަށް ކުއްޔަށް ދޫކޮށްފައިވަނީ:

  • 2005ވަނަ އަހަރު ހއ. އަލިދޫ
  • 2013ވަނަ އަހަރު ހއ. ބިނާފުށްޓާއި އެ ރަށާ ޖެހިގެން އޮންނަ ކަނޑާލި ފިނޮޅު

ޔޮޓް ޓުއާސްއާ ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ ކުލީގެ އެއްބަސްވުންތަކުގެ ދަށުން އެ ކުންފުނިން ދައްކަންޖެހޭ ރިޒޯޓުތަކުގެ ކުއްޔާއި ޖޫރިމަނާ ނުދައްކާތީ މީރާއިން އަންގައިގެންވަނީ އެ ކުންފުނީގެ އެކައުންޓުތައް 2017ވަނަ އަހަަރު ފްރީޒްކޮށްފައެވެ.

ކުއްޔަށްދޭ ރަށްރަށާއި ބިންތަކުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދުގައި، އެ ގަވާއިދު ތަންފީޒުކޮށް، ކުލި ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ މީރާއިން ކަމަށް ބަޔާންކޮށްފައި އޮވެއެވެ.

ޔޮޓް ޓުއާސްއާ ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ހެދުނު އެއްބަސްވުންތަކުގައިވަނީ:

  • ކުލި ދައްކަންޖެހޭ މުއްދަތުގައި ނުދެއްކިއްޖެނަމަ، ނުދެއްކި އޮތް އަދަދުގެ 0.5 ޕަސެންޓުގެ ރޭޓުން ދުވާލެއްގެ މައްޗަށް ލިކުއިޑޭޓެޑް ޑެމޭޖަސް ދައްކަންޖެހޭ ކަމަށް
  • ކުއްޔާއި ލިކުއިޑޭޓެޑް ޑެމޭޖަސްގެ އަދަދު ކުލި ދައްކަން އޮތް ތާރީޚުގެ 30 ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، ޓޫރިޒަމް މިނިސްޓްރީއަށް އެއްބަސްވުން ބާތިލްކުރުމުގެ ބާރު ލިބޭކަމަށް

މި މައްސަލައިގައި އެކައުންޓުތައް ފްރީޒްކޮށްފައި ވަނީ ގާނޫނުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޔޮޓް ޓުއާސްގެ ފަރާތުން ވަނީ މީރާގެ މައްޗަށް ސިވިލް ކޯޓުގައި 2017ވަނަ އަހަރު ދައުވާކޮށްފައެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމީ، ކުންފުނީގެ އެކައުންޓުތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. ޔޮޓް ޓުއާސްއިން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، އެ ކޯޓުން ވެސް ތާއީދުކުރީ ސިވިލް ކޯޓުގެ ހުކުމަށެވެ.

ޔޮޓް ޓުއާސްއިން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ފާހަގަކޮށްފައި ވަނީ ގާނޫނު އިމްޕްލައި ކުރުމުގައި މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނާ މީރާއިން ޚިލާފުވެފައިވާ ކަމާށާއި، ކޮންޓްރެކްޓުގައި ނެތް ހައްލުތަކެއް ނަގައިދީފައިވާ ކަމަށެވެ. އަދި މީރާގެ ނިންމުން ނިންމާފައި ވަނީ ގާނޫނީ އަސާސެއް އޮވެގެން ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާ ޚިލާފަށް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ރައްދުގައި މީރާއިން ބުނީ ޓޫރިސްޓް ރިޒޯޓާ ގެސްޓެހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންތަކުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދުގައި، އެ ގަވާއިދު ތަންފީޒުކޮށް، ކުލި ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ މީރާއިން ކަމަށް ބަޔާންކޮށްފައި އޮތުމުން، އެ ފިޔަވަޅުތައް އަޅަން މީރާގެ މައްޗަށް ހުރަހެއް ނެތް ކަމަށެވެ.

މި މައްސަލައިގައި މީރާއިން ޔޮޓް ޓުއާސްއަށް އެޅި ފިޔަވަޅަކީ އެ ކުންފުނިން ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހާލަތަކަށް ނުވާތީ، ސުޕްރީމް ކޯޓުން ހުކުމްކުރީ، ހައިކޯޓުން މީރާއާ އެއްކޮޅަށް ނިންމި ނިންމުން ބާތިލް ކަމަށެވެ.

comment ކޮމެންޓް