އެއްބައިވަންތަކަން ބޭނުންވެފައިވާ ލަންކާގައި ވޯޓުންވެސް ފެނުނީ ބައިބައިވުން!

ލަންކާގެ އަށްވަނަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ އެގައުމު އިންތިހާއަށް ބައިބައިވެފައިވާކަން -- ފޮޓޯ: އޭޕީީ

ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ނިމިގެން ދިޔައީ އެގައުމުގައި ބޭއްވި އެންމެ ސުލްހަވެރި އެއް އިންތިހާބުގެ ގޮތުގައެވެ. ނަމަވެސް އޭގެ އަނެއް ފަރާތުން "ބޮޑު މަންޒަރު" ވަރަށް ތަފާތެވެ. ނަތީޖާއިން ދައްކުވައިދެނީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ނެތްކަމެވެ. ޒަމާނުއްސުރެ އޮތް ނަސްލީ ބައިބައިވުން ކުރިއަށް ވުރެވެސް ގޯސް ވެފައިވާ ކަމެވެ.

ލަންކާގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރި ރިޔާސީ އިންތިހާބުގެ ނަތީޖާ އެގައުމުގެ އިލެކްޝަން އޮފިޝަލުން އިއުލާން ކުރަން ފެށީ އާދީއްތަ ދުވަހުގެ މެންދަމުއެވެ. އަދި އެންމެ ފުރަތަމަވެސް ރިޔާސީ ރޭހުން ކުރި ހޯއްދެވި ދެ ވާދަވެރިންނަކީ ޕޮޑުޖަނަ ޕާޓީގެ ގޯޓާބަޔަ ރާޖަޕަކްސައާއި ޔޫއެންޕީގެ ސަޖިތު ޕްރޭމަދާސައެވެ.

އެ އިންތިހާބުގެ ނަތީޖާއިން ދެއްކި ގޮތުގައި މުސްލިމުންނާއި ތަމަޅައިންގެ އާބާދީ ބޮޑު ސަރަހައްދުތައް ކަމަށްވާ ލަންކާގެ އުތުރާއި އިރުމަތީގެ ޑިސްޓްރިކްޓުތަކުން ޕްރޭމަދާސައަށް ދިނީ ވަރަށްވެސް ބޮޑު އަގުލަބިއްޔަތެކެވެ. ނަމަވެސް އެގައުމުގެ އާބާދީގެ 70 ޕަސަންޓު ހިއްސާކުރާ ސިންހަލަ ނަސްލުގެ އާބާދީ ބޮޑު ސަރަހައްދުތަކުން ކުރި ހޯއްދެވީ ގޯޓާބަޔައެވެ.

ސްރީލަންކާގެ މުސްލިމް ކައުންސިލުގެ ނައިބު ރައީސް ހިލްމީ އަހުމަދު ވިދާޅުވީ އިންތިހާބުގެ ނަތީޖާގެ ސަބަބުން ލަންކާގެ ތަފާތު ނަސްލުތަކާއި ދީންތަކުގެ މީހުންގެ މެދުގައި މިހާރަށްވުރެ ވެސް ބޮޑަށް ހިޔާލު ތަފާތުވުމާއި އަދާވާތްތެރިކަން އުފެދި، އަދި ތަފާތު މުޖުތަމައުތައް އެއްބައިވަންތަކުރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މި ނަތީޖާގެ ސަބަބުން ލަންކާ މުޅިން ބައިބައިވެ، ސިންހަލަ ބުޑިސްޓު މެޖޯރިޓީ އާއި މައިނޯރިޓީންނާ ދެމެދު ވަނީ ވަރަށް ސާފު ހިލާފުތަކެއް އުފެދިފަ. އަދި ދެން މި ގައުމު އެއްބައިވަންތަ ކުރެވޭނެ ގޮތެއް އޮތް ކަމަށް ދެކުމަކީ ވަރަށް އުނދަގޫކަމެއް،" ހިލްމީ ވިދާޅުވިއެވެ.

ލަންކާގައި އެ އިންތިހާބު ބޭއްވީ މިދިޔަ އޭޕްރިލް މަހު އެގައުމުގެ ތިން ފައްޅިއަކަށާއި ތިން ހޮޓަލަކަށް ޖިހާދީ ފިކުރު ގެންގުޅޭ ތައުހީތު ޖަމާއަތުން ހަމަލާދީ، 260އަށް ވުރެ ގިނަ މީހުން މަރާލި ފަހުންނެވެ. އަދި އެ ހަމަލާތަކަށް ފަހު މުސްލިމުންނަށް ހަމަލާދީ، ފުރައްސާރަކުރުމުގެ މައްސަލަތައް އިތުރުވެފައިވާކަމުގެ ކަންބޮޑުވުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ފާޅު ކުރި ފަހުންނެވެ.

https://sun.mv/127424

އެ ހަމަލާތަކުން ލަންކާގެ އިޖުތިމާއީ ފޭރާމަށް ލިބުނު ހަރާބުކަމުން އަރައިނުގަނެވެނީސް، އިންތިހާބު ކާމިޔާބުކުރެއްވި ގޯޓާބަޔަ ވަނީ ހަމަލާތަކުން ގައުމުގައި އުފެދުނު ބިރުވެރިކަން، އޭނާގެ ކެމްޕޭން ކުރިއެރުވުމަށްޓަކައި ބޭނުންކޮށްފައި ކަމަށް ގިނަ ބަޔަކު ދެކެއެވެ. ގޯޓާބަޔަގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދަކީ ގައުމީ ސަލާމަތު ވަރުގަދަކުރުމާއި ޓެރަރިޒަމް ނައްތާލުމެވެ.

ނަމަވެސް ގޯޓާބަޔައަކީ ބުޑިސްޓު ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސޭނާއާ ގުޅުން އޮންނަ ފަރާތެއް ކަމުން، މުސްތަގުބަލުގައި ގޯޓާބަޔަ އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މުސްލިމުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ލަންކާގެ ތަމަޅަ ދަރިކޮޅުގެ މީހުންގެ މެދުގައިވެސް ގޯޓާބަޔަގެ ވެރިކަމާ މެދު ބިރުވެރިކަން އުފެދިފައި ވަނީ މީގެ ކުރިން އޭނާގެ ފަރާތުން ފެނިގެންގޮސްފައިވާ ހަރުކަށި އަމަލުތަކުގެ ސަބަބުންނެވެ.

ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ 10 އަހަރުވީ ވެރިކަމުގައި ގޯޓާބަޔަ ޑިފެންސް ސެކްރެޓަރީކަން ކުރެއްވި އިރު، އެ ދެ ބޭފުޅުން ވަނީ ލަންކާގެ 26 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ. ނަމަވެސް އެ ހަނގުރާމައިގެ ފަހުކޮޅު ލަންކާ ސިފައިން ވަނީ 40،000 ތަމަޅަ ރައްޔިތުން މަރާފައި ކަމަށް އދއިން ލަފާ ކުރެއެވެ. އަދި އޭރު ތަމަޅަ ހަނގުރާމަވެރިންނާއި ސަރުކާރަށް ފާޑު ކިޔާ މީހުން މެރުމަށް ސިފައިންގެ ހާއްސަ ގުރޫޕެއް ގޯޓާބަޔަ އުފެއްދިކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވިފައި ވެއެވެ.

ނަމަވެސް އިންތިހާބީ ރައީސް ގޯޓާބަޔަ މީގެ ކުރިންވެސް އެތުހުމަތުތައް ދޮގު ކުރައްވައެވެ. އަދި ދާހިލީ ހަނގުރާމައިގައި ހިނގައިދިޔަ ޖަރީމާތައް ތަހުގީގުކުރަން އދއާއެކު ހެދި އެއްބަސްވުމަށް އަމަލު ނުކުރައްވާނެކަމަށްވެސް ގޯޓާބަޔަ ވަނީ ކެމްޕޭނު ތެރޭގައި ވިދާޅުވެފައެވެ.

އޭގެ ސަބަބުން، ލަންކާގެ ހަނގުރާމައިގެ ތެރޭގައި ހިނގި ޖަރީމާތަކުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ކުރިއަށް އޮތް ސަރުކާރުގައި އިންސާފު ލިބޭނެކަމުގެ އުންމީދު ވެއްޔާ މޮޑެވި ދިޔައެވެ.

އުތުރުގައި ޖަފްނާއާއި ވަންނީ އަދި އިރުމަތިން ޓްރިންކޮމަލީއާއި ބަޓިކަލޯ ފަދަ ތަމަޅަ އާބާދީގެ ނާރެސްތަކުން އިންތިހާބުގައި ދެން އެންމެ ވާދަވެރި ޔޫއެންޕީން ކުރިމަތިލެއްވި ލޮނުމަޑު ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސައަށް ހިތާއި ރޫހުން މާސިންގާ ބޮޑެތި އަދަދުން ވޯޓު އަޅާފައިވަނީ ރާޖަޕަކްސަ އާއިލާ އެންމެ ފަހުން ވެރިކަމުގައި ހުރި އިރު އެ ތަމަޅައިންނަށް މެދުވެރިވި ހިތްދަތިކަން އިޔާދަކުރަން ނޭދޭތީއެވެ.

ނަމަވެސް ގައުމުގެ މެޖޯރިޓީ ރައްޔިތުން ތިބީ މިއަދާ ހަމައަށްވެސް ި ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހައާއި އެމަނިކުފާނުގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ން ސަރުކާރު ހިންގަވާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

https://sun.mv/127403

އެއީ ލަންކާގެ އިގުތިސާދީ ހާލަތު މިއިން ދުވަހަކު ނުދާހާ ދަށަށް ގޮސްފައިވާތީއާއި، ދާހިލީ ހަނގުރާމައަށްފަހު އެގައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއަށް މަގުފަހިވީ ސަރުކާރު ހިންގަން ތިބި މީހުން ފެއިލްވުމުން ކަމުގައި ރައްޔިތުން ގަބޫލުކުރާތީއެވެ. އެހެންކަމުން އެ ސަރުކާރުގައި ހައުސިންގް މިނިސްޓަރުކަން ކުރައްވަމުން ގެންދެވި ސަޖިތު ޕްރޭމަސާދައަށް ވޯޓު ދޭން ހިތް ނޭދުނީއެވެ.

ލަންކާގައި ވޯޓު ގުނަމުން ދިޔަ އިރު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ނަސްލީ ގޮތުން މީހުންނާ ދިމާކޮށް، ގޯޓާބަޔައަށް ވޯޓު ނުދޭ މީހުން އެގޮތަށް އަމަލުކުރީ ނަސްލީ ގޮތުން ތަފާތުކުރުމުގެ ހިޔާލު ގެންގުޅޭތީ ކަމަށް ތުހުމަތުކޮށްފައެވެ.

ނަމަވެސް އެމީހުންނަށް ރައްދު ދެމުން، ޓުވިޓާގައި ގިނަ އަދަދެއްގެ މީހުން ވަނީ ރިޔާސީ ކެންޑިޑޭޓަކު ހިޔާރުކުރުމަކީ އަމިއްލަ ނިންމުމެއް ކަމަށާއި ތަމަޅަ ނަސްލުގެ ކެންޑިޑޭޓަކު ހުރި ނަމަވެސް ގިނަ ތަމަޅައިން ވޯޓު ދިނީ ސިންހަލަ ނަސްލުގެ ޕްރޭމަދާސައަށްކަން ފާހަގަކޮށްފައެވެ. އަދި އެއީ އޭނާއަކީ ގައުމު އެއްބައިކުރުވަން ވައުދުވި ކެންޑިޑޭޓަކަށް ވާތީކަމަށް ބުނެފައެވެ.

މީގެ އިތުރުން ގޯޓާބަޔައަށް ތާއިދުކުރާ ފަރާތްތަކުންވެސް ވަނީ އެފަދަ ދިމާ ކުރުންތަކާ ދެކޮޅަށް އަޑު އުފުލާ، އެމީހުންވެސް ބޭނުންވަނީ އެއްބައިވަންތަ އަދި އިންސާފުވެރި ސަރުކާރެއް ކަމަށް ބުނެފަ އެވެ. އަދި އިންތިހާބުން ކާމިޔާބީ އިއުލާން ކުރައްވަމުން ގޯޓާބަޔަ ވަނީ އޭނާ ވެރިކަން ކުރެއްވުމުގައި ތާއީދުކުރާ މީހުންނާއި ނުކުރާ މީހުން، އަދި ތަފާތު ނަސްލުތަކާއި ދީންތަކުގެ މީހުން ތަފާތު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ލަންކާގެ ހުރިހާ ރައްޔިތުންވެސް މިހާރު ތިބީ ފާއިތުވި ފަސް އަހަރާ އަޅާ ބަލާ އިރު، ގޯޓާބަޔަގެ ވެރިކަމުގައި އެގައުމަށް އަންނާނީ އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ކޮން ކަހަލަ ބަދަލުތަކެއްތޯ ބަލަން ކެތްމަދުވެފައެވެ.

comment ކޮމެންޓް