އަލިޖަޒީރާއިން ފަޅާއަރުވާލި ކޮރަޕްޝަން މައްސަލައަކާ ހުރެ ނެމީބިއާގެ ދެ މިނިސްޓަރުން އިސްތިއުފާ

އިސްތިއުފާ ދެއްވި ފިޝަރީޒް މިނިސްޓަރު ބާނާޑް---

އެފްރިކާގެ ގައުމެއް ކަމަށްވާ ނެމީބިއާގެ ދެ މިނިސްޓަރުންގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް އަލްޖަޒީރާ ނިއުސް ނެޓްވޯކުން ފަޅާއަރުވާލުމާއެކު އެ ދެ މިނިސްޓްރީން އެންމެ ފަހުން އިސްތިއުފާދެއްވައިފި އެވެ.

އަލް ޖަޒީރާއިން ފަޅާއަރުވާލައިފައިވަނީ ނެމީބިއާގެ ފިޝަރީޒް މިނިސްޓަރު ބާނާޑް އީސައުއާއި ޖަސްޓިސް މިނިސްޓަރު ސެކީ ސަންގާލާގެ މައްސަލައެެކެވެ. އައިސްލެންޑްގެ ބޮޑު ކުންފުންޏެއް ކަމަށްވާ ސޭމްހެރުޖީއަށް ނެމީބިއާގެ އެންމެ މަސްތިޔާގި ސަރަހައްދަކުން މަސްވެރިކަން ކުރުމަށް އެ ދެބޭފުޅުން ވަނީ ހުއްދަ ދެއްވައިފަ އެވެ. އޭގެ ބަދަލުގައި އެ ކުންފުނިން ވަނީ ސަންގާލާގެ ހިއްސާ އޮންނަ ކުންފުންޏަކަށް 10 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދީފަ އެވެ.

އަލްޖަޒީރާއިން އިންވެސްޓިގޭޝަން ރިޕޯޓްކޮށްފައިވަނީ އައިސްލެންޑްގެ ސްޓޭޓް ބްރޯޑްކާސްޓާ އާރުޔޫވީ އަދި އައިސްލެންޑްގެ މެގަޒިން ސްޓަންޑިންއާ ގުޅިގެންނެވެ.

އަލްޖަޒީރާއިން އެ ރިޕޯޓް ގެނެސްދިނީ އައިސްލެންޑްގެ ކުންފުނީގެ ވިސުލްބްލޯވާއަކު އެކަން ފަޅާއަރުވާލުމާއެކު 30،000 އެއްހާ ޑޮކިއުމަންޓްސް ލީކުކޮށްލުމުންނެވެ.

އައިސްލެންޑްގެ ކުންފުނީ ސޭމްހެރުޖީއަކީ އަހަރަކު 700 މިލިއަން ޑޮލަރުގެ ޓާންއޯވާގެ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ދުނިޔޭގެ ބޮޑެތި ސުޕަމާކެޓްް ޗެއިންތައް ކަމަށްވާ ޓެސްކޯ، ކަރަފޫ އަދި ސްޕެންސާއަށް މަސް ސަޕްލައިވެސްކޮށްދެމުންނެވެ.

މިނިސްޓަރުން އިސްތިއުފާދެއްވި ނަމަވެސް ރިޝްވަތުހިފިކަމަށް އަދިވެސް އެއްބަހެއް ނުލައްވައެވެ.

comment ކޮމެންޓް