ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީން ލުޔެއް ހޯދަން މަޝްވަރާކޮށްފި

ފަރަހަނާޒް، ޔޫކޭ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރާއެކު--- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ޑިއުޓީން ލުޔެއް ހޯދަން މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސިވިލާތަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް އާއި ޔޫކޭ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު ދަ ލޯޑް އަހުމަދު އޮފް ވިމްބްލީޑަންއާއެކު ކުރެއްވި ބައްދަލުވުމުގެ ތެރެއިންއެވެ.

އެގޮތުން އެ ބައްދަލުވުމުގައި ފަރަހަނާޒް ވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ޑިއުޓީ ނަގާ މައްސަލަ ސްޓޭޓް މިނިސްޓަރުގެ ސަމާލުކަމަށް ގެެނެސްފަ އެވެ. ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ނަގަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ކަނޑައަޅާފައިވާ ގަވައިދުތަކުގެ ދަށުންނެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށްފަހު ރާއްޖެއިން އެ ގައުމަށް އެތެރެ ކުރާ މަހަށް ޑިއުޓީގެ ލުއި ލިބޭނެ އެއްބަސްވުމެއް ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާވެސް ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެހެން ދާއިރާތަކުން ވެސް ދެގައުމުގެ ހާރިޖީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފަ އެވެ. އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލާއި އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަށް އެކުލެވޭ ގޮތަށް ހިމެނޭ ސީއޯޕީ 2020 ކޮންފަރެންސްއާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވައިފަ އެވެ.

އޭގެ އިތުރުން ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ޔޫކޭއިން ވެދެއްވި އެހީއަށްވެސް ފަރަހަނާޒް ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި، ކައުންޓާ ޓެރެރިޒަމްއާއި ޑިމޮކްރަސީގެ އުސޫލުތައް ނެގެހެއްޓުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.

comment ކޮމެންޓް