ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާ ދެމެދު މިއަދު މަޖިލީހުގެ ތަޅުމުގައި ހުތުރު ޒުވާބެއް ހިނގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ސަރުކާރުގެ ވަޒީރުންނަށް ކޮރަޕްޝަނުގެ ތުހުމަތު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ.
ޖާބިރު ވަނީ ސަރުކާރުން ބައެއް ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ލާރިދިން މައްސަލާގައި ހިތްހަމަ ނުޖެހުން ފާޅުކުރައްވައި ރައްޔިތުންގެ ޓެކްސް ފައިސާ ހޭދަކުރާ ގޮތާމެދު ފިނޭންސް މިނިސްޓަރު ރިކަވަރީ ހައްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކާށިދޫ ދާއިރާގެ މެންބަރު ތުހުމަތު ކުރެއްވި ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރައްވާ ކަމަކީ އެކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން ލާރިބެހުމެވެ.
"އެކަން ކުރަން މި ބަޖެޓަށް އަޅުގަނޑު އެޕްރޫވަލްއެއް ނުދޭނަމޭ،" ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ކޮރަޕްޝަނުގެ އިނގިލި ދިއްކުރައްވާ ތުހުމަތު ކުރައްވައިފަ އެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ފިނޭންސް މިނިސްޓަރު ވަޒީރުކަން ހޯއްދެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެއް މިލިއަން ރުފިޔާ ދީގެން ކަމަށެވެ. އެތުހުމަތު ކުރައްވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ކޯފާ އިސްކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ލާރި ލިބުނު ގިނަ މެންބަރުންތަކެއް މަޖިލީހުގައި އެބަތިއްބެވި ކަމަށެވެ.
"ރާއްޖޭގެ ކެބިނެޓުގައި ތިބި ގިނަ މީހުންނަކީ ވެސް އެމްއެމްޕީއާރުސީ އިން ވައްކަންކޮށްފައި ތިބި މީހުން. ކިހިނެއްތޯ މި ބަޖެޓަށް އަޅުގަނޑުމެން އެޕްރޫވަލް ދޭނީ،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު މި ތުހުމަތުތައް ކުރެއްވި އިރު، ފިނޭންސް މިނިސްޓަރު އަމީރު ވެސް މަޖިލީހުގައި އިންނެވި އެވެ.
ރައީސް ސޯލިހަކީ ރިޝްވަތު ދިނުމާއި މަކަރާއި ހީލަތް ހެދުމުން "ޕީއެޗްޑީ ނަގައިގެން ހުރި މީހެއް" ކަމަށް ވިދާޅުވެ ޖާބިރު ކޯފާ އިސްކުރައްވާ ވާހަކަ ދައްކަވަން ފެއްޓެވުމުން ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒް ނިޒާމީ މައްސަލައެއް ނަންގަވާ ވިދާޅުވީ މަޖިލީހުގައި "ޑޯޕް [މަތުވެފައިހުރޭތޯ ބަލާ] ޓެސްޓާ އެއްޗެހި ހެދޭނެ ގޮތް އިންތިޒާމުކުރަން ޖެހޭ" ކަމަށެވެ.
"މަޖިލީހުގައި [ޖާބިރު] ކައިރީ ތިބޭ މީހުންނަށް ތިބެވޭ ވަރެއް ނޫން، ދުވާ މުޑުދާރު ވަހުން،" ނާޝިޒް ވިދާޅުވި އެވެ.
ނާޝިޒްގެ ވާހަކަތަކަށް ރައްދު ދެއްވާ ޖާބިރު ވިދާޅުވީ "ޑޯޕް ޓެސްޓު ކުރަމާ ހިނގާ" އެވެ.
"އެވާހަކަ ދެއްކެވި މެންބަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބަނގުރަލާއި އެއްޖިންސުން ގުޅުން ހިންގުމާ ބެހޭ ކަންތައް،" ޖާބިރު މިހެން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުުން ވަނީ މަޖިލީހުގައި ނެތް މީހެއްގެ ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ.
ޖާބިރު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ގުޅިގެން ނާޝިޒް ވަނީ ޑީއާރުޕީ އިންވެސް ވައްކަން ކޮށްފައި ކަމަށާއި މިހާރު އެމްޑީޕީ އަދި ސަރުކާރަށް "ހޭއަރުވާލަން" މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު މިދައްކަނީ ރަނގަޅަށް ވާހަކަ، ދޮގެއް ނުހަދަން އިއްޒަތްތެރި ރައީސް. އިއްޒަތްތެރި ރައީސް އަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދޮގު ނުހަދާނެ ކަން،" ޖާބިރު ވިދާޅުވި އެވެ.
އެއާ އެކު ނާސިޒު އަނެއްކާ ވެސް ނިޒާމީ ނުގުތާއެއް ނަންގަވައި ވިދާޅުވީ، ޓެކްސްގެ ވާހަކަ ނުދައްކާ ދައުލަތަށް ޖާބިރު ލާރި ދައްކަވަން ޖެހޭ ކަމަށާއި ޖާބިރަކީ ޓެކްސް ނުދައްކާ ބޭފުޅެއް ކަމަށެވެ. އެއާ އެކު، ޖާބިރު ވާހަކަ ދައްކަވަން ފުރުސަތު ލިބިވަޑައިގަތުމުން ވިދާޅުވީ، ދައުލަތަށް ޓެކްސްގެ ގޮތުގައި އޭނާ ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ. އަދި ނާޝިޒަށް ރައްދު ކުރައްވައި ވިދާޅުވީ، ބޭންކަށް ފައިސާ ނުދައްކައިގެން އެތަކެތި ބޭންކަށް ނަގައި އެސެޓް ވިއްކަން ޖެހުނީ ކޮން ބައެއްކަން އެންމެންނަށް ވެސް ސާފު ކަމަށެވެ.
"އެހެން ވީމާ، ގުދޯ ގުދޯ ނުގޮވަމާ ހިނގާ!." ޖާބިރު ވިދާޅުވި އެވެ.
ޖާބިރާއި ނާޝިޒްއާ ދެމެދު މިއަދު ހުތުރު ޒުވާބެއް ހިނގި އިރު މިދިޔަ ހަފްތާގައި ޖާބިރާއި ނާޝިޒްގެ އަނބިކަނބަލުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާ ދެމެދު ވެސް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ހިނގައިފަ އެވެ.
ޖާބިރު އެދުވަހު ވިދާޅުވީ ރޮޒައިނާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށެވެ. އެކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖާބިރު އޭނާއަށް ވައްކަމުގެ ތުހުމަތު ކުރައްވަނީ، އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ނުކުރެވުމުން ކަމަށެވެ.