ޕާޓީއާ އާންމު މެންބަރުންނާ ވަރަށް ދުރު: އަސްލަމް

އަސްލަމްގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި އަދި އެންމެ ބޮޑު ސިޔާސީ ޕާޓީގެ މެންބަރުންގެ އެންމެ ބޮޑު ޝަކުވާއަކީ، އެ ޕާޓީގެ އާންމު މެންބަރުންނާ ޕާޓީއާ ދުރުވުން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ނައިބް ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަސްލަމް އޭނާގެ ކެމްޕެއިން ޖަގަހައެއް، މާލޭ ގްރޭންޑްގައި ހުޅުއްވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ، ކެމްޕެއިންގައި އުޅުއްވުމުން ވަރަށް ގިނަ ކަންކަން ސާފުވެއްޖެ ކަމަށާއި އެގޮތުން މެންބަރުންގެ އެންމެ ބޮޑު ޝަކުވާވެސް އޮޅުންފިލާފައިވާ ކަމަށެވެ.

"ޕާޓީގެ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީއާ އާންމު މެންބަރުންނާ ދޭތެރޭގައި ވަރަށް ބޮޑުތަނުން ދުރުވެފައިވާ ވުން،" އަސްލަމް ވިދާޅުވި އެވެ.

ނޮވެމްބަރ 11، 2019: އަސްލަމްގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ އާންމު މެންބަރުންގެ ޝަކުވާތަކާއި ކަންބޮޑުވުމުގެ އިތުރުން އުދާސްތައް ވެސް އިންތިހާއަށް ގިނަވެފައިވާ ކަން އަސްލަމް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެކަން ކަމަށް ސަރުކާރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ޕާޓީގެ ލީޑާރޝިޕުން ވެސް 'އެޑްރެސް' ކުރަން ޖެހޭ ކަމަށެވެ.

އެމްޑީޕީއާ ޕާޓީގެ މެންބަރުންނާ ދުރުވެފައިވާ ކަން އަސްލަމް ފާހަގަކުރެއްވިއިރު އެކަމަށް އޭނާ ގިނިކަންޏާ ހައްލެއް ނުގެނެވޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަން ހައްލު ކުރުމަށް އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސްއެއް ބޭއްވިދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގުރެސް ބޭއްވޭ ކަމުގައިވަނީ ނަމަ ޕާޓީގެ ގޮފިތައް ވެސް އިންތިޒާމް ވެގެން ދާނެ. އަދި ހަމައެހެންމެ ޕާޓީގެ ގޮފިތަކުގެ ހުރި ކަންބޮޑުވުންތަކާއި އަދި ދާއިރާތަކުގެ ހުރި ކަންބޮޑުވުންތަކާއި އަދި ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލާއި އަދި އަސާސީ ގަވާއިދުން ފެށިގެން މަގާމުތަކަށް މީހުން އައްޔަނު ކުރުމުގައި ވެސް ކޮންގްރެސްގެ ފުރިހަމަ ބައިވެރިވުން އޮވެގެން މިކަން ކުރިއަށް ދެވޭ ކަމުގައިވަނީ ނަމަ އަޅުގަނޑަށް ހީވަނީ ހަގީގަތުގައި ވެސް ގޮފިތަކާއި ޕާޓީގެ ހިންގުމައި ކައިރިކުރެވިދާނެ،" އަސްލަމް ވިދާޅުވި އެވެ.

އެގޮތުން އޭނާ ބާރު އަޅުއްވާނީ އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސް އެއް ބޭއްވުމަށްކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް