ބަޖެޓު ބަހުސް މާދަމާ ފަށަނީ

ނޮވެމްބަރ 8، 2019: އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެށޭ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބެޖެޓުގެ ބަހުސް މާދަމާ ފަށަން ރައްޔިތުންގެ މަޖިލީހުން އެޖެންޑާކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓް ހުށަހެޅުއްވީ މިދިއަ ހަފްތާގެ ހޯމަ ދުވަހު އެވެ.

ބަޖެޓް ބަހުސް މާދަމާ ފަށަން މަޖިލީހުގައި ތާވަލުކޮށްފައިވާއިރު ބަޖެޓް ކޮމިޓީއިން މިހާރުވަނީ ބަޖެޓް ދިރާސަ ކުރުމުގެ މަސައްކަތްތައް ފަށާފަ އެވެ. ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ދެ ބައްދަލުވުމަކަށް ހާޒިރުކޮށް ކޮމިޓީއިން ސާފުުކުރަން ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން މެމްބަރުން ވަނީ މިނިސްޓަރާ ސުވާލުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ގޮތުން ބަޖެޓުގެ ބަހުސް ކުރިއަށް ގެންދަންވާނީ ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ. ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު އާންމު ކޮމިޓީން ކަނޑައަޅާ ގޮތެއްގެމަތިން މެންބަރުން ފާހަގަކުރާ ނުކުތާތަކަށް ޖަވާބުދިނުމަށް މިނިސްޓަރ އޮފް ފިނޭންސަށް
ފުރުސަތު ދޭން ވާނެ ކަމަށްވެސް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

ބަޖެޓާމެދު މަޖިލީހުގައި ބަހުސްކޮށް ނިމުމަށްފަހު، ބަޖެޓާ ގުޅޭގޮތުން ފާޅުކުރެވުނު
ހިޔާލުތައް ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ފޮނުވަން ޖެހޭނެ ކަމަށްވެސް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

https://sun.mv/126769

ބަޖެޓަށް ބަހުސް ކުރުމަށް އާންމު ކޮމިޓީން ކަނޑައެޅި އުސޫލަކީ، ފުރަތަމަ ފުރުސަތުގައި ކޮންމެ މެމްބަރަކަށް 15 މިނެޓު ދިނުމެވެ. އަދި ކޮމިޓީ މަރުހަލާއަށް ފަހު، ކޮންމެ މެމްބަރަކަށް ހަތް މިނެޓުގެ ވަގުތު ބަޖެޓް ބަހުސްގައި ދޭން އާންމު ކޮމިޓީއިން ވަނީ ނިންމާފަ އެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، 2020ގެ ބަޖެޓަކީ ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށާއި ބަޖެޓު އޮތް ގޮތަށް ފާސް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަރުކާރުން ބުނާގޮތުން 2020 ވަނަ އަހަރަށް ހުށަހެޅި ބަޖެޓަކީ އުންމީދީ ބަޖެޓެކެވެ.

comment ކޮމެންޓް