ކަންނެތް ދިވެހިރާއްޖެއެއް ތާއަބަދަކަށް ނުދެމެހެއްޓޭނެ!

މެއި 6، 2018: ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމް "ހިޔާ" މަޝްރޫއިން ފްލެޓަށް ލާން އާންމުން ކިޔޫ ހަދާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުން މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ 38 ބިލިއަން ރުފިޔާގެ ބިޔަ ވިހިވިހީގެ ބަޖެޓްގެ 10 ވަރަކަށް ޕަސެންޓް ބެހެނީ އެކި ނަންނަމުގައި ސަރުކާރުން ރައްޔިތުންނަށް ދޭ ސަބްސިޑީތަކަށެވެ. ކޮންމެ ދަރިވަރަކަށް ނާސްތާ ދިނުމާއި ހިލޭ ޑިގްރީ އާއި ބޭސްފަރުވާ އާއި ކަރަންޓާއި ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރުން މިހެންގޮސް ރައްޔިތުންނާ ގުޅުން ހުރި ކޮންމެ ހިދުމަތެއް ސަރުކާރުން ފޯރުކޮށްދެނީ ހިލޭ ކަހަލަ ގޮތަކަށެވެ. އޭގެ ނަތީޖާއަކަށް ވަނީ ސަބްސިޑީތަކަށް ކުރަން ޖެހޭ ހޭދަތައް ހައްދުން ނައްޓައިގެން ދިޔުމެވެ.

މިފަހަރުގެ ބަޖެޓުން ވެސް ފެންނަ އެންމެ ހިތި މަންޒަރަކީ، ރައްޔިތުންނަށް ހުރިހާ ކަމެއް ހިލޭ ދޭ ގައުމަކަށް ރާއްޖެ ބަދަލުވެ ސަބްސިޑީތަކުގެ ބުރަ ބޮޑުވަމުން އަންނަ އައުމެވެ. ސުވާލަކީ؛ އާމްދަނީއަށް ނުކަތާ ވަރަށް އިންތިހާޔަށް ބޮޑު ސަބްސިޑީތައް ރާއްޖެއަށް ހެޔޮވަރު ހެއްޔެވެ؟ ދުރު މުސްތަގުބަލުގައި މި ސަބްސިޑީތަކުން ނެރެވޭނީ ކޮން ނަތީޖާއެއް ހެއްޔެވެ؟

ޑިމާންޑަކީ؛ ކޮންމެ ކަމެއް ހިލޭ

މިސާލަކަށް ނަގަމާ ހިނގާށެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް ސިއްހީ އިންޝުއަރެންސްގެ ހިދުމަތަށް ބޮޑު އަދަދެއް ހަރަދު ކުރާ ގައުމެކެވެ. "އާސަންދަ" ސްކީމްގެ ތެރެއިން ބޭސް ފަރުވާއަށް ދާ ހަރަދުގެ ގާތްގަނޑަކަށް 50 ޕަސެންޓް ހިލޭވެ އެވެ. އެ ހިދުމަތް ހޯދަން ދައްކަން ޖެހޭ ސީދާ އަގެއް ނޫނީ ޕްރިމިއަމް ފީއެއް ވެސް ނޯވެ އެވެ. ތަނަވަސް މީހާ އާއި ފަގީރު މީހާ ވެސް އިސްތިސްނާއެއް ނެތި އެ ސްކީމުން ބޭސްކުރެވެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އާސަންދައަށް އެކަނި 2018 ވަނަ އަހަރު ވެސް 1.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެހެން އެކަން އޮއްވާ މި ސަރުކާރުން މިހާރު ވަނީ، "މެރަނަ ސްކީމް"ގެ ނަމުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް އާސަންދަ ތައާރަފްކޮށްފަ އެވެ. މިއީ އަނެއްކާ ވެސް ކޮންމެވެސް ސިފައެއްގައި އޭގެ ބުރަ ދައުލަތަށް އަންނާނެ ކަމެކެވެ. އާސަންދައިގެ ހަރަދުތައް މިހާރުވެސް މައިތިރި ނުކުރެވިގެން އުޅޭއިރު، އަދިވެސް އިތުރަށް އެ ސްކީމުން ހަރަދު ބޮޑުވާނެ ފިޔަވަޅެއް އެޅުމަކީ ދެކޮޅު ޖެއްސޭނެ ކަމެއް ނޫން ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

ނޮވެމްބަރ 8، 2019: ވިހި ވިހީގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީގައި ކުރަނީ: ބަޖެޓްގެ އިސްރާފު ކުޑަކުރަން ވިސްނަން ޖެހޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މީގައި އެންމެ ބޮޑު ސުވާލަކީ އުފެއްދުންތެރިކަމަށް މި ސަބްސިޑީތަކުން އެބަ އަސަރެއް ކުރޭތޯ؟ މިސާލަކަށް ތެލަށް މި ދެވޭ ސަބްސިޑީ، އޭގެއިން ކޮބައިހޭ ގައުމީ އުފެއްދުންތެރިކަމަށް އަންނަ ބަދަލަކީ. ނާދޭ ދެއްތޯ އޭގެއިން ސީދާ ބަދަލެއް. އެ ނައިމާ މިވާގޮތަކީ އަހަރުން އަހަރަށް ދަރަނި މި އަންނަނީ ބޮޑުވަމުން ޖީޑީޕީގެ ނިސްބަތުން. އާމްދަނީއަށް ވުރެ ހަރަދު ބޮޑުވެގެން މި އަންނަނީ މިކަހަލަ ރިކަރަންޓް ހަރަދުތައް އިތުރުވަމުން ގޮސްގޮސް،" އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ. "ރާއްޖޭގައި މިދޭ ގިނަ ސަބްސިޑީތަކުން އިގްތިސާދު ފުޅާވަމަކުން ނާދޭ،"

މިހާރު ދޭ ސަބްސިޑީތަކާއި އެހީ:

  • ތަކެތި، ހިދުމަތުގެ އަގު ހެޔޮކުރަން: 445 މިލިއަން ރުފިޔާ
  • އަމިއްލަ ފަރާތްތަކަށް ދޭ އެހީގެ ފައިސާ: 150.4 މިލިއަން ރުފިޔާ
  • ކަރަންޓްގެ އަގު ހެޔޮކުރަން: 350 މިލިއަން ރުފިޔާ
  • ކާބޯތަކެތި އަގުހެޔޮ ކުރަން: 254.3 މިލިއަން ރުފިޔާ
  • އެކަނިވެރި މައިންނަށް: 53.5 މިލިއަން ރުފިޔާ
  • ސިއްހީ އިންޝްއަރެންސްގެ ނިޒާމު: 1.1 ބިލިއަން ރުފިޔާ
  • ނުކުޅެދޭ ފަރާތްތަކަށް ދޭ އެހީގެ ފައިސާ: 215.9 މިލިއަން ރުފިޔާ
  • އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް: 53.5 މިލިއަން ރުފިޔާ
  • ޕްރީންސްކޫލް ހިންގުމަށް: 20 މިލިއަން ރުފިޔާ

ސަބްސިޑީ އާއި އެހީގެ ބައިތައް ބެހޭ ގޮތްތައް.

މިހާ ވަރަށް ސޯޝަލް އެލަވަންސްތައް ގިނަ ގައުމެއް ދުނިޔޭގައި ވެސް ވަރަށް މަދުވެދާނެ އެވެ. އަންނަ އަހަރުގެ ބަޖެޓްގައި ވެސް ސޯޝަލް އެލަވަންސް ތަކަށް އެކަނި ދެ ބިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހަރަދު ކުރަން ވަނީ ބަޖެޓްކޮށްފަ އެވެ.

މި ހުރިހާ ސަބްސިޑީތަކާ އެކުވެސް ކޮންމެ ސަރުކާރެއްގެ މިސްރާބު ހުންނަނީ، އަދިވެސް އިތުރު ސަބްސިޑީތައް ދިނުމަށެވެ. މި ސަރުކާރުން ވެސް އަހަރު ނިމުމާ ދިމާކޮށް، އެކަނިވެރި މައިންނާއި ބަފައިންނަށް މިހާރު ދޭ އިނާޔަތް 10،000 ރުފިޔާއާ ހަމަޔަށް ލިބޭ ވަރަށް ވަނީ ބޮޑުކޮށްފަ އެވެ. ކުރީ ސަރުކާރުން މުސްކުޅިންނަށް ދޭ އެލަވަންސް 5،000 ރުފިޔާއަށް ބޮޑުކުރި އެވެ.

ކުރިން ވެސް ވާހަކަ ދެއްކެވި އިގްތިސާދީ ދާއިރާގެ ބޭފުޅާ ވިދާޅުވި ގޮތުގައި، ބޮޑުވެ ފުފެމުންދާ ސަބްސިޑީތަކުގެ ބުރަ އުފުލަން ޖެހެނީ އާންމު ރައްޔިތުން އެވެ. އެކަންކަމަށް ފައިސާ ހޯދަން ސަރުކާރަށް މަޖުބޫރު ވަނީ އިތުރު ޓެކްސް ކުރާށެވެ. އަދި އެއާ އެކު، ނިކުންނަ ނަތީޖާއަކީ ކަތްނެތް އާބާދީއެއް އުފެދުމެވެ.

"ކަންނެތް މިވަނީ އަޅުގަނޑުމެންގެ ޒުވާނުން. އެ މީހުންނަށް އިނގޭ ދައުލަތުން ހިލޭ އެބަ ކަންކަން ފޯރުކޮށްދޭކަން، ދެން ކޮންމެހެން ވަޒީފާ އަދާކޮށްގެން ފައިސާ ހޯދައިގެން ހަރަދު ކުރުމުގެ ވިސްނުން އެބަ ބަދަލުވޭ. މިއީ ސައިކީއަށް ވެސް އަންނަ ވަރަށް ބޮޑު ބަދަލެއް. ދެން އެ އެންމެންގެ ބުރަ ޓެކްސްޕޭޔަރުން ނަގަން މިޖެހެނީ. އެކަމަކު ޓެކްސް ޕޭޔަރުންގެ އަތުން އަބަދު އެ ފައިސާ ހޯދޭނެތޯ؟ އެއީ ނުވާނެ ކަމެއް،" އެބޭފުޅާ ވިދާޅުވި އެވެ.

ސަބްސިޑީ ދޭންވީ ހައްގުވެރިންނަށް

މީގެ ކުރިން ފިނޭންސް މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ދައުލަތުން ދޭ ސަބްސިޑީތަކުގެ ފައިސާގެ ތެރެއިން ހައްގުވެރިންނަށް ލިބެނީ އޭގެ ތެރެެއިން އެންމެ 15 ޕަސެންޓް ފައިސާ އެވެ. އަދި 85 ޕަސެންޓް ފައިސާ ލިބެނީ، ކޮންމެހެން ސަބްސިޑީގެ އެހީތެރިކަން ލިބެންޖެހޭ މީހުންނަށް ނޫން ކަމަށް އޭރުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފްއިން ވެސް ރާއްޖޭގެ ހަރަދުތައް ބޮޑުވާ މައްސަލައިގައި ފާހަގަ ކުރާ އެންމެ ބޮޑު މައްސަލައަކީ ހިފެހެއްޓުމެއް ނެތް ސަބްސިޑީތައް ދެވެމުން ދިޔުމެވެ. ދައުލަތުން ދޭ ސަބްސިޑީތައް ހައްގު ނޫން ފަރާތްތަކަށް ދެވިގެން ދިޔުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިގްތިސާދީ ގޮތުން ހޯދަން ބޭނުންވާ ފައިދާ ހޯދައި ނުގަނެވެ އެވެ.

ސަބްސިޑީއަކަށް ރަޖިސްޓްރީ ކުރަން ބަޔަކު ކިޔު ހަދައިގެން: ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޓަނޭޝަނަލް މަނިޓަރީ ފަންޓް (އައިއެމްއެފް)އިން 2017 ގައި ރާއްޖޭގެ އިގްތިސާދުގެ ރިވިއުއެއްގައި ފާހަގަ ކުރި ގޮތުގައި، ކަރަންޓް ސަބްސިޑީ އެންމެ މުއްސަނދި ގޭބިސީތަކަށް ވެސް ލިބެ އެވެ. ހަޑޫ، ހަކުރު، ފުށަށް ދޭ ސަބްސިޑީ ވެސް ހުރިހާ ފަންތީގެ މީހުންނަށް ބެހިގެންދެ އެވެ. ކިލޯއަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން އެސްޓީއޯ އަށް 10 ރުފިޔާ އާއި 14 ރުފިޔާ އާ ދޭތެރޭ އަގެއް ދައްކާއިރު، އެ ހަރަދު ކުރާ ފައިސާގެ މަންފާ ކުރަނީ ކިހާ މިންވަރެއްގެ ހައްގުވެރިންނަށް ކަމެއް ބެލޭނެ ގޮތެއް ނެތެވެ.

""ބްލޭންކެޓްކޮށް ދޭ ސަބްސިޑީތަކުގެ ސަބަބުން އޭގެން ފައިދާއެއް މާ ބޮޑު ނުކުރޭ. އޭގެ ބަދަލުގައި ބޭނުން ޖެހިފަިއވާ މީހުންނަށް ސަބްސިޑީ ލިބޭނެ ނިޒާމެއް ތައާރަފް ކުރަން ޖެހޭ. ސަބްސިޑީ ހައްގު ނުވާ އެތައް ބަޔަކަށް ސަބްސިޑީ ލިބި، އެކަމުގެ ސަބަބުން މުއްސަދިންނާއި ފަގީރުންގެ ނިސްބަތް ކުޑަކުރަން ކުރެވޭ މަސައްކަތްތަށް ހުރަސް އެޅޭ،" ރާއްޖެއާ ގުޅޭ ގޮތުން މީގެ ކުރިން ވޯލްޑް ބޭންކުން އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވެ އެވެ.

ފިނޭން މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓް ކޮމިޓީގައި ހާމަކުރެއްވި ގޮތުގައި ސަބްސިޑީތައް އޭގެ އެންމެ ހައްގުވެރިންނަށް ދެވޭނެ ގޮތަކީ އިންކަމް ޓެކްސްގެ ތެރެއިން ހޯދޭ ތަފާސްހިސާބުތަކުގެ ތެރެއިން އެކުލަވާލެވޭ ސިޔާސަތުތަކެއްގެ މައްޗަށް ކަންކަން ތަރުތީބު ކުރުމެވެ. އިންކަމް ޓެކްސް ނެގުމުގެ އެންމެ ބޮޑު ބޭނުމަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިސެމްބަރު 11، 2015: ބަޔަކު އާންމު މައިޒާނަކަށް ޖަމާވެފައި: ޒުވާނުން ވަޒީފާތަކަށް ނުނިކުތުމުގެ މައްސަލަ ބޮޑު -- ސަން ފޮޓޯ/ އަލީ ނަސީރު

"އިންކަމް ޓެކްސް ނަގަން ފެށީމާ އަޅުގަނޑުމެންނަށް އިނގޭނެ މީހުންގެ އާމްދަނީއަށް މި ލިބޭ އަދަދުތައް. ދެން އަޅުގަނޑުމެންނަށް އޭރުން ސަބްސިޑީތައް ވެސް ދިނުމުގައި އޭގެ ހައްގުވެރިން ކަނޑައަޅަން ފަސޭހަ ވެގެން ދާނީ. ކުރިއަށް މި އޮތް އަހަރުގައި އެކަންކަމަށް ހެޔޮ ބަދަލުތައް ގެނެވޭނެ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި ރާއްޖެ އަކީ ދުނިޔޭގެ ކުދި އެހެން ގައުމުތަކާ ބަލާއިރު ނިސްބަތުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ގައުމެވެ. ނަމަވެސް ރާއްޖެ އަށް ޖެހިފައިވާ މައްސަލަ އަކީ އިސްރާފު އިންތިހާ އަށް ދިއުމެވެ. ސަބްސިޑީ މިދޭ ސަގާފަތަކީ ވެސް ހަމަ އޭގެ ބައެކެވެ. ސަބްސިޑީ މި ވަނީ ސޮދަގާތެއްގެ ގޮތުގައ ބަހާ އެއްޗަކަށެވެ. މި ނޫން އެހެން ގޮތެއް މިކަމަށް ހޯދަން ޖެހެ އެވެ.

އެކަމަކު މި ސަރުކާރުގެ ވައުދުތައް އޮތީވެސް ހިލޭ ގިނަ ކަންތައްތަކެއް ކޮށްދޭން ޖެހޭ ގޮތަށެވެ. އެކަމަކު ކަންނެތް އިގްތިސާދަށް ތާއަބަދަށް ދެމެހެއްޓުން އެއީ ނެތް ގޮތެކެވެ.

comment ކޮމެންޓް