ނަހުލާގެ "ބޮސް"ވެސް ބައިސްކޯފަށް އަންނަނީ

ބޮސް ގެ ޕޯސްޓަރެއް---

ބައިސްކޯފު އަކީ އެންޓަޓެއިންމަންޓްގެ ހުރިހާ ދާއިރާތަކެއް ހިމެނިފައިވާ އެޕްލިކޭޝަނެކެވެ. އޯޑިއޯ، ވީޑިއޯ އަދި ދިވެހި ފިލްމުތަކާއި ގިނަ އަމިއްލަ ސީރީޒްތައް ވެސް ބައިސްކޯފު އެޕްލިކޭޝަނުން ބަލައިލެވެ އެވެ. އަދި ޓޯކް ޝޯފަދަ ޝޯތަކާ އެކު އެންޓަޓެއިންމަންޓް ދާއިރާގައި ހިމެނޭ ދިވެހި ހުރިހާ ފަންނާނުންގެ މައުލޫމާތުތަކާ ހުރިހާ މަސައްކަތެއް ވެސް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ އެވެ.

ބައިސްކޯފުއަށް އެއް އަހަރުގެ މުނާސަބާތާ ގުޅިގެން ފާތިމަތު ނަހުލާގެ "ބޮސް" އެ އެޕްލިކޭޝަންގައި ސްޓްރީމްކުރަން ނިންމައިފި އެވެ. މި މަހު ބޮސް ބައިސްކޯފު އެޕްލިކޭޝަނުން ސްޓްރީމްކުރާކަން އެ ކުންފުނިން ވަނީ އިއުލާންކޮށްފަ އެވެ.

މި ފިލްމު ބައިސްކޯފުގައި ރިލީޒްކުރުމާ އެކު ފިލްމު ބަލަން ބޭނުންވެފައި ތިބި ގިނަ ބަޔަކަށް ބޮސް ބެލުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އެ ފިލްމުވަނީ މީގެ ކުރިން ވެސް އެކި ފަހަރުގެ މަތިން އޮލިމްޕަހުގައި ސްކްރީންކޮށްފަ އެވެ.

"ބޮސް"އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ބޮސްއިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.

ގިނަ ބައެއްގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި "ބޮސް" އަށް މިފަހަރުގެ ފިލްމު އެވޯޑްސް ހަފްލާގައި ވިދާލާފައެއްނުވެ އެވެ. ރޭ އިއުލާންކުރި ހަ ކެޓަގަރީ އިން ފިލްމު ބޮސް ނޮމިނޭޓް ވީ ދެ ކެޓަގަރީއަށެވެ. އެއީ އެންމެ މޮޅު ސަޕޯޓިން އެކްޓަރ އަންހެން އަދި ފިރިހެން ކެޓަގަރީއިންނެވެ.

ބައިސްކޯފުގައި "ބޮސް" ރިލީޒްކުރާއިރު ހަތަރު އަހަރެއްހާ ދުވަސްވަންދެން ރިލީޒްނުކުރެވި އޮތް ފިލްމު "މާޔޫސް" ވެސް ވަނީ އެ އެޕްލިކޭޝަނުން ދެއްކުމަށް ނިންމައިފަ އެވެ.

comment ކޮމެންޓް