ގުދުސްގައި ކޭބަލް ކާރު އަޅަން އިސްރާއީލުން ނިންމައިފި

އިސްރާއީލުން ވަނީ ގުދުސްގައި ކޭބަލް ކާރުގެ ނިޒާމެއް ގާއިމު ކުރަން ނިންމާފަ -- ފޮޓޯ: ޔޫޓިއުބް ސްކްރީންޝޮޓް

ގުދުސް (ނޮވެމްބަރު 7): ގުދުސްގައި ކޭބަލް ކާރުގެ ވިއުގައެއް ގާއިމު ކުރަން އިސްރާއީލުގެ ހައުސިން ކެބިނެޓުން ނިންމައިފި އެވެ.

އިސްރާއީލްގެ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އިއްޔެ އެގައުމުގެ ހައުސިން ކެބިނެޓުން ނިންމީ ގުދުސްގެ އިރުމައްޗާއި ހުޅަނގު ކޭބަލް ކާރުން ގުޅުވާލުމަށެވެ. އަދި އެވިއުގަ އަޅަން ނިންމި އެއް ސަބަބަކީ އިރުމަތީ ގުދުސްގައި ހުންނަ، ޔަހޫދީންނަށް މުގައްދަސް ތަނެއް ކަމަށްވާ ހުޅަނގު ފާރު ނުވަތަ ވެސްޓަން ވޯލްއަށް ދާން ގިނަ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭތީ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ކޭބަލް ކާރު އެޅުމުން އެއް ގަޑި އިރު ތެރޭ 3،000 މީހުން ހުޅަނގު ގުދުސްއިން އިރުމަތީ ގުދުސްއަށް ގެންގޮސްދެވޭނެ އެވެ.

އިސްރާއީލުން 1967ގައި ހަ ދުވަހުގެ ހަނގުރާމައަށް ފަހު ވެރިވެގަތް އިރުމަތީ ގުދުސްގައި ކޭބަލް ކާރުގެ މަޝްރޫއު ފެށުމުން އެސަރަހައްދުގެ ދިރިއުޅޭ މީހުންނަށާއި އެސަރަހައްދުގައި ހުންނަ ދީނީ އަދި ސަގާފީ ގޮތުން ފާހަގަކޮށްލެވޭ ބިނާތަކަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެ އެވެ.

ޔުނެސްކޯއިން ވަނީ 1981 ވަނަ އަހަރު ގުދުސްގެ ގަދީމީ ޝަހަރު ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނާފަ އެވެ.

އަދި ގަދީމީ ބިނާތައް ރައްކާތެރި ކުރުމަށް ގޮވާލާ އިސްރާއީލްގެ އެންޖީއޯއެއް ކަމަށްވާ އެމެކް ޝަވޭ އިން ވަނީ ކޭބަލް ކާރުގެ މަޝްރޫއަކީ އެގައުމުގެ ސަރުކާރުން "ސިޔާސީ އެޖެންޑާއެއް" އޮވެގެން ފަށާ މަޝްރޫއެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެފަދަ މަޝްރޫއެއް ފެށުމުން ގުދުސްގައި އޮތް ނާޒުކު ސިޔާސީ ހާލަތަށާއި ގަދީމީ ޝަހަރުގެ ލޭންޑްސްކޭޕަށް ބަދަލު އަންނާނެ ކަމަށް ބުނެފަ އެވެ.

އެހެންކަމުން އެޖަމްއިއްޔާއިން ވަނީ ކޭބަލް ކާރުގެ މަޝްރޫއު ހުއްޓުވުމަށް އެދި އިސްރާއީލްގެ ހައި ކޯޓަށް ޕެޓިޝަނެއް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު އެމަޝްރޫއު ރާވަމުން ދިޔަ އިރު ގުދުސްގެ އޭރުގެ މޭޔަރު ނިރު ބަރުކާތު ވަނީ އެމަޝްރޫއުގެ ސަބަބުން ގުދުސްގެ އަސްލު ވެރިންނަކީ އިސްރާއީލްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް