އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމަނައި، ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑީމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ޖަމިއްޔާ އިއްޔެ އެ މިނިސްޓްރީން ވަނީ އުވާލާފައެވެ.
ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ، ޔޫރަޕުގައިވެސް އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމެށެވެ. އެއީ "ފްރީ ސްޕީޗް"ގައި ހިމެނޭ ކަމެއް ނޫން ކަމަށް މަހްލޫފު ވިދާޅުވިއެވެ.
އެކަމުގެ މިސާލި މަހުލޫފް ނެންގެވީ، އޮސްޓްރިއާގައި މީހަކު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްގެން އެގައުމުގެ ކޯޓަކުން އެ މައްސަލައިގައި އޭނާ ކުށްވެރިކުރުމުން، ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްއިން އެ މައްސަލަ ނިންމި ގޮތެވެ.
"އެއީ ޔޫރަޕްގެ ހިއުމަން ރައިޓްސްގެ އެންމެ މަތީ ކޯޓު. އެ ކޯޓަށް ދިޔައިމަ އެ ކޯޓުން ނިންމަނީ ރަސޫލާއަށް ފުރައްސާރަ ކުރުމަކީ، ޔޫރަޕްގެ ހިއުމަންރައިޓްސް ކޮންވެންޝަންގައިވެސް ބަޔާން ކުރާ ހައްގެއް ނޫނޭ،" 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ ކޯޓުން ނިންމި ނިންމުމާ ބެހޭގޮތުން މަހުލޫފް ވިޑާޅުވިއެވެ.
އެމްޑީއެންއަކީ ރާއްޖޭގައި އިސްލާހަށް މަސައްކަތްކުރި ޖަމިއްޔާއެއް ކަމަށާއި، ނަމަވެސް އެނގިގެން ނުވަތަ ނޭނގި ތިބެވެސް އެ ޖަމިއްޔާއިން އިސްލާމްދީނަށް ފުރައްސާރަކުރުމުން އެއީ ގާނޫނު ތަން ދޭ ކަމަކަށް ނުވާތީ ޖަމިއްޔާ އުވާލަން ނިންމީކަމަށް މަހްލޫފު ވިދާޅުވިއެވެ.
"އަޅުގަނޑު ޖަލުގައި އޮތް އިރު އަޅުގަނޑުގެ މައްސަލަ އދގެ ވޯކިން ގުރޫޕަށް ހުށަހަޅައިގެން އެ މަސައްކަތްވެސް ކުރީ އެމްޑީއެންއިން. އެކަހަލަ ބައިވަރު މަސައްކަތް [އިސްލާހީ މަސައްކަތް އެ ޖަމިއްޔާ އިން] ކުރިކަން އަޅުގަނޑުމެންގެ ތެރޭގައި ތިބި ވަރަށް ގިނަ ރައްޔިތުންނަށް އޭނގޭނެ،" މަހްލޫފު ވިދާޅުވިއެވެ.
ކޮންމެ ޖަމިއްޔާއަކުންވެސް ގާނޫނުތަކާ ހިލާފަށް ކަންތައް ކުރާނަމަ، އެ ޖަމިއްޔާތައް އުވާލަން ފަސް ނުޖެހޭނެކަމަށް މަހްލޫފު ވިދާޅުވިއެވެ. ހުރިހާ ޖަމިއްޔާތަކުންވެސް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް މަހުލޫފު އިލްތިމާސް ކުރެއްވިއެވެ. އަދި އެމްޑީއެން އުވާލުމަށް ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔާކަމަށް މަހްލޫފު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނުވާނަން ޖަމިއްޔާތަކަށް ބިރަކަށް. އަޅުގަނޑުމެން ވާނީ ޖަމިއްޔާތަކަށް އެއްބާރުލުންދޭ ބަޔަކަށް. އެމީހުންގެ މަސައްކަތްތަކަށް މަގުފަހުކޮށްދޭ ބަޔަކަށް. އެމީހުންނާއެކު މަސައްކަތްކުރާ ބަޔަކަށް. ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެތެރެއިން މަސައްކަތް ކުރާހާ ހިނދަކު ހުރަހަކަށް ނުވާނަން،" އެ ޔަގީންކަން މަހްލޫފުދެއްވިއެވެ.
މަހްލޫފު ވިދާޅުވީ، އެމްޑީއެންއިން ހެދި ރިޕޯޓު ބިނާވެފައި އޮތީ މުޖުތަމައުގައި އޮތް ސީރިއަސް މައްސަލައަކަށް ކަމަށެވެ. ނަމަވެސް ރިޕޯޓު ނެރުނު އިރު އޭގައި އިސްލާމްދީނަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ހިމެނުމަކީ ގޯހެއް ކަމަށް މަހްލޫފު ފާހަގަކުރެއްވިއެވެ.
"ދީނީ ގޮތުން ހައްދުފަހަނައަޅާ ގޮސްފައިވާ ވާހަކައަކީ މިއަދު ނުދައްކާ ތިބޭވަރުގެ ވާހަކައެއް ނޫން. މިދައްކަނީ، ފައިކުރި ކުރުކޮށްފައި ތުބުޅި ދިގުކޮށްފަ ހުންނަ މީހާއަކީ ހައްދުފަހަނައެޅި މީހުންނެއް ނޫން. މީހުން މަރައިފި މި ރާއްޖޭގައި. ޔާމީން ރަޝީދު މަރައިފި، ރިލްވާން މަރައިފި، ޑރ.އަފްރާޝީމް މަރައިފި،" މަހްލޫފު ވިދާޅުވިއެވެ.
މަހްލޫފު ވިދާޅުވީ، އިސްލާމްދީނަކީ ސުލްހަވެރިކަމުގެ ދީން ކަމަށާއި ބަޔަކު ކުރާ ކަމަކުން އެމީހަކު މަރަން ގޮވައި، އެމީހުން މެރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ އެކަމުގެ ހައްލެއް ނޫން. ގާނޫނީ އިމުގެ ތެރެއިން ގެންދަންޖެހޭ ހުރިހާ ކަމެއް ގެންގޮސް ސުލްހަވެރިކަމާ އެކު[ކުރިއަށްދާން ވީ] އަޅުގަނޑުމެންގެ ދީނަކީ ސުލްހަވެރިކަމުގެ ދީން. އެއްވެސް ކޮޅަކުން، ދީނީ ގޮތުން ހައްދުފަހަނައަޅާ ދިޔުމާ ދެކޮޅަށްވެސް އަދި ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށްވެސް އަޑު އުފުލާ [ފަރާތްތަވެސް]" އަނިޔާވެރިކަމަށް ހިތްވަރުދޭ ގޮތަށް ކަންތައް ނުކުރުމަށް މަހްލޫފު އިލްތިމާސް ކުރެއްވިއެވެ.
އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު އެ ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ، އެ ޖަމިއްޔާއާ ދެކޮޅަށް ޝޯޝަލް މީޑިއާގައި ދަނީ ބޮޑު ކެމްޕެއިނެއް ހިންގާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުތަކުގައި އެމްޑީއެންއާ ދެކޮޅަށް އަޑުއުފުލާފައި ވެއެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ނިންމައި ދީނީ އިލްމުވެރިންނާ ހަވާލުކޮށްގެން ދިރާސާއެއް ހެދިއެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް އެބަހުއްޓެވެ.
އެ ރިޕޯޓު ތައްޔާރުކުރި މީހުންނަށްވެސް ފިޔަވަޅު އަޅަން ގޮވާލަމުންދާއިރު، ރިޕޯޓު ލިޔުމުގައި އުޅުނު ޝަހިންދާ އިސްމާއީލާއި ޑރ. އަޒްރާ ނަސީމް ފުލުހަށް ހާޒިރުވުމަށް ފުލުހުން ޗިޓު ފޮނުވިއެވެ. އެ ދެ މީހުންވެސް މިހާރު އުޅެނީ ރާއްޖެއިން ބޭރުގައެވެ. އަޒްރާ ވަނީ ރާއްޖޭގައި ރައްކާތެރި މާހައުލެއް ނެތްކަމަށް ބުނެ، ފުލުހަށް ހާޒިރުވާން އުޒުރުވެރިވާކަން އަންގާފައެވެ.