ދިވެހި 63 ކުންފުންޏާއެކު ލަންޑަނުގައި ވޯލްޑް ޓްރެވަލް މާކެޓް ފަށައިފި

ޑަބްލިއުޓީއެމް ލަންޑަންގައި ބައިވެރިވާ ދިވެހި ވަފުދު، ރާއްޖޭގެ ސްޓޯލްގައި-- ފޮޓޯ: އެމްއެމްޕީއާރުސީ

ރާއްޖޭގެ 63 ކުންފުންޏާއެކު ވޯލްޑް ޓްރެވަލް މާކެޓް 2019 އިނގިރޭސިވިލާތުގެ ލަންޑަންގައި ފަށައިފިއެވެ.

އިއްޔެއިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ފެއާގައި ރާއްޖެ ތަމްސީލު ކުރުމަށްޓަކައި 63 ކުންފުނިން 161 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އެ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށްޓަކައި އެ ފެއާގައި ރާއްޖޭގެ ސްޓޭންޑުން "ބިޒްނަސް ޓު ބިޒްނަސް" މީޓިންގްތައް ފަދަ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އިނގިރޭސިވިލާތުގެ ތިން ސިޓީއެއްގައި ރޯޑްޝޯވތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ.

އެ ފެއާގެ ތެރެއިން އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު ވަނީ މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2020 އާއި ރިސޯޓް ހޮޓެލް ގައިޑް 2020 ތައާރަފު ކޮށްދެއްވާފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގައި ރާއްޖެ ޕްރޮމޯޓުކުރަން ރާވާފައި ހުރި ގޮތްތަކާ ބެހޭގޮތުން ބޭރުގެ މީޑިއާތަކާ މައުލޫމާތު ހިއްސާކުރުމަށްޓަކައި ނޫސްވެރިންގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ތޮއްޔިބާއެކު އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް އައި 90،965 ފަތުރުވެރިންނާއެކު އެގައުމަކީ ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ގައުމެވެ.

comment ކޮމެންޓް