މި އަހަރު ނިމުމުގެ ކުރިން 52 ރަށެއްގައި ޕާކް ހެދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ފަނަރަ ރަށެއްގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި ބްރިލިއަންޓް ކޮމްޕެނީއާ އެކު އެއްބަސްވުމުގައި ސޮއެ ކުރެއްވުމަށް ޔޫތް މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ، މިހާރު ވެސް ގިނަ ޕާކްތަކެއްގެ މަސައްކަތް ފެށިފައިވާ ކަމަށާއި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 52 ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް ފެށުން ކަމަށެވެ.
އެގޮތުން 7 ރަށެއްގައި މިހާރު ސާމާނު ގެންގޮސް މަސައްކަތް ފަށައިފައި ވާ ކަމަށާއި އިތުރު 15 ޕާކެއްގެ ސާމާނު އިއްޔެ ގެންނަން އެއްބަސްވުމެއްގައި ކުރިން ސޮއެ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އެ 15 ޕާކް އަވަސް މުއްދަތެއްގައި އެޅިގެންދާނެ ކަމަށެވެ. އަދި އިއްޔެ ސޮއެ ކުރެވުނު އިތުރު 15 ޕާކުގެ އިތުރުން އަދި ވެސް 15 ޕާކެއް މި އަހަރު ނިމުމުގެ ކުރިން ހެދުމަށް ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި އަހަރު ނިމިމުގެ ކުރިން 52 ޕާކް އެކި ރަށްރަށުގައި އެޅުގެން ދިއުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" މަހްލޫފް ވިދާޅުވި އެވެ. "އަޅުގަނޑަށް ވަރަށް ގިނަ ރަށްރަށަށް ދެވިއްޖެ. ދެވުން ރަށްރަށުގައި މިހެން ކުޑަކުދިން ގޮސް ކުޅެލާ ހަދާނެ ޕާކެއްހާ މިންވަރު ނެތް ރަށްރަށުގެ ވާހަކަ މި ދައްކަނީ،"
މަހްލޫފް އިތުރަށް ވިދާޅުވީ، މިފަދަ ޕާކްތައް އަޅުއްވާނީ ރަށުގެ ކުޑަ ބޮޑުމިނެއް ބެލުމެއް ނެތި ކަމަށާއި އެ ކަންކަން ބޭނުންވާ ކޮންމެ ބަޔަކަށް ވެސް ފުރުސަތު ހައްގު ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވެސް ހަމައެކަނި މާލޭގައި މިފަދަ ކަންކަން ކުރުން ނޫން ކަމަށާއި މުޅި ރާއްޖެ ތެރެ ވެސް މާލެއާ އެކީ ތަރައްގީ ވުން ކަމަށެވެ.
އިއްޔެ ވެވުނު އެއްބަސްވުމުގައި ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސޮއެ ކުރެއްވީ އެ ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް މަސްއޫދު އެވެ. މިނިސްޓްރީގެ ފަރާތުން މަހްލޫފް ސޮއެ ކުރެެއްވި އިރު މިއީ 1.29 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި އެއްބަސްވުމުގެ ދަށުން 55 ދުވަސް ތެރޭގައި ހަވާލުކުރެވިފައިވާ މަސައްކަތް ނިންމަން ޖެހޭނެ އެވެ.