އޮޕޯގެ އާ ފޯނު 29 މިނެޓުން ޗާޖު ކޮށްލެވޭނެ!

އޮޕޯއިން ދާދި ފަހުން ނެރެފައިވާ ރީނޯ އޭސް ސްމާޓްފޯން ސީރީޒްގެ ދެ ފޯނު --- ފޮޓޯ : ޖީއެސްއެމް އެރީނާ

އެންމެ 29 މިނެޓުގެ ތެރޭގައި ސުން ޕަސެންޓުން 100 ޕަސެންޓަށް ޗާޖުކޮށްލެވޭ ސްމާޓްފޯނެއް، ޗައިނާގެ ސްމާޓްފޯނު ކުންފުނި ކަމަށްވާ "އޮޕޯ" އިން ނެރެފި އެވެ.

އޮޕޯ އިން ދާދި ފަހުން ނެރެފައިވާ "ރީނޯ އޭސް" ސްމާޓްފޯނަކީ އެކުންފުނީގެ ފްލެގްޝިޕް ފޯނެކެވެ.

މިހާރުގެ ބޮޑެތި ފްލެގްޝިޕް ފޯނުތަކުގެ ސްޕެސިފިކޭޝަން އާ އެއްވަރެއްގައި އެ ފޯނުގެ ޗިޕްސެޓުތައް ހުރިއިރު، ރީނޯ އޭސްގެ ހާސިއްޔަތަކީ އެ ފޯނުގެ ބެޓެރިއެވެ.

އެ ފޯނުގައި 4،000 މިލިއެމްޕިއާގެ ބެޓެރިއެއް ބޭނުންކުރާއިރު، އޮޕޯއިން ބުނަނީ އެ ފޯނު ޗާޖުކުރަން ހޭދަވާނީ އެންމެ 29 މިނެޓާއި 33 ސިކުންތުކަމަށެވެ.

އެއީ މިހާތަނަށް އާންމުންނަށް ބޭނުންކުރުމަށް ނެރެފައިވާ ފޯނުތަކަށް ބަލާނަމަ ރެކޯޑު އަދަދެކެވެ. އެންމެ އަވަހަށް ޗާޖުކޮށްލެވޭ ސްމާޓްފޯނުގެ މަގާމުގައި މީގެކުރީން އިނީވެސް އޮޕޯގެ ފޯނެކެވެ.

އޮޕޯއިން މިދިޔަ އަހަރު ނެރުނު "އެފް 9 ޕްރޯ" އަކީ މީގެކުރީން އެންމެ ގިނަ އަވަހަށް ޗާޖުކޮށްލެވޭ ފޯނެވެ. ގާތްގަނޑަކަށް 44 މިނެޓުގެ ތެރޭގައި އެ ފޯނު އެއްކޮށް ޗާޖުކޮށްލެވޭނެއެވެ.

އިތުރު ސްމާޓްފޯނު ބްރޭންޑުތައް ކަމަށްވާ ވާވޭ އާއި ވަން ޕްލަސް އަދި ސެމްސަން އިން ވެސް ދަނީ އަވަހަށް ޗާޖުކުރެވޭ ފޯނުތަކެއް އުފައްދަމުންނެވެ.

comment ކޮމެންޓް