ސެޕްޓެމްބަރު މަހުގެ ތެރޭގައި މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހި، އެހީތެރިކަމަށް އެދުނު ދެ ދަރިވަރަކަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުގެ ފަރާތުން ސްކޮލަޝިޕް ދީފިއެވެ.
މިއަދު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގައި ބޭއްވި ބައްދަލުވުމެއްގައި ދެ ދަރިވަރުންގެ ބެލެނިވެރިންނާއި ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް އެންގި ފަރާތްތަކުގެ ތެރޭގައި މި ދެ ދަރިވަރުންވެސް ހިމެނެއެވެ. އަދި ކިޔެވުން ފުރިހަމަކުރުމަށްޓަކައި އެ ދެ ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާކަންވެސް އަންގާފައި ވެއެވެ.
މިއިން އެއް ދަރިވަރަކަކީ މެލޭޝިއާގެ މޮނާޝް ޔުނިވާސިޓީގައި ބެޗެލާ އޮފް އާޓްސް (އޮނާސް) ކިޔަވާ ދަރިވަރެކެވެ. އަދި ދެވަނަ ދަރިވަރު ގެންދަނީ މެލޭޝިއާގެ ވެސްޓްމިންސްޓާ އިންޓަނޭޝަނަލް ކޮލެޖުގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާޒްއަށް ކިޔަވަމުންނެވެ.
އެ ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ހޭދަވާ އެއްވެސް ފައިސާއެއް އަނބުރާ ދައްކާކަށްނުޖެހޭނެއެވެ. އަދި ސްކޮލަޝިޕްގައި އިތުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކޯސް ފީއެއްވާނަމަ އެ ފައިސާއާއި ކޯސް ނިމެންދެން މެލޭޝިއާގައި ދިރިއުޅުމުގެ ޚަރަދާއި އަނބުރާ ގައުމަށް އައުމަށް ބޭނުންވާނެ ޓިކެޓް އަދި ޑިޕާޗާ އެލަވަންސް ދިނުމަށްވަނީ ހަމަޖެހިފައެވެ.