ގާޒީ ހައިލަމަށް ފާޑުކިޔާތީ އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަނީ

ޕީޕީއެމް މެމްބަރުން އިހުތިޖާޖުގައި --

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ވައިބާ ގުރޫޕެއްގައި އާންމު ކުރި މެސެޖަކާ ގުޅިގެން މަޖިލީހުގެ މެމްބަރުން އޭނާއަށް ފާޑު ކިޔާތީ ޕީޕީއެމް، ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މަޖިލީހުގައި މިހާރު ކުރިއަށް ދަނީ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކުރި ރިޕޯޓު ޖުޑިޝަރީ ކޮމިޓީއިން ދިރާސާކޮށް ނިންމި މައްސަލަ އެވެ.

އެމައްސަލައިގެ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމަށް ފާޑު ކިޔަމުން ދަނީ ކްރިމިނަލް ކޯޓުގެ ވައިބަ ގުރޫޕަކަށް ނަސްރުގެ ދުވަހާ ގުޅިގެން ހައިލަމް ފޮނުވި މެސެޖެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ހިލިހިލާ ޖަހާފައިވާ ކާޓޫނެއް ލާފައިވާތީ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީ މެމްބަރުން ތަޅުމުގައި ތުހުމަތު ކުރެއްވީ، ގާޒީ ހައިލަމަށް ޕީޕީއެމް-ޕީއެންސީއިން ފައިސާ ދީފައިވާ ކަމަށެވެ. އެ ފައިސާ ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑްރިންގް މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކުރުމަށް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލީހުގައި ކުރިއަށް ދަނީ މާދަމާ އޮންނަ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުމުގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ މައްސަލައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މޭޒުކޮޅު ކުރިމަތީގައި އިދިކޮޅަށް ނިސްބަތްވާ ހަތް މެމްބަރުން އެރިލައިގެން ތިބެ ގޮވަމުން ދިޔައީ ކޯޓުތަކަށް އަތް ނުބޭނުމަށާއި ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރާ މަނީލޯންޑްރިންގް މައްސަލަ ބައްލަވަނީ ގާޒީ ހައިލަމް އެވެ. މާދަމާ އެމައްސަލައިގެ ހުކުމް އޮއްވައި މިހާރު ޖޭއެސްސީއިން ދަނީ ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ. އެއީ ވައިބާ ގުރޫޕަށް ހައިލަމް ފޮނުވި މެސެޖާ ގުޅިގެން ބަލަމުންދާ ސުލޫކީ މައްސަލަ އެކެވެ.

comment ކޮމެންޓް