ޕާސަނަލް ފައިނޭންސިން ހިދުމަތް އެއް ދުވަސްތެރޭ ހަމަޖައްސައިދޭ ގޮތަށް ބީއެމްއެލް އިސްލާމިކް އިން ކަނޑައަޅައިފި އެވެ. މި ބަދަލާ އެކު މި ހިދުމަތް ވަނީ އިސްލާމިކް އުސޫލުތަކުގެ މަތިން އެންމެ އަވަހަށް ލިބޭ ޕާސަނަލް ފައިނޭންސިންގެ ހިދުމަތަށެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަކީ މުސާރަ ޖަވާމާ ފަރާތްތަކަށް އަމާޒުކޮށް މަހުން މަހަށް ފައިސާ ދައްކާ ގޮތަށް 300،000 ރުފިޔާ އާ ހަމަޔަށް ވިޔަފާރިތަކުން މުދާ ގަނެވޭ ހިދުމަތެކެވެ. މިގޮތުން އިމާރާތްކުރުމަށް ބޭނުންވާ ސާމާނު، އިލެކްޓްރޯނިކްސް، ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި އަދި މޮޓޯ ސައިކަލް ފަދަ މުދާ މި ހިދުމަތުގެ ތެރެއިން ބީއެމްއެލް ނެގޭނެ އެވެ.
މި ފެސިލިޓީގެ ދަށުން މުދާ ނެގި ނަމަވެސް އެއްވެސް އެޑްވާންސް ޕޭމެންޓެއް އަދި ޕްރޮސެސިން ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.
މި ހިދުމަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ގެނެވުނު ބަދަލަކީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ޕާސަނަލް ފައިނޭސިން އަށް ލިބެމުންދާ އާންމުންގެ ބޮޑު ތަރުހީބާ އެކު އެއްދުވަސްތެރޭ މި ހިދުމަތް ފޯރުކޮށްދިނުމަކީ ވަރަށް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް." ޓިމް ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައި ވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.
ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގަ އެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.