އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމައިފި އެވެ.
ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވަނީ ރާއްޖެ އެތެރެކާ ކުރާ ކޮންމެ ސިގިރޭޓަކަށް މިހާރު ނަގާ ޑިއުޓީ ދެ ރުފިޔާ އިން ތިން ރުފިޔާ އަށް ބަދަލު ކުރުމަށެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރީ 2017 ވަނަ އަހަރު އެވެ.
އިމްޕޯޓު ޑިއުޓީ އަށް އަދި ކަސްޓަމްސް ޑިއުޓީ އަށް ގެންނަ ބަދަުލުތަކާއެކު 558.2 މިލިއަން ރުފިޔާގެ އާމްދަނީ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ ސަން އަށް ވިދާޅުވީ މި ބަދަލުތައް ގެނެސް ގާނޫނުގައި ހިމެނުމަށް މިމަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ބަޖެޓުގައި ބުނެފައިވާގޮތުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި 2020 ވަނަ އަހަރު 3.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. މިއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 1.1 ޕަސެންޓް އިތުރުވެފައެވެ.
މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގުތައް ބޮޑުވެ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި އަހަރުގެ ނިޔަލަށް ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީ އިތުރުވުމާއި 2020 ގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތުގެ ހަރަކާތްތައް ރަނގަޅުވާނެކަމަށް ބެލެވުމާއެކު ފާއިތުވި އަހަރާ އަޅައިބަލާއިރު ރާއްޖެއަށް އެތެރެކޮށްފައިވާ މިދަލުގެ އަދަދު އިތުރުވުން ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އިމްޕޯޓް ޑިއުޓީ ނަގާ ގޮތާއި އިމްޕޯޓް ޑިއުޓީ
ނަގާ ރޭޓުތައް ބަދަލުކުރަން ހުށަހަޅާފައިވުމާއެކު އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ އިތުރުވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
އަންނަ އަހަރަށް ލަފާކުރޭ ބަޖެޓު އެކުލަވާލާފައިވަނީ ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ފިސްކަލް ސްޓްރެޓެޖީ އާއި އެއްގޮތްވާގޮތުގެ މަތިންނެވެ. ބަޖެޓުގައި ހިމަނާފައިވާ ކަންތައް ބިނާކޮށްފައިވަނީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވާ ކަންތައްތައް ހާސިލް ކުރުމަށެވެ.
އާމްދަނީގެ ގޮތުގައި އަންނައަހަރު 30 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި ހިމަނާފައިވަނީ ޓެކުހުން ލިބޭ އާމްދަނީ އެވެ. ޓެކުހުގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ޓެކްސް ނޫން ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 6.8 ބިލިއަން ރުފިޔާ އެވެ.