ރައްކާތެރި މާހައުލެއް ނެތްކަމަށް ބުނެ އަޒްރާ ރާއްޖެ އަންނަން އުޒުރުވެރިވެއްޖެ

ޝަހިންދާ އިސްމާއިލް އާއި ޑރ. އަޒްރާ ނަސީމް --

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އެ ރިޕޯޓު ލިޔުމުގައި ބައިވެރިވި ޑރ. އަޒްރާ ނަސީމް އުޒުރުވެރިވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އަޒްރާ ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ. މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އެ ދެމީހުންނަށް ޗިޓު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނީ ހުސްވި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

ނަމަވެސް ޗިޓު ކިޔުމަށް ފަހު، ސަލާމަތީ ސަބަބު ތަކަށް ޓަކައި، ރައްކާތެރި މާހައުލެއް ލިބޭނެކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެ ރާއްޖެ އައުމަށް އުޒުރުވެރި ވާކަމަށް އަޒްރާ އަންގާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

ނަމަވެސް ޝަހިންދާގެ ފަރާތުން މިހާތަނަށް ޖަވާބެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަށް ޗިޓު ކީ މުއްދަތުވެސް އަދި ހަމަ ނުވާކަމަށް ފުލުހުން ބުނެއެވެ.

އަޒްރާ ދިރިއުޅެމުން ދަނީ ސްޕެއިންގަ އެވެ. އަދި ޝަހިންދާ ދިރިއުޅެނީ ޖަރުމަނުގަ އެވެ. އެމްޑީއެންގެ މައްސަލަ ފެންމަތިވި އިރުވެސް އެމީހުން ތިބީ އެތަނުގަ އެވެ.

އެމްޑީއެން ރިޕޯޓުގެ މައްސަލާގައި ޝަހިންދާ އަދި އަޒްރާއަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ފުލުހުން ވަނީ ތިން ދީނީ އިލްމުވެރިން ލައްވައި، އެމްޑީއެންގެ ރިޕޯޓުގެ އިލްމީ ދިރާސާއެއް ކޮށްފައެވެ. އަދި އެ ދިރާސާއަށްފަހު ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން ފެންނަ ކަމަށް ވަނީ ނިންމައިފަ އެވެ.

ނޯޓު: އަޒްރާގެ އިތުރުން ޝަހިންދާވެސް ރާއްޖެ އައުމަށް އުޒުރުވެރިވާކަމަށް މި ޚަބަރުގައި ކުރިން ލިޔެވިފައި އޮތީ ފުލުހުން ފޯރުކޮށްދިން މައުލޫމާތުގައި އޮތް ކުށަކުންނެވެ. ފުލުހުންގެ ފަރާތުން އެ ކުށް ރަނގަޅުކޮށް، މީޑިއާއާ ހިއްސާކުރި ވަގުތުން ފެށިގެން މި ޚަބަރު ވަނީ އިސްލާހުކުރެވިފައެވެ.

comment ކޮމެންޓް