ﷲގެ ކޯފާއެއް އަތުވެއްޖެ ނަމަ ސަލާމަތް ނުވެވޭނެ ކަމަށާއި އެހެންކަމުން ގައުމުގެ ސަލާމަތަށް ޓަކައި ރާއްޖޭގައި އިސްލާމީ ވަހުދަތާއި ސިޔާދަތަށް އޮޅުންއަރުވާ ކޮންމެ މީހަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސައިން ގޮވާލައްވައިފި އެވެ.
އަދާލަތު ޕާޓީން އިންތިޒާމްކޮށްގެން ރޭ ކާނިވާ ސަރަހައްދުގައި "ލޮބެވެތި ނަބިއްޔާ"، މި މައުޟޫއަށް ދެއްވި ދަރުސްގައި އިލްޔާސް ވިދާޅުވީ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ދީނުގެ ޝިއާރުތަކަށް ގޮންޖަހައި ވާހަކަ ދެއްކި ކޮންމެ މީހަކީ ރާއްޖޭގައި އިސްލާމީ ވަހުދަތާ، ސިޔާދަތަށް އޮޅުން ގެނައުމަށް މަސައްކަތް ކުރާ މީހެއް ކަމަށެވެ.
އިލްޔާސް ވަނީ މުސްލިމު ގައުމެއްގައި މުސްލިމުންގެ ގޮތުގައި ތިބެ، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނަން ލަދުގަންނަން ޖެހޭ ކަމަށް ވިދާޅުވެ އެފަދަ މީހުން ތައުބާވެ، އިސްލާހުވުމަށް ވެސް ގޮވާލައްވައިފަ އެވެ.

ރާއްޖޭގައި އިސްލާމީ ވަހުދަތާއި އިސްލާމީ ސިޔާދަތު ރައްކާތެރި ކޮށްދެއްވުމަށް، ކުރައްވައިގެން ތިއްބެވި ހުވާ ހަނދާން ނައްތާނުލުމަށް ރައީސް އަށާއި ނައިބު ރައީސަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަލާމަތީ ބާރުތަކަށް އިލްޔާސް ރޭ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އިލްޔާސް ވިދާޅުވީ މުސްލިމަކު ނޭދެވޭ ކަމެއް ނުކުރާނެ ކަމަށާއި ނަމަވެސް މުސްލިމުންގެ ބޮލުގައި އިލްޒާމް އަޅުވަން ހަނގުރާމަ ހިނގާނެ ކަމަށެވެ.
"އެފަދަ މީހުންނަށް އަޅުގަނޑުމެން އެބަޖެހޭ ސަޒާ ދޭން. އެފަދަ މީހުންނާ ދޭތެރޭ ޖެހޭ ފިޔަވަޅު އަޅަން. އެހެންކަމުން އަޅުގަނޑު އެންމެ ލޯބިވާ، އެންމެ ގަދަރުކުރާ ދިވެހި ސިފައިންނާ ފުލުހުންނަށް ވެސް ދަންނަވާލާނީ މި ދިވެހިރާއްޖޭގައި އިސްލާމީ އަގީދާ އާއި ސިޔާދަތަށް އޮޅުންއަރުވާ ކޮންމެ ބަޔަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާށޭ. އެއީ މިގައުމުގެ ސަލާމަތަށް ޓަކައި. ސަބަބަކީ ﷲގެ ސަޒާ އަތުވެއްޖެ ނަމަ އަޅުގަނޑުމެންނަށް ނެތް އެއްވެސް ގޮތެއް ނެތް،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އިސްލާމް ދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނާ ނަމަ، މުސްލިމުންނަށް އުނދަގޫވާނެ ކަމަށެވެ. އަދި އެކަމާ ނުރުހުން ފާޅުކުރުމުގައި މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުންދިނުމަކީ މުސްލިމުން ކޮށްގެންވާނެކަމެއް ނޫން ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"މިއިން ކަމެއް އަޅުގަނޑު ގަބޫލެއް ނުކުރަން މުސްލިމަކު ކުރާނެ ކަމަކަށް. މުސްލިމުންނަކީ ވަރަށް އަހުލާގު މަތިވެރި ބައެއް،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ މުސްލިމުންނަށް އޮންނަނީ އެފަދަ ކަންކަމުގައި ގައުމުގެ ވަލިއްޔުލް އަމުރަށް ފިޔަވަޅު އަޅައިދެއްވުމަށް އެދި ދެންނެވުން ކަމަށެވެ. ދެން ފިޔަވަޅު އެޅުމާއި ނޭޅުން އޮންނާނީ ވަލިއްޔުލް އަމުރުގެ އަތް މަތީގައި ކަމަށާއި ދިވެހިންގެ އަޑު ރައީސް އައްސަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ދަންނަވާނީ ކެތްތެރިވެވަޑައިގަންނަވާށޭ، ސާބިތުވެވަޑައިގަންނަވާށޭ، ހަމަޖެހުމެއް ނުއުފައްދާށޭ،" އިލްޔާސް އިލްތިމާސްކުރެއްވި އެވެ.
އިލްޔާސް ރޭ ވަނީ ކީރިތި ޤުރްއާނާއި ރަސޫލާގެ ބަސްފުޅުތަކުގެ އަލީގައި މައުޟޫއަށް ވަރަށް ފުޅާކޮށް ވާހަކަދައްކަވައިފަ އެވެ. އެގޮތުން ކީރިތި ޤުރްއާނަކީ ކީރިތި ރަސޫލާއަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއް ކަމަށް މީހުން ބުނަނީ މިއަދު ނޫން ކަމަށާއި އެއީ މައްކާގެ މުޝްރިކުން ވެސް ޤުރްއާނަށް އިންކާރު ކުރުމަށް އެންމެ ބާރަށް ދެއްކި ވާހަކަ ކަން އިލްޔާސް ފާހަގަކުރެއްވި އެވެ.
އިލްޔާސް ވިދާޅުވީ ދީނުގައި އޮންނަ ގޮތް ދިރިއުޅުމަށް ގެންނަން ބުނާ މީހާއަކީ ޓެރަރިސްޓަކަށް ހަދާ ކަމަށެވެ.
"ތި ލޮބުވެތި ރައްޔިތުންގެ ކުރިމަތީގައި ﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ، އަޅުގަނޑު އިސްލާމްދީނުގައި އޮންނަ ގޮތް ބުނެދީގެން އަޅުގަނޑު ޓެރަރިސްޓަކަށް ހަދައިގެން އަޅުގަނޑު މަރާލިޔަސް ޒައްރެއްގެ މިންވަރު ވިޔަސް ފަރުވާލެއް ނެތް. އެކަމަށް ޖެހިލުމެއް ވެސް ނެތް. ހަދަންވީ ހަދާނެ ގާނޫނުތަކެއް،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވަނީ ﷲގެ ހަޟުރަތުގައި ކީރިތި ރަސޫލާގެ ދަރަޖައިގެ މަތިވެރިކަމާއި މުސްލިމުން އެކަލޭގެފާނަށް ލޯބިކުރަންވީ ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވައިފަ އެވެ. އަދި ރަސޫލާއަށް ލޯބިނުކޮށް މުސްލިމުންގެ އީމާންކަން ފުރިހަމަ ނުވާނެ ކަމާއި، ގިޔާމަތް ދުވަހުން މުޅި އިސްލާމީ އުންމަތަށް ޝަފާއަތްތެރިވާނީ ހަމައެކަނި ކީރިތި ރަސޫލާކަން ހަނދާންކޮށްދެއްވައިފަ އެވެ.
"ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން މިކަންކަމާ މެދު ވިސްނާ ވަޑައިގަންނަވާށޭ. ﷲގެ ކޯފާ އަތުވެއްޖެ ނަމަ ސަލާމަތްނުވާނޭ." އިލްޔާސް ވިދާޅުވި އެވެ.