ޒިޔަތުގެ މައްސަލަ: މޮހޯއާއި އިޝްފާހު ހެކީންގެ ގޮތުގައި ބަލައިގަތުމާ މެދު ގޮތެއް ނިންމަނީ

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ----

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތުން ހެކިވެރިންގެ ގޮތުގައި، ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފު (މޮހޯ) އަދި މ. ލޭންޑްއޮފްގާޑްން، އަހުމަދު އިޝްފާހް އަލީ ހުށަހަޅައިފިއެވެ.

ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ. އޭނާގެ މައްޗަށް ހިޔާނާތުގެ 30 އަށް ވުރެ ގިނަ ދައުވާކޮށްފައިވެއެވެ. އެ މައްސަލަތަކުގެ އަޑުއެހުމެއް ނުބާއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އޭގެ ތެރެއިން 30 މައްސަލައެއްްގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްގެން ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދުގެ އަޑުއެހުމަކީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ދެ ހެކިވެރިއެއްގެ ހެކިބަސް ނަގަން ބޭއްވި އަޑުއެހުމެކެވެ. އެކަމަކު، އެތަނުން ހާޒިރުކުރެވުނީ އެންމެ ސިއްރު ހެކިވެރިއެކެވެ.

ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލާ މަރިޔަމް ޝަހުމާ ވިދާޅުވީ، މީގެ ކުރިން އެ ހެކިވެރިޔާ ސިއްރު ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވާ ނަމަވެސް، ހެކި ސިއްރު ކުރަން ޖެހޭ ގޮތަށް ކުރިން އޮތް ހާލަތު މިހާރު ނެތުމުން، ފާޅުގައި އެ ހެކިވެރިޔާގެ ހެކިބަސް ނަގަން ބޭނުން ކަމަށެވެ. އަދި ދެން ތިބި ސިއްރު ހެކިވެރިންވެސް ފާޅުގައި ހެކިބަސް ދޭ ގޮތަށް މަޝްވަރާ ކުރަމުން އަންނަކަމަށް ޝަހުމާ ވިދާޅުވިއެވެ. ދިފާއުގެ އިއުތިރާޒެއް ނެތުމުން، ފާޅުގައި ހެކިބަސް ދޭ ގޮތަށް ހަމަޖެހޭ ސިއްރު ހެކިވެރިންގެ ހެކިބަސް ފާޅުގައި ނަގަން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވިއެވެ.

ދިފާއީ ވަކީލު އަހުމަދު ޔާމީން އެދިވަޑައިގެންނެވީ، ފާޅުގައި ހެކިބަސް ދޭ ހެކިވެރިން ތަހުގީގަށް ދިން ބަޔާން ދިފާއާ ހަވާލު ކުރުމަށް ފަހު އެ ހެކިވެރިންގެ ހެކިބަސް ނެގުމަށެވެ. އެއީ ކްރޮސް އެގްޒަމައިން ކުރަން ނުވަތަ ހެކިވެރިޔާއާ ސުވާލުކުރަން ފަސޭހަވާނެތީއެވެ. ބަޔާންތައް ހަވާލު ކުރުމަށް ފަހު، މިއަދު ހެކިބަސް ދޭން އައި ހެކިވެރިޔާގެ ހެކިބަސް ދެން އޮންނަ އަޑުއެހުމެއްގައި ނެގުމަށްވެސް ޔާމީން އެދިވަޑައިގަތެވެ. އެކަމަށް، ދައުލަތުން އިއުތިރާޒު ނުކުރުމުން ގާޒީ ނިންމެވީ ދެން އޮންނަ އަޑުއެހުމެއްގައި ހެކިބަސް ނެގުމަށެވެ.

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ---- --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އިތުރު ހެކި ލިބިއްޖެ: ދައުލަތް

ދައުލަތުގެ ވަކީލާ ޝަހުމާ މިއަދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތް ފުލުހުންނާއި، އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގުގައި މުޅިން އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޒިޔަތުގެ މައްސަލައާ ގުޅޭ ހެކިތަކެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، މި އަހަރުގެ ތެރޭގައި ދެ މީހެއްގެ ބަޔާން ތަހުގީގަށް ނެގިފައިވާ ކަމަށާއި، އަދި އެއާ ގުޅޭ ޑިޖިޓަލް ހެކިތަކެއްވެސް ލިބިފައިވާކަމަށް ޝަހުމާ ވިދާޅުވިއެވެ.

ޝަހުމާ ވިދާޅުވި ބަޔާންތަކަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ އަހްމަދު އިޝްފާހު އަލީ އާއި މުހައްމަދު އައްލާމް ލަތީފުގެ ބަޔާންތަކެވެ. އެ ދެ މީހުންނަކީ އެމްއެމްޕީއާރްސީގެ ޗެކުތައް ޒިޔަތުގެ އެދުމުގެ މަތިން އެސްއޯއެފްއަށް ޖަމާކުރި މީހުންކަމަށް ދައުލަތުން ބުނާ މީހުންނެވެ. އަދި ލިބިފައިވާ ޑިޖިޓަލް ހެކިތަކަކީ، އެ މީހުން ބުނާ ޓްރާންސެކްޝަންތަކަކީ ހިނގި ޓްރާންސެކްޝަންތަކެއްކަން ސާބިތުކޮށްދޭން ހުށަހަޅާ ހެކިތަކެކެވެ.

މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފު (މޮހޯ) އަދި މ. ލޭންޑްއޮފްގާޑްން، އަހުމަދު އިޝްފާހް އަލީ --

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ (ހ)އާއި ހައިކޯޓުގެ ގަވައިދާއި، މީގެ ކުރިން މަތީ މަރުހަލާ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ހަވާލާދެއްވައި ޝަހުމާ އެދިވަޑައިގަތީ އަލަށް ލިބުނު ހެކިތައް ޝަރީއަތަށް ބަލައިގަތުމަށެވެ. އެކަމަކު، އެކަމާ ދިފާއީ ވަކީލު ޔާމީން އިއުތިރާޒު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ތުހުމަތު ކުރެވޭ ބަޔަކު ކުއްލިއަކަށް، ޒިޔަތުގެ މައްސަލައިގައި ހެކީންނަށް ހެދުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ތެރެއިންވެސް، އައްލާމް އާއި އިޝްފާހު ހެކިވެރިންގެ ގޮތުގައި ދައުލަތުން ހުށަހެޅުމުން، އެ ދެމީހުން ހެކީންގެ ގޮތުގައި ބަލައިނުގަތުމަށް އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ނިންމަވާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެކަމަކު، ދައުލަތުން ބުނީ، ރައީސް ޔާމީންގެ މައްސަލައިގައި އެ ހެކި ނުބަލަން ނިންމި ހާލަތް ޒިޔަތުގެ މައްސަލައިގައި ނިންމި ހާލަތާ ތަފާތު ކަމަށެވެ.

ގާޒީ އަލީ އާދަމް ނިންމެވީ، ދެން އަންނަ އަޑުއެހުމެއްގައި އާ ހެކި ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށެވެ. ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ނޮވެމްބަަރު 24 ގައެވެ.

މިއަދު ދިފާއީ ވަކީލު ޔާމީން ފާހަގަކުރެއްވީ، އެމްއެމްޕީއާރްސީއިން ދޫކުރާ ޗެކުތަކުގައި ދެ ފަރާތަކުން ސޮއިކުރަން ޖެހޭނެ ގޮތަށް އެ ކުންފުނީގެ ބޯޑުން މީގެ ކުރިން ނިންމާފައިވާ ބޯޑު ރިޒޮލޫޝަން ދައުލަތުގެ ފަރާތުން ދިފާއަށް ލިބިފައިވާ ކަމެވެ. އެ ބޯޑު ރިޒޮލޫޝަނަކީ ބީއެމްއެލްއާ ހަވާލުކޮށް، އެ ނިންމުމުގެ މައުލޫމާތު ދީފައިވާ ރިޒޮލޫޝަނެކެވެ. އެހެންކަމުން، ދިފާއުން ބޭނުން ވަނީ ޗެކުތައް ދޫކުރީ ގާނޫނާ ހިލާފަށްކަން ބީއެމްއެލްއަށް އެނގޭކަން ސާބިތުކުރާށެވެ. އެއީ ޒިޔަތުގެ ދިފާއު ބިނާ ކުރުމަށް މުހިންމު ލިޔުމެކެވެ. އެ ރިޒޮލޫޝަނާ ބެހޭގޮތުން، ޒިޔަތުގެ ހިޔާނާތުގެ މައްސަލައިގައި ވާހަކަ ދައްކަން ބޭނުންވާކަން ޔާމީން ފާޅުކުރެއްވިއެވެ.

ޒިޔަތު މިހާރުވެސް ދަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި މަަައްސަލައެއްގައި އަށް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެކަމަކު، އޭނާ މިހާރު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް