ދިވެހި ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ބަލައި ފަރާތްތަކުގެ ލިސްޓުގައި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި މުޅި ސީރިއާ ހިމަނައިފިއެވެ.
ރައީސް އޮފީހުން މިއަދު ގެޒެޓުކުރި އިއުލާނުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ގައުމީ ސަލަމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ހަނގުރާމަވެރި ސަރަހައްދުތަކާއި ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓަށް އިތުރު ދެ ޖަމާއަތެއް ވަނީ އިތުރުކޮށްފައެވެ. އެ ދެ ޖަމާއަތަކީ ހައިއަތު ތަހްރީރު އަލް ޝާމް އަދި ހުއްރާސް އައްދީން އެވެ.
މިއާއެކު، މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އާންމުކުރި މި ލިސްޓުގައި މިހާރު 19 ޖަމާއަތެއް ހިމެނެއެވެ. އެ ލިސްޓްގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުން ކަނޑައަޅާފައިވާ ހުރިހާ ޖަމާއަތްތަކުގެ ނަން ހިމަނާފައިވެ އެވެ.
މިއަދު އާންމު ކުރި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް:
- އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
- އަލް ޤައިދާ
- ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
- ލަޝްކަރޭ ޠައިބާ
- އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
- އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
- އަބޫ ސައްޔާފް ގްރޫޕް
- ބޮކޮ ހަރަމް/ ބޯކޯ ހަރަމް
- އަލް ޝަބާބް
- އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
- ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
- ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
- ޖައިޝޭ މުޙައްމަދު
- އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
- ނޭޝަނަލް ތައުޙީދް ޖަމާޢަތް
- ޖަމާޢަތު މިއްލަތޭ އިބްރާހީމް
- ވިލާޔަތް އަލް ސޭލާނީ
- ހައިއަތު ތަހްރީރު އަލް ޝާމް
- ހުއްރާސް އައްދީން
"މިހާތަނަށްވެސް ގާނޫނީގޮތުން ކުރަންޖެހި ނުކުރެވި އޮތްކަމެއް އެއީ ލިސްޓު ހެދުން. ވަރަށް ސާފުކޮށް ސަރީހަކޮށް ޓެރަރިޒަމް ގާނޫނުގައި އެބަބުނޭ އެ ވާހަކަ. އަދި ކުރިން އެ ގާނޫނު ފާސްވި އިރު އޮންނަނީ ލިސްޓު ހަދާފަ އާންމު ކުރަން ޖެހޭނެ ކަމަށް. 2016 ވަނަ އަހަރު ގާނޫނަށް އިސްލާހު ގެނެސް އޭރު ނިންމެވީ ރައީސް ލިސްޓެއް ހެދުމަށްފަހު ގައުމީ ސަލާމަތު މަޖިލީހުގެ މަޝްވަރާތަކެއް ކޮށް ސިފައިންގެ ބެލުމުގެ ދަށުން ބަހަލައްޓަން ވާނެޔޭ،" ރައީސް ވިދާޅުވި އެވެ.
"ގައުމީ ސަލާމަތާ ބެހޭ މަޖިލީހާ ބައްދަލު ކޮށްފަ އަޅުގަނޑު ނިންމީ ލިސްޓު ހަދާކަމަށް ވަންޏާ ލިސްޓު އާންމުކުރަން ވާނެޔޭ... އަޅުގަނޑު އަތުގައި ފޮރުވާފައި ލިސްޓެއް އޮތަސް ކާކަށްތޯ އެނގޭނީ އެއީ ޓެރަރިސްޓް ޖަމާއަތެއްކަން،" މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓެރަރިސްޓް ޖަމާއަތެއްކަން ކަނޑައަޅައި އާންމު ނުކުރާ ނަމަ އެފަދަ ޖަމާއަތްތެއްގައި ބައިވެރިވެވުނަސް އާންމުންނަށް ނޭނގިދާނެ ކަމަށެވެ. ލިސްޓު އާންމު ކުރުމުން އެފަދަ ޖަމާއަތްތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް ހާމަކުރަން ޖެހޭ އަނެއް ސަބަބަކީ އެފަދަ ޖަމާއަތްތަކަށް އެހީވަނީ ކޮން ބއެއްއްކަން ދެނެގަތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިހާރުއޮތްގޮތުން އެއިން ޖަމާއަތަކާގުޅިގެން ހަނގުރާމައަށް ގޮސްފައި އައުމުން ކޯޓަށް އެ މައްސަލަލިޔަސް އެ މީހެއްގެ މައްޗަށް ކުށެއް ސާބިތު ކުރެވޭނެ ހުއްޖަތެއް އޮތްކަމަށް ކޯޓަކުން ނުދެކޭ. ހަމައެގޮތަށް ފައިސާގެ އެހީ ވިޔަސް އެކަން ސާބިތު ކުރެވޭގޮތެއް ނާދޭ. ޓެރަރިޒަމްއާ ގުޅޭ ޖަމާއަތްތަކަކީ ކޮބައިކަން ގާނޫނުގައި ކަނޑައެޅުމަށްފަހު އެއަށް ހަރަދު ކުރާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ގާނޫނުގައި އޮންނާނެ،" ރައީސް ވިދާޅުވިއެވެ.