އިބްތިހާލްގެ ހަށިގަނޑުގައި ދުވަސްވީ ލަކުނާއި ތާޒާ ޒަހަމްތައް ހުރި: ހެކި

ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް --

ދެ ހާސް ފަނަރަ ވަނަ އަހަރު އަނިޔާވެރިގޮތަކަށް މަރާލި މުހައްމަދު އިބްތިހާލްގެ ހަށިގަނޑުގައި ދުވަސްވީ ލަކުނާއި ތާޒާ ޒަހަމްތައް ހުރި ކަމަށް އެ މައްސަލައިގައި ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރަކު ބުނެފި އެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އެކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށެވެ. އާފިޔާގެ މައްޗަށް ކުރަނީ ދެ ދައުވާއެކެވެ. އެއީ ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

ދެ މައްސަލައިގެ އަޑުއެހުންތަކުގައި މިއަދު އޮތީ ހެކީންގެ ހެކިބަސް ނެގުމެވެ. ދައުލަތުން ވަނީ ދައުވާ ސާބިތު ކުރުމަށް އާފިޔާ އާދެކޮޅަށް ނުވަ ހެއްކެއް ހުށަހަޅައިފަ އެވެ.

ޝަރީއަތުގައި މިއަދު ހެކިބަސް ދިނީ އިބްތިހާލްގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗްގައި އޮތްއިރު އެތަނަށް ގޮސް އިބްތިހާލްގެ ހަށިގަނޑު ބަލައި ކްރައިމް ސީން ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރެއްގެ ހެކިބަހެވެ.

ކޯޓުގައި ހެކިބަސް ދެމުން އޭނާ ބުނީ، އިބްތިހާލްގެ ހަށިގަނޑުގައި ގިނަ ދުވަސްވީ ލަކުނުތަކެއް ހުރި ކަމަށެވެ. ހަމައެއާއެކު ބައެއް ޒަހަމްތަކަކީ މާގިނަ ވަގުތުތަކެއް ވެފައި ނުވާ ޒަހަމްތައް ކަމަށް އޮފިސަރު ޝަރީއަތުގައި ބުންޏެވެ.

އެގޮތުން އިބްތިހާލްގެ ކުރިމަތިފަރާތަށާއި ކަރަށް އަދި ކަންފަތަށް ލިބިފައިވާ ޒަހަމްތަކަކީ ގިނަ ވަގުތު ވެފައިނުވާ ޒަހަމްތަކެއް ކަމަށެވެ.

މައްސަލައިގައި ދެން ހުށަހެޅި ހެކީންނަކީ ރަކީދޫގައި ދިރިއުޅޭ މީހުން ކަމަށްވެފައި، އެމީހުންނަށް މާލެ އައިސް ހެކިބަސް ދޭން ދަތިވާނެތީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ދައުލަތުން މިއަދު ވަނީ އެދިފަ އެވެ.

އަދި ރަކީދޫގައި އެ އިންތިޒާމް ހަމަޖެހިފައި ނެތުމުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖެހިފައި ހުރީ އެ ސަރަހައްދުގެ ކޮން ކޯޓެއްގައިތޯ ބަލާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދެން މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހު ފަހުކޮޅު އެވެ. މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އެދުވަހު ހެކިބަސް ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ ކުރިން އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ.

އެކަމަކު އެފަހުން މި އަހަރުގެ އޮކްޓޯބަރު އަށް ވަނަ ދުވަހު މަރުގެ މައްސަލައިގައި ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފައެވެ. އޭނާ ބުނީ ކުރިން އިއުތިރާފުވީ ޖަލު އޮފިސަރުން އޭނާއަށް ވަޅިން ބިރު ދެއްކުމުން ކަމަށެވެ.

ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާގައި މީގެ ކުރިން ވަނީ އާފިޔާ ފެނިދެނިވެ ވާހަކަ ދައްކައި އުޅޭ ވ. ރަކީދޫ ސާމިލާ މުހައްމަދުގެ ހެކިބަސް ނަގައިފައެވެ. އެ އަޑުއެހުމުގައި ހެކިބަސް ދެމުން ސާމިލާ ބުނީ، އާފިޔާ އިބްތިހާލްގެ އަތުގައި ހިފައިގެން ދަމާފައި ގެއަށް ގެންދަމުން "މިއަދު ހަމަ ތެޅި ތެޅީނުން މަރާލާނެމޭ އޭރުން މީހުން ކިޔާނެ އެއްޗެއް ނޯންނާނެއޭ" ބުނި އަޑާއި މަންޒަރު ފެނިފައިވާ ކަމަށެވެ.

އިބްތިހާލްގެ ކަންފަތްކައިރިން ލޭ އައިސް ކުރިމަތި ފަރާތް ދުޅަވެފައި ހުރުމުން އެކަމާ ގުޅިގެން ވެސް އާފިޔާއާ ސުވާލު ކުރި ކަމަށް ސާމިލާ ބުންޏެވެ. އަދި ކުރިމަތި ފަރާތް ދުޅަވެފައިވަނީ ކުޅެން އުޅެނިކޮށް ތަނެއްގައި ޖެހިގެން ކަމަށާއި ޔޫރިން އިންފެކްޝަން ހެދިފައި ހުރި ކަމަށް އާފިޔާ ބުނެފައިވާކަން ސާމިލާ ބުންޏެވެ.

comment ކޮމެންޓް