ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް މޫސުމާ ބެހޭ އިދާރާއިން އޮޅުން ފިލުވުމަށްފަހު ދަތުރުތައް ރޭވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އިތުރަށް ބާރުގަދަވެ، ސްރީލަންކާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ކައިރިން ހުޅަނގު އުތުރަށް ދަތުރުކޮށް އަރަބި ކަނޑަށް ޖެހުމުން ދާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަދި ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާ އަދި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް މެޓުން ލަފާކުރެއެވެ.
އެހެންކަމުން ދަތުރަށް ފުރާނަމަ، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުކުރުމަށާއި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި، ދިޔަ ހިއްކާ ޕަންޕްފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ.
އަދި ރޭގަނޑު ދަތުރުތައް ރާވާނަމަ، އިތުރަށް ސަމާލުވުމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ޑައިވްކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި ފަޅުތެރޭގައާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.
ކަނޑު ދަތުރުފަތުރު ކުރާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފްއިން އެދެއެވެ.