މިއީ ކޮޅިގަނޑެއްގެ އަސަރު، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަވާނެ: މެޓް

ވިއްސާރަ ދުވަސްވަރެއް -- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ.

އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މިކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ރާއްޖެއާ ކައިރިން ހުޅަނގު އުތުރަށް ފަތުރުކޮށް، އަރަބި ކަނޑަށް ޖެހެމުން ދާނެ ކަމަށެވެ.

"މި ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާ އެކު ގުގުރާނެއެވެ." މެޓުން ބުންޏެވެ.

އެ އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ. މި ވިއްސާރައިގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ބެލެވޭތީ ސަމާލުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަދު މެޓުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފަ އެވެ.

comment ކޮމެންޓް