އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާމިގިއްޔަށް، 26.6 މިލިމީޓަރު

އދ. މާމިގިލި: އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ އެ ރަށަށް --- ފޮޓޯ/ މާމިގިލި އެމްވީ - ފޭސްބުކް

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުން އަންނައިރު، އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ އދ. މާމިގިއްޔަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

އެ އިދާރާއިން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އަށް މާމިގިއްޔަށް 26.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އެއީ، އެ މުއްދަތުގައި އެންމެ ގިނައިން ވާރޭ ވެހުނު ރަށް ކަމަށްވާއިރު، އެ އަތޮޅު މަހިބަދޫއަށް ވެސް އިއްޔެ 19.6 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ވ. ރަކީދުއަށް އިއްޔެ ވަނީ 17.1 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މިއަދުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުބާ ބެހޭ އިދާރާއިން ވަނި ލަފާކޮށްފައެވެ.

އެގޮތުން، ދެކުނާ މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މެޓުން ބުނި ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ އުތުރާއި އިރުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައެވެ. އަދި، އެހެން ހިސާބުތަކަށް ވައި ޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާ 20 މޭލު ބާރުމިނުގައި ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ހުރިހާ ހިސާބަކަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރިއެވެ.

އޭގެއިތުރަށް، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށްވާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅު ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށް މެޓުން ބުންޏެވެ.

https://sun.mv/215482

އެ އިދާރާއިން ވަނީ، ކަނޑުތަކާއި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އެއީ، 17:45 ގެ ނިޔަލަށެވެ.

މެޓުން އިއްޔެ ވަނީ އަންނަ ހޯމަ ދުވަހާ ހަމައަށް މެދުރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ހޯމަ ދުވަހުގެ ފަހުން ވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ވާނެ ކަމަށް ލަފާކޮށްފައެވެ.

މޫސުން ގޯސް ދުވަސްވަރަށް އަބަދުވެސް މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ. ޚާއްސަކޮށް، ކަނޑުދަތުރު ކުރާ މީހުން އެންމެ ފަހުގެ މޫސުމުގެ މައުލޫމާތު ހޯދުމަށް އިދާރާތަކުން އެދެއެވެ.

comment ކޮމެންޓް