ބަދަލުގެ މައްސަލަތަކުގައި ސަރުކާރަށް ލަފާދޭނެ އޮޑިޓް ފާމްތަކެެއް ހޯދަން އިއުލާންކޮށްފި

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށް ޓަކައި ރައީސް އުފައްދަވާފައިވާ ސެޓްލްމަންޓް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ލަފާދޭނެ އޮޑިޓް ފާމްތަކެއް ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ އިއުލާން ކޮށްފި އެވެ.

އޭޖީ އޮފީހުން ކުރި އިއުލާނުގައި ބުނެފައި ވަނީ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެން ޖެހޭ މިންވަރު އެކަށައެޅުމަށް ޓަކައި، ގިނަވެގެން ތިން އޮޑިޓް ފާމެއް އައްޔަންކުރުމަށް އެ އޮފީހުން ބޭނުންވާ ކަމަށެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ އޮޑިޓް ފާމްތަކުން ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އޭޖީ އޮފީހުން ބުނީ އެ މަސައްކަތާ ބެހޭ މައުލޫމާތު ސެޝަނެއް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ހެނދުނު 11:00 ގައި އޮންނާނެ ކަމަށެވެ.

މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 10 ނޮވެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 13:00ގައި އެޓާނީ ޖެނެރަލްގެ އޮފީހުގަ އެވެ.

މީގެ ތެރެއިން ހޮވޭ އޮޑިޓް ފާމް ނުވަތަ ފާމްތަކުން ސެޓްލްމަންޓް ކޮމިޓީއާ އެކު މަސައްކަތް ކުރާނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މަސައްކަތާ ބެހޭ އިތުރު މައުލޫމާތު އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.

ސެޓްލްމަންޓް ކޮމިޓީއަށް މިހާތަނަށް 32 މައްސަލަ ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. ގަވާއިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލުކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދީފައިވެ އެވެ.

comment ކޮމެންޓް