ރާއްޖޭގެ ފުރަތަމަ ފުޓުބޯޅަ ސްކޫލް އަންނަ އަހަރު ފެބްރުއަރީ މަހު ހުޅުވަނީ

ހުޅުމާލޭގައި އަޅަމުން އަންނަ ފުޓުބޯޅަ ސުކޫލު ސަރަހައްދު --- ފޮޓޯ// ބައްސާމްގެ ޓްވިޓަރ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ އިސްނެގުމުގެ ދަށުން ހުޅުމާލޭގައި އަޅަން އެޗުޑީސީއާ ހަވާލުކުރި ރާއްޖޭގެ ފުރަތަމަ ފުޓުބޯޅަ ސުކޫލުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ނިމޭނެކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިއަދު ހުޅުމާލޭގެ ފުޓުބޯޅަ ސުކޫލު އަޅަމުންދާ ސަރަހައްދަށް ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އިމާރާތުގެ ފުރަތަމަ ފިޔަވަހި 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނިންމުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ބިންގާ އެޅިގެން ދިޔަ ތިން މިލިއަން ރުފިޔާގެ ބިޔަ ޕްރޮޖެކްޓެކެވެ.

ހުޅުމާލޭ ފުޓުބޯޅަ ސުކޫލު އެޅުމަށް އޭރު ބިންގާ އަޅުއްވައިދެއްވީ އޭރުގެ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމްއާއި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނާސިފްގެ އިތުރުން ބައްސާމްއެވެ.

ހުޅުމާލޭގައި އަޅަމުންދާ ފުޓުބޯޅަ ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން --- އެޗްޑީސީ

ރާއްޖޭގައި މުޅިން އަލަށް ބިނާކުރާ ފުޓުބޯޅަ ސުކޫލުގައި 100 އަށް ވުރެ ގިނަ ކުދިންގެ ޖާގަ އެކުލެވޭ އިރު އެ ސުކޫލާ އެކު ޓާފް ދަނޑަކާއި ކުޅުންތެރިން ދިރުއުޅެވޭނެ ބުލޮކުތަކެއް އަދި ރަނގަޅު ފެންވަރުގެ ޖިމެއްގެ އިތުރުން މިސްކިތެއްވެސް ހުންނާނެއެވެ. އަދި މި ސުކޫލުގައި ފުޓުބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް ވެސް ތަމްރީނު ހެދޭނެ ފަދަ ވަސީލަތްތައް އެކުލެވޭނެކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މި އިމާރާތުގެ ފުރަތަމަ ފިޔަވަހި އެޅުމަށް އެއް މިލިއަން އެމެރިކާ ޑޮލަރު (15.4 މިލިއަން ރުފިޔާ)ގެ ބަޖެޓެއް ހަމަޖައްސާފައި އޮތް ނަމަވެސް 2019 ވަނަ އަހަރުގެ ބަޖެޓުގައި އެކަމަށް ޖުމުލަ 30 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ. މި އިމާރާތް އެޅުމަށް ހުޅުމާލެއިން 230،000 އަކަފޫޓުގެ ބިމެއްވެސް ސަރުކާރުން ހަމަޖައްސައިދިނެވެ.

އެފްއޭއެމްއިން ބުނި ގޮތުގައި މި އިމާރާތް ހާއްސަކުރާނީ އުމުރުން 13 އަހަރާއި 17 އަހަރުގެ އުމުރުފުރާގެ ކުދިންނަށެވެ. އަދި އެ ސުކޫލު ހިންގާނީ ބޯޑިންގް އިންސްޓިޓިއުޝަންއެއް ހިންގާ އުސޫލުން ކަމަށްވެސް އެފްއޭއެމުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި އިހުސާން އަބްދުލްޢަނީ (ސާންތީ) ކުރިން ވިދާޅުވީ، އެ ސުކޫލަށް ކުދިން ހޮވުމަށް އެފްއޭއެމްގެ ޓީމެއް މުޅި ރާއްޖެއަށް ދަތުރުކުރާނެ ކަމަށެވެ. ނަމަވެސް ފަހުން އެކަމާ ބެހޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް