ތިނަދޫ ޕަބްލިކް ވޯކްސްގެ މުވައްޒަފުންގެ އަދަދު މަދު ކުރަނީ

ގދ. ތިނަދޫ -- ފޮޓޯ/އަހްމަދު ވިޝްފާޤް

ގދ. ތިނަދޫގައި ހުންނަ ޕަބްލިކް ވޯކްސް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުން، ސިވިލް ސާވިސް ކޮމިޝަނުގެ އޮނިގަނޑުގެ ތެރެއަށް ވެއްދުމުގެ ގޮތުން މުވައްޒަފުންގެ އަދަދު މަދުކުރުމަށް ނިންމާފައިވާ ކަމަށް އެ އަތޮޅުގެ ޕަބްލިކް ވޯކްސް ސާވިސް ހިންގާ އަތޮޅު ކައުންސިލަށް އަންގައިފިއެވެ.

ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ގދ. އަތޮޅު ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޕަބްލިކް ވޯކްސް ސާވިސްގައި މަސައްކަތްކުރާ ފަރާތްތައް ސިވިލް ސާވިސްގެ އޮނިގަނޑަށް ފެއްތުމަށްޓަކައި، 28 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގދ. ތިނަދޫ ކައުންސިލު މެމްބަރު އަލީ އަމްޖަދު "ސަން"އަށް ވިދާލުވީ މިވަގުތު ޕަބްލިކް ވޯކްސްގައި މަސައްކަތްކުރާ 65 މުވައްޒަފުން ތިބޭ ކަމަށާއި، ނަމަވެސް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ އިއުލާނުކުރާނީ 28 މުވައްޒަފުން ނެގުމަށް ކަމަށެވެ.

"އޮނިގަނޑަށް ބަދަލު ގެނެސް ޕަބްލިކް ވޯކްސްގައި ތިބޭނީ 28 މުވައްޒަފުންކަމަށް ސިޓީގައި ބުނެފައިވަނީ. ވަޒީފާއިން ވަކިކުރާ ވާހަކައެއް ނޫން އޮތީ،" އޭނާ ވިދާޅުވިއެވެ.

ގދ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނާސިހު ރަޝީދު ވިދާޅުވީ މުވައްޒަފެއް ވަޒީފާއިން ވަކި ނުކުރާ ކަމަށެވެ. އޭނާ "ސަން"އަށް ވިދާޅުވީ އެ މުވައްޒަފުންނަކީ މީގެ ކުރިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށާއި، އެ މުވައްޒަފުން ބޭތިއްބީ ކޮންމެ މަހަކު ކޮންޓްރެކްޓު އާކުރާ ގޮތަށް، ކޮންޓްރެކްޓު އުސޫލުން ކަމަށެވެ.

އެ މުވައްޒަފުންގެ ކޮންޓްރެކްޓް މި މަހުގެ 31 ގައި ހަމަވާއިރު، އިއްޔެ ފޮނުވި ސިޓީގައި އޮންނަ ގޮތުން ވަޒީފާއަށް ނަގާނީ 65 މުވައްޒަފުންގެ ތެރެއިން 28 މީހުންނަށެވެ.

ނާސިހު ވިދާޅުވީ މިހާރު ތިބި 65 މުވައްޒަފުންގެ ތެރެއިން ކޮންމެ މީހަކަށްވެސް 28 ވަޒީފާއިން ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އޮނިގަނޑަށް ގެނައި ބަދަލު ނުވަތަ މުވައްޒަފުން މަދުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި، މައްސަލަ އުފެދިފައިވަނީ ކޮންޓްރެކްޓު ހަމަވާން އެހާ ގާތްކޮށްފައި ވަނިކޮށް މިނިސްޓްރީން ސިޓީ ފޮނުވުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޕްލޭނިންގް މިނިސްޓްރީގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.

comment ކޮމެންޓް