އިންކަމް ޓެކްސްގެ ބިލް ވައުދާ ހިލާފު، މެންބަރުންގެ ކަންބޮޑުވުން

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލް (އިންކަމް ޓެކްސް ބިލް) އާއި އެޖެންޑާ 19 ގައި އެމްޑީޕީ އިން ރައްޔިތުންނަށް ވެފައިވާ ވައުދާ ފުށޫ އަރާތީ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރަން ފަށާފައިވާއިރު އެމްޑީޕީގެ ގިނަ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އާމްދަނީ އިން ޓެކްސް ނަގަން ފަށާ ތްރެޝްހޯލްޑަކީ 40،000 ރުފިޔާ ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތުމެވެ.

ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ އިންކަމް ޓެކްސް ނަގަން ފަށާނީ 40،000 ރުފިޔާ އިން މަތީގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން އަށް ޕަސެންޓު ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ އެޖެންދާ 19ގެ ވައުދާ ހިލާފު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެޖެންޑާ 19ގައި ރައްޔިތުންނަށް ވީ ވައުދަކީ އަދަދެއް ނޫން މިއަދަދަކީ. އަޅުގަނޑުމެން ވައުދުވީ 60،000 އިން މަތިން ލިބޭފަރާތްތަކުގެ އަތުން 3.5 ޕަސެންޓު ނަގާނެ ކަމަށް،" މީކާއިލް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، ކުންފުނިތަކުން ލިބޭ ޑިވިޑެންޑް ޓެކްސް ނެގުމުން އިސްތިސްނާވާނެ ކަމަށް ބިލުގައި އޮތުމުން އެކަމާވެސް މީކާއިލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. މީކާއިލް ވިދާޅުވީ ޑިވިޑެންޑަކީ ޓެކްސް އުނިވާންޖެހޭ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އިނގިރޭސިވިލާތާ އެމެރިކާގައިވެސް ޑިވިޑެންޑުން ޓެކްސް ނަގަމުން ގެންދަނީ. ކުންފުނިތަކަކީ ވަކި ގާނޫނީ ޝަހުސެއް. ފަރުދުންނަކީ ވަކި ގާނޫނީ ޝަހުސެއް. ބީޕީޓީ ދައްކާތީ ޓެކްސް ކުންފުނިތަކުން ދައްކާތިއްޔޭ ކިޔާފައި، ކުންފުނިތަކުން އޭގެ ޝެއާ ހޯލްޑަރުންނަށް ނޫނީ ކުންފުނިތައް އޮަޕރެޓް ކުރާ ފަރުުދުންނަށް ލިބޭ ފަރުދުންނަށް ލިބޭ ފައިދާ އިން ޓެކްސް ނުނެގުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އިޖުތިމާއީ އަދާލަތު ގައިމް ކުރުމުގެ މުޅި މަހުފޫމް ދުއްވާލުން، އަދި އިންކަމް ޓެކްސްއެއް ރާއްޖޭގައި ނެގުމުގެ މައިގަނޑު ބޭނުމެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނޭ ޑިވިޑެންޑުން ޓެކްސް ނުނަގާ ކަމަށް ވަންޏާ،" މީކާއިލް ވިދާޅުވިއެވެ.

https://sun.mv/125506

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެން މުހައްމަދު ދީދީވެސް ވަނީ ޓެކްސް ނަގަން ފަށާ އާމްދަނީ 40،000 ކަމުގައި ބިލުގައި ބަޔާންކޮށްފައި އޮތުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެޖެންޑާ 19ގެ ތެރެއިން އޭރު ރައްޔިތުންނަށް ވީ ވައުދަކީ "60،000 ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް ތިންލާރި ބައިގެ ޓެކުހެއް ނަގަން" ކަމަށެވެ.

ކޮމެޓީ މަރުހަލާގައި މި ތްރެޝްހޯލްޑް 40،000 އިން 60،000 އަށް ބަދަލު ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހުސެން މުހައްމަދު ދީދީވެސް ވަނީ ޑިވިޑެންޑުން ޓެކްސް ނުނެގޭނެކަމަށް ބިލުގައި އޮތް އޮތުމަށް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ފުލް ޓެކްސް ސިސްޓަމަކަށް ދާއިރު، ޑިވިޑެންޑުން ޓެކްސް ނެގުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

އިންކަމް ޓެކްސް ނަގަން ފެށުމާއެކު ނުހައްގު މުއްސަނދިކަން ޓްރޭސް ކުރެވޭނެ ކަމަށާއި އޭގެ ސަބަބުން ނުހައްގުން މުއްސަނދިވާ ފަރާތްތަކަށް އެފަދަ ފުރުސަތުތައް ބަންދުވާނެ ކަމަށް އެ މެންބަރު ވިދާޅުވި އެވެ.

"މި ބިލުގެ މަގުސަދަކީ ސަރުކާރަށް އާމްދަނީއެއް ލިބުމަށްވުރެ ބޮޑަށް ނުހައްގު މުއްސަނދިކަން ހުއްޓުވައި، ފުރިހަމަ ޓެކްސް ނިޒާމެއް ގާއިމް ކުރުން،" ހުސެން މުހައްމަދު ދީދީ ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވެސް ވަނީ ޓެކްސް ނަގަން ފަށާ ތްރެޝްހޯލްޑް 40،000 ކަމަށް ކަނޑައަޅާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

"އަޅުގަނޑުމެންގެ ވިސްނުން އަދި އެޖެންޑާ 19ގައިވެސް އަމާޒު ހިފާފައި ހުރީ 60،000 އިން މައްޗަށް އިންކަމް ޓެކްސް ނަގަން،" މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންކަމް ޓެކްސް އިން ލިބޭ އެންމެ ބޮޑު އުފާވެރިކަމަކީ އެންމެ ކުޑަ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނުނެގުން ކަމަށެވެ. އާ ޓެކްސް އެއް ނަގަން ފަށާއިރު ރައްޔިތުންނަށް ލުޔެއް ލިބެން ޖެހޭ ކަން ފާހަގަ ކުރައްވާ މެންބަރު ޝަފީގު ވިދާޅުވީ، މުވާސަލާތީ ހިދުމަތްތަކާއި ދަތުރުފަތުރުން ނަގާ ޓެކްސް އުނިކުރަން ނުވަތަ ކުޑަކުރަން އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

"އުވާލާ ޓެކްސްގެ ތެރޭގައި އަޅުގަނޑު ބޭނުން މުވާސަލާތީ ހިދުމަތްތަކުން ނަގާ ޓެކްސް އާއި ދަތުރުފަތުރުން ނަގާ ޓެކްސް ކުޑަކުރަން ނުވަތަ އުވާލަން. އެގޮތަށް އެކަން ކޮށްފިނަމަ އެއީ މުޅި ރައްޔިތުންނަށް ލިބޭ ފަސޭހައަކަށް ވާނެ،" ޝަފީގު ވިދާޅުވި އެވެ.

ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހުސެން ޝަހީމް ވިދާޅުވީ އެ ބިލަށް އިސްލާހު ތަކަކާއެކު ތާއީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ވައުދުވީ އިންކަމް ޓެކްސް ނަގާނީ 60،000 ރުފިޔާ މަހަކު މަދުވެގެން ލިބޭ މީހާގެ އަތުންނޭ. އެއަށްވުރެ އިތުރުވާ އެއްޗަކުން 3.5 ޕަސެންޓޭ ނަގާނީ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ކޮމެޓީ މަރުހަލާގައި މި ދިރާސާ ކުރައްވާ، މިކަން ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ކުރުމަށް،" އަނދުން ހުސެން ވިދާޅުވި އެވެ.

ޓެކްސްގެ ނިޒާމު ފުރިހަމަވާނީ ވަށާޖެހޭ ނިޒާމަކަށް ޓެކްސްގެ ނިޒާމު ބަދަލު ކުރެވިގެން ކަމަށް ރައްޔިތުންގެ ކައިރީ އަބަދުވެސް ބުނަމުން ދިޔަ ކަމަށާއި ޓެކްސް ނަގާއިރު ގައުމުގެ ވިޔަފާރިތައް ހަލާކު ނުވާނެހެން ޓެކްސް ނަގަން ވިސްނަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމުގެ ވިޔަފާރިވެރިން ދަރަނިވެރިވެ، ގެދޮރު ވިއްކާ ހިސާބަށް ދުއްވާލުމެއް ނޫން ޓެކްސް ނެގުމަކީ. އެހެންވިމާ އަޅުގަނޑު ބާރުލާފައި ދަަންނަވަން ޑިވިޑެންޓުން ޓެކްސް ނެގުމަކީ މިހާރަށް ކުރަންވާވަރު ކަމެއް ނޫނޭ،" ޑިވިޑެންޑަކީ ޓެކްސް ދައްކާފައި ކުންފުނިންދޭ އެއްޗެއް ކަމަށް އަނދުން ހުސެން ފާޙަގަ ކުރައްވަމުން ވިދާޅުވި އެވެ.

އަނދުން ހުސެން ވިދާޅުވީ އަހަރަކު 1.2 މިލިއަން ރުފިޔާ އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން 15 ޕަސެންޓު ޓެކްސް ނަގަން އޮތް އޮތުން ވެސް ދަށް ކުރަން ޖެހޭ ކަމަށެވެ.

ބިލަށް ބަހުސް ކުރައްވަމުން ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިންގެ ތެރޭގައިވާ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރުން ކަމަށެވެ. މި ނިޒާމު ހަރުދަނާކޮށް ހިންގައިފިނަމަ ފަރުދުންނާއި ވިޔަފާރިތައް ޖަވާބުދާރީ ކުރުވައި، އެފަރާތްތަކުން ހިންގާ މާލީ ކުށްތަކާއި ޖަރީމާތައް ހުއްޓުވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އާމްދަނީ އިން ޓެކްސް ނެގުމުގެ ނިޒާމު ފުރިހަމަ ނުވެ އޮތުމުގެ ސަބަބުން ފަރުދުންނަށް ގޮންޖެހުންތައް ދިމާވާ ކަމަށެވެ.

"މިހާތަނަށް ރާއްޖެއަކީ ފަރުދުންގެ ބައެއް އާމްދަނީ އިން، ހާއްސަކޮށް ރާއްޖޭގައި އިންވެސްތުކޮށްގެން ލިބެ ޑިވިޑެންޓް، އިންޓްރެސްޓު އަދި އިންވެސްޓްމެންޓު ވިއްކާލައިގެން ވިތް ހޯލްޑިން ޓެކްސް ނުނަގާ މަގު ގައުމުތަކުގެ ތެރެއިން އެއް ގައުމ. މިހެން ވުމުގެ ސަބަބުން ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކުހުގެ އަދަދު ކުޑަ ކުރުމުގެ ފުރުސަތު ވިޔަފާރިތަކަށް ލިބިގެންދޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަރުދުންގެ އުޖޫރައިންނާއި ފައިދާބޮޑު ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިކުރާ ބޭރު މީހުންނަށް ރާއްޖެއަކީ ޓެކްސް "ހެވަން" އެއް ކަމަށާއި ރާއްޖޭގެ ދައުލަތަށް އާމްދަނީ ލިބޭނެ އެއް ވަސީލަތް މިހާތަނަށް އޮތީ އެންމެ ރަނގަޅަށް ބޭނުން ނުކުރެވި ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގައި ފަރުދުންގެ އަތުން ޓެކްސް ނަގަން ހުށަހަޅަނީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ނިސްބަތުން ދަށް ރޭޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަރުދުންގެ މަތީ އާމްދަނީ އިން ޓެކްސް ނަގާނީ 15 ޕަސެންޓްގައި ކަން ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވީ އަވަށްޓެރި ސްރީލަންކާގައި ފަރުދުންގެ އަތުން ޓެކްސް ނަގާ މަތީ ރޭޓަކީ 24 ޕަސެންޓު ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ އަންނަ އަހަރުން ފެށިގެން އާމްދަނީ އިން ޓެކްސް ނަގަން ފެށުމަކީ އަމާޒު ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ 40،000 އިން މަތީގެ އާމްދަނީއިން ޓެކްސް ނަގާނަމަ، އަހަރެއްގެ މައްޗަށް 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ލަފާކުރެ އެވެ. މި ޓެކްސް ދައްކާނީ 6000 އެއްހާ މީހުން ކަމަށްވެސް އެ މިނިސްޓްރީ އިން ލަފާކުރެ އެވެ.

comment ކޮމެންޓް