ސަރުކާރުން ހުށަހެޅީ 40،000 އަށްވުރެ މަތީ އާމްދަނީ އިން ޓެކްސް ނަގަން

ފިނޭންސް މިނިސްޓްރީ އިން ކުރިއށްގެންދިޔަ ނުވަގަޑި ޕްރޮގްރާމުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހެޅީ 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތައް އަތުންކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވި "ނުވަގަޑީ"ގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވަނީ މަހަކު 40،000 (އަހަރަކު 480،000 ރުފިޔާ) އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕްރޮގްރެސިވް ޓެކްސް ނިޒާމަކީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެކެވެ.

ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ބްރެކެޓްސް

  • އާމްދަނީ 40،000-0 ލިބޭ ފަރާތްތައް - ޓެކްސް ނުނަގާނެ
  • އާމްދަނީ 60،000-40،000 ލިބޭ ފަރާތްތައް - ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ އަށް ޕަސެންޓް
  • އާމްދަނީ 100،000-60،000 ލިބޭ ފަރާތްތައް - ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ އާމްދަނީގެ 10 ޕަސެންޓް
  • 100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް - ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އާމްދަނީގެ 15 ޕަސެންޓް

ފިނޭންސް މިނިސްޓްރީއިން ބުނީ އިންކަމް ޓެކްސް ތައާރަފުވެ އަންނަ އަހަރުގެ ތެރޭގައި ޓެކްސް ނެގެން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އިންކަމް ޓެކުހުގެ ގޮތުގައި އަހަރެއްގެ މައްޗަށް 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ މިނިސްޓްރީއިން ލަފާކުރެއެވެ.

ފިނޭންސް އިން ބުނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ތައާރަފު ކުރަން ސަރުކާރުން ނިންމި ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާދިނީ ޑުއަލް ޓެކްސް ނިޒާމެއް ރާއްޖެއަށް ގެނައުމަށް ކަމަށެވެ. އަދި އެ އިދާރާއިން ލަފާދިނީ އާމްދަނީ 10،833 ރުފިޔާ އަށްވުރެ މަތިން ލިބޭނަމަ، އިންކަމް ޓެކްސް ނެގުމަށް ކަމަށާއި ނަމަވެސް ރާއްޖޭގެ އިގްތިސޯދަށް ބެލުމަށްފަހު ސަރުކާރުން އިންކަމް ޓެކްސް ނަގާނީ ކޮންބައެއްގެ އަތުންތޯ ކަނޑައަޅާފައިވާ ކަމަށެވެ.

"ރާއްޖޭގެ އާމްދަނީ ލިބޭ އާބާދީއަކީ ދެލައްކަ. މީގެ ތެރެއިން އިންކަމް ޓެކްސް ދައްކަންޖެހޭނީ 6،000 އެއްހައި މީހުން،" ފިނޭންސްގެ ޓެކްސް ކޮންސަލްޓަންޓް އަރުޝަދު ވިދާޅުވިއެވެ.

"މިސާލަކަށް މިނިސްޓަރެއްގެ މުސާރައަކަށް ދައުލަތުން މިލިބެނީ 66،000 ރުފިޔާ. އަޅުގަނޑުމެން މި ހުށަހަޅާ ބްރެކެޓުން ވިއްޔާ މިނިސްޓަރުން މަހެއްގެ މައްޗަށް 2200 ރުފިޔާ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ. 10 ޕަސެންޓް ދައްކަވާނެ ފުރަތަމަ 40،000 އާއި 60،000 އާއި ދެމެދުގެ އަށް ޕަސެންޓް ދައްކާނެ، ބާކީ 6،000 ދައްކަވާނީ 10 ޕަސެންޓު،" އެއީ އާމްދަނީގެ ތިން ޕަސެންޓު ކަމަށް އަރުޝަދު ވިދާޅުވިއެވެ.

އާމްދަނީއިން ޓެކްސް ނަގަން ފަށަނީ އާމްދަނީގެ ފަރަގު ކުޑަކޮށް، ނަހަމަ މުއްސަނދިކަން ހުއްޓުވައި ޓެކުހުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމުގެ މަގުސަދުގައެވެ. މި ޓެކްސް ނަގަން ފަށާއިިރު ރާއްޖޭގެ ވަޒަންވެރިންނަށާއި ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ އަތުންވެސް ޓެކްސް ނަގާނެއެވެ.

"ވަޒަންވެރިވެފައިވާ ފަރާތްތަކަށް ރާއްޖެއިން ބޭރުން ލިބޭ އާމްދަނީ އިންވެސް ޓެކްސް ކުރެވޭނެ. ވަޒަންވެރިވެފައި ނުވާ ފަރާތްތައް ހަމައެކަނި ޓެކްސް ނަގާނީ ހަމައެކަނި ރާއްޖެއިން ލިބޭ އާމްދަނީ އިން،" އަރުޝަދު ވިދާޅުވިއެވެ.

"މިއީ ގިނަ ގައުމުތަކުގައި ޕްރެކްޓިސް ކުރާގޮތް. މީގެ އެންމެ ބޮޑު ބޭނުމަކީ އެހެން ގައުމަކުން އާމްދަނީ ލިބުނަސް އެގައުމެއްގެ ޓެކްސްއެއް ނުދައްކާ ބައެއް އުޅެންޏާ، ރާއްޖޭގައި ދިރިއުޅޭނަމަ އެ އާމްދަނީ ހިމަނައިގެން ޓެކްސްކުރުން،"

އަރުޝަދު ވިދާޅުވީ މިކަން މިހެން އޮތްނަމަވެސް ރާއްޖެއިން ބޭރުން ލިބޭ އާމްދަނީތަކުން ޓެކްސް ދައްކާނަމަ، އެ ޓެކްސް ރާއްޖެއިން އަލުން ނުނަގާނެ ކަމަށެވެ.

އިންކަމް ޓެކްސް ނަގާއިރު ވަޒަންވެރިވުން ކަމުގައި ބަލަނީ ދާއިމީކޮށް ރާއްޖޭގައި ދިރިއުޅޭ، ނުވަތަ ޓެކްސް އަހަރެއްގެ 183 ދުވަހު ރާއްޖޭގައި ހުރެއްޖެ ނަމައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހެއްގެ މުވައްޒަފުން ނުވަތަ އޮފިޝަލުންނެވެ.

ކުންފުނިތަކަށް ލިބޭ އާމްދަނީ އިން ޓެކްސް ނަގާއިރު ބަލާނީ ރާއްޖޭގައި އިންކޯޕަރޭޓްކޮށްފައިވާ، ކުންފުނީގެ ހެޑް އޮފީސް ރާއްޖޭގައި ހުރެ ހިންގުމާއި ކޮންޓްރޯލް ރާއްޖޭގައި އޮތް ކުންފުނިތަކާއި ޕާޓްނާޝިޕެއް ނަމަ ރާއްޖޭގައި ހަދާފައިވާ ޕާޓްނާޝިޕަކަށްވުން، ނުވަތަ ރާއްޖޭގައި އެ ޕާޓްނާޝިޕްގެ ކޮންޓްރޯލު އޮންނަ ނަމަ އެފަދަ ވިޔަފާރިތަކަށް ލިބޭ އާމްދަނީ އިންވެސް ޓެކްސް ނަގާނެއެވެ.

އާމްދަނީއިން ޓެކްސް ނަގަން ފެށުމާއެކު މިހާރު އޮތް ބިޒްނަސް ޕްރޮފިޓް ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކުހުގެ ގާނޫނު އުވި، އިންކަމް ޓެކުހުގެ ގާނޫނުގެ ތެރެއަށް މި ދެ ޓެކްސް ވެސް އިތުރު ކުރެވޭނެއެވެ. މީގެ އިތުރުން ރެމިޓެންސް ޓެކްސް ނެގުން ހުއްޓާލާ، ލޭންސްޑް ސޭލްސް ޓެކްސް އަދި ޕެޓްރޯލިއަމް ޓެކްސް ނެގުންވެސް ހުއްޓާލާނެއެވެ.

ލޭންޑް ސޭލްސް ޓެކްސް އުވާލި ނަމަވެސް އިންކަމް ޓެކްސްގެ ގާނޫނުގައި ހިމެނުމަށް ހުށަހަޅާފައިވާ ކެޕިޓަލް ގެއިން ޓެކްސްއާއެކު އެއްވެސް މުދަލެއް ތަަސައްވަރުކޮށްގެން ލިބޭ ފައިދާއިން ޓެކްސް ނަގާނެ ކަމަށާއި އޭގެ ތެރޭ ލޭންސްޑް ސޭލްސްވެސް ހިމެނޭނެކަމަށް ފިނޭންސްއިން ބުންޏެވެ.

"ނަމަވެސް މިހާރު އޮތްގޮތަށް ބިޒްނަސް ޕްރޮފިޓް ޓެކްސް ނަގާނީ 500،000 ގެ އިސްތިސްނާއެއް ލިބޭނެ. ޓެކްސް ރޭޓަކީ ހަމަ ފްލެޓްކޮށް 15 ޕަސެންޓް،" އަރުޝަދު ވިދާޅުވިއެވެ.

އާމްދަނީ އިން ޓެކްސް ނެގުން އިސްތިސްނާ ވާނީ:

  • ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ލިބޭ ޑިވިޑެންޑް
  • ބައެއް ޝަރުތުތައް ފުރިހަމަވާ ސެކިޔުރިޓީއަކާ ގުޅިގެން ލިބޭ އިންޓްރެސްޓް
  • ރާއްޖެއިން ވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން އިސްތިސްނާކޮށްފައިވާ އާމްދަނީ
  • ބޭރުގެ ސަރުކާރުން ވަޒީފާ ދީފައިވާ މީހަކަށް އެ ސަަރުކާރުން ދޭ އުޖޫރަ
  • ދައުލަތުގެ އޮފީހަކަށް ލިބޭ އާމްދަނީ
  • ޖަމްއިއްޔާ ނުވަތަ އާންމު އިދާރާއަކަށް ލިބޭ އާމްދަނީ
  • ލައިފް އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ އާމްދަނީ
  • ތައުލީމާ ގުޅޭ އެހީ އާއި ސްކޯލާޝިޕް
  • ސަރުކާރުންދޭ ޕެންޝަން
  • ކައިވެނީގެ ރަނާއި ނަފަގާގެ ފައިސާ އާއި ހަޟާނާތް
  • ހިބަ ނުވަތަ ވާރުތައިގެ ގޮތުގައި ނުވަތަ ވަސިއްޔަތަކުން ލިބޭ މުދާ ނުވަތަ ފައިސާ
  • ވިތްހޯލްޑިން ޓެކްސް ދައްކައިފިނަމަ އެ އާމްދަނީ
  • ދައުލަތުން އެހީގެ ގޮތުގައި ފަރުދުންނަށް ދޭ ފައިސާ

ދައުލަތުން ދޭ ޕެންޝަނުން ޓެކްސް ނުނެގި ނަމަވެސް ކުންފުނިތަކުންދޭ ޕެންޝަން ސްކީމްތަކުން ލިބޭ އާމްދަނީއަކީ ޓެކްސް ނެގޭ އާމްނަދީ އަށް ފެތޭ އަދަދެއްނަމަ އެއިންވެސް އިންކަމްޓެކްސް ނަގާނެއެވެ.

ފިނޭންސް އިން ބުނީ ސަރުކާރުގެ އަމާޒަކީ 2020 ވަނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަންފެށުން ކަމަށާއި އެންމެ ފުރަތަމަ ޓެކްސް ނަގަން ފަށާއިރު މަހުން މަހަށް ޓެކްސް ދައްކާނީ މުސާރަވެރިން ކަމަށެވެ.

"އެހެން މީހުން ދައްކާނީ އަހަރެއް ފަހުން،" ފިނޭންސްގެ ޓެކްސް ކޮންސަލްޓެންޓް ވިދާޅުވިއެވެ.

comment ކޮމެންޓް