ޓިކްޓޮކް އަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނެފި

ޓިކްޓޮކް--

ކުރު ވީޑިއޯ ހަދާ އެޕްލިކޭޝަން "ޓިކް ޓޮކް" އަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވެދާނެ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

ކުރު ވީޑިއޯ ކޮޅެއްގައި އެކްޓުކޮށް އާންމުކުރެވޭ މި އެޕްލިކޭޝަނަށް އެމެރިކާގެ ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިން ދެވި ހިފާފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރި މެންބަރުން ވަނީ ޓިކްޓޮކް އާއި ޗައިނާ އާއި އޮންނަ ގުޅުންވެސް ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.

ޗައިނާގެ ކުންފުންޏަކުން އުފައްދާފައިވާ މި އެޕްލިކޭޝަނާއި ޗައިނާ އާއި ގުޅުންހުރި އެހެން އެޕްލިކޭޝަން ތަކަކީވެސް އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްޗެހިކަމަށް ބެލެވޭތީ އެ އެޕްލިކޭޝަންތަކުގެ ކަންތައް މޮނީޓާކުރުމަށް އެމެރިކާގެ ސެނެޓަރުން ވަނީ އެގައުމުގެ އިންޓެލިޖެންސް ޔުނިޓަށް ގޮވާލައްވައިފައެވެ.

މިފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ޗައިނާ އިން އެމެރިކާ ރައްޔިތުންނަށް ފާރަލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް އެ މެންބަރުން ވިދާޅުވެފައިވެއެވެ.

ޓިކްޓޮކް އަކީ ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ އެޕްލިކޭޝަނެކެވެެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޓިކްޓޮކްގެ މަގުބޫލުކަން ވަނީ ބޮޑުވެފައެވެ.

މިދިޔަ ކުއާޓަރުގައި ޓިކްޓޮކް ޑައުންލޯޑު ކުރި މީހުންގެ އަދަދު ވަނީ 117 މިލިއަނަށް އަރައިފައެވެ. ވަޓްސް އެޕް އަށްފަހު ދެން އެންމެ ގިނަ މީހުން ޑައުންލޯޑު ކޮށްފައިވާ އެޕްލިކޭޝަނަކީވެސް ޓިކްޓޮކް އެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ 100 މިލިއަނަށްވުރެ ގިނަ މީހުން އުޅެއެވެ.

comment ކޮމެންޓް