އިދިކޮޅަށް ހިތްވަރު ލިބޭނެ ހިޔާލެއް ފާޅު ނުކުރަން އެމްޑީޕީ މެންބަރުންނަށް އަންގައިފި

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ގެ ތެރެއިން: އިދިކޮޅަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލުފާޅު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލު ފާޅު ނުކުރުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން އެ ޕާޓީގެ މެންބަރުންނަށާއި އިންތިހާބީ މަގާމުތަކުގައި ތިއްބެވި ޕާޓީގެ ބޭފުޅުންނަށް އިލްތިމާސްކޮށްފި އެވެ.

އެމްޑީޕީން މިގޮތަށް އިލްތިމާސް މި ކުރީ، އެމްޑީއެން އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމަނައި ނެރުނު ރިޕޯޓާ ގުޅިގެން އިދިކޮޅު ކޯލިޝަނާއި އަދިވެސް އެހެން ފަރާތްތަކުން ޖަމިއްޔާ އުވާލަން އަޑު އުފުލަމުންދާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުންވެސް ދަނީ އެ ޖަމިއްޔާއާ ދެކޮޅަށް ހިޔާލު ފާޅު ކުރުމުންނެވެ.

އެމްޑީޕީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އިދިކޮޅު ފަރާޓްތަކަށް ހިތްވަރުލިބޭ ގޮތަށް އެ ޕާޓީގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި މެމްބަރުން ހިޔާލު ފާޅު ނުކުރުމަށެވެ.

"އެމްޑީޕީއާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ހަރަކާތްތަކަށް ހިއްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އިންތިހާބީ އެއްވެސް ފަރާތަކާއި އާންމު މެންބަރަކުވެސް ބޭނުން ނުކުރެއްވުމަށް އެދި ދަންނަވަން" އެމްޑީޕީގެ ޓްވީޓްގައި ބުނެފައިވެ އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވެސް ބުނީ، އެ ޕާޓީގެ މަޖިލިސް މެމްބަރުންނާއި ކައުންސިރަލުން، ގައުމީ މަޖިލިސް މެމްބަރުން އަދި އާންމު މެމްބަރުންވެސް އިދިކޮޅަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލުފާޅު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ދުރޫސުލް އަހުލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެކަމަށްޓަކައި އެކަން ހަނދުމަފުޅުކޮށް އަރުވަމެވެ،" އެމްޑީޕީ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލު ފާޅުނުކުރުމަށް އެމްޑީޕީން އިލްތިމާސް ކުރި އިރު، އިސްލާމް ދީނާ ހިލާފަށް ރިޕޯޓެއް އާންމުކުރި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ގޮވައި ޝޯޝަލް މީޑިއާގައި ދަނީ ބޮޑު ކެމްޕެއިންނެއްވެސް ކުރަމުންނެވެ.

އެމްޑީޕީން މީގެ ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި، އެފަދަ ތަންތަން އުވާލުމަށް ތާއީދު ނުކުރާމަށެވެ.

މުޖުތަމައުގައި ނަފުރަތު އުފެދޭ ވާހަކަތައް ދެއްކުމަކީ ގައުމުގެ ހަމަ ޖެހުން ގެއްލި އަމަންއަމާން ކަމަށް ގެއްލުންވާނެ ކަމެއް ކަމަށް އެމްޑީޕީއިން މީގެ ކުރިން ބުނެފައިވެ އެވެ. އަދި ދަނޑިވަޅުގެ ބޭނުންކޮށް ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރުމަކީ އެ ޕާޓީން ހިތާމަ ކުރާ ކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް