ކުރީގެ ޕޮލިސް ކޮމިޝަނަރަކު ތަކުރާރުކޮށް ހިޔާނާތުގެ ފައިސާ ނެންގެވި: ސީޕީ ހަމީދު

ސީޕީ ހަމީދު: ކުރީގެ އިސްވެރިން ހިޔާނާތުގެ ފައިސާ ނެގި ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުން ފުލުހުންގެ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސްއަކާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކު ނެންގެވި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިިޔާނާތުގެ މައްސަލައިގައި ފުލުހުންގެ އިސްފަރާތްތަކަކާއި އެހެން ވެސް ބައެއް ފުލުހުންގެ ބައިވެރިވުންވެސް އޮތް ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުން ގެންދާކަމަށް ފުލުހުން ވަނީ މި ހަފުތާ ތެރޭ ބުނެފައެވެ.

މިއަދު އެމްހިޔާނާއެމްޕީއާރުސީގެ ތުގެ މައުލޫމަތު ހާމަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ، ހިޔާނާތުގެ ތުހުމަތު ހަތް ފުލުހަކަށް ކުރެވޭ ކަމަށާއި އޭގެ ތެރޭގައި ކުރިން މަސައްކަތް ކުރެއްވި އިސްފަރާތްތައްވެސް ހިމެނޭ ކަމަށެވެ.

"އޭގެ ތެރޭގައި ހިމޭނޭ ކުރީގައި ޕޮލިސް ސާވިސްގައި ވަޒީފާ އަދާ ކުރެއްވި ކޮމިޝަނާއަކާއި ޑެޕިއުޓީ ކޮމިޝަނާއަކާ. ވަރަށް ގިނަ އަދަދެއްގެ ފައިސާ ތަކުރާރުކޮށް އެކި ފަހަރުމަތިން ނެންގެވިކަން ފެންނަ އެބަހުރި،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުވާ ފުލުހުންގެ މައްސަލަ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުންދާ އިރު، އެ ހިޔާނާތުގެ ފައިސާ ނެގި ކުރީގެ އަދި މިހާރުގެ ފުލުހުން ހިމެނޭ ގޮތަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާނެ ކަމަށެވެ.

"އިޖުރާއަތްތައް ފުރިހަމަކުރުމަށް ނޫނީ އަޅުގަނޑުމެން ގަސްދެއް ނުކުރަން އެއްވެސް ފަރާތެއްގެ ނަންތައް ހާމަކުރުމަށް. އެއީ ކުރިން މަގާމުތަކުގައި ތިއްބެވި ފަރާތްތައް ކަމުގައި ވިޔަސް އަދި މިހާރު މަގާމުތަކުގައި ތިބި ފަރާތްތައް ކަމުގައި ވިޔަސް،" ހަމީދު ވިދާޅުވިއެވެ.

މިއަދު ފުލުހުން އާންމުކުރި މައުލޫމަތުތަކުން އެނގޭ ގޮތުގައި 200 އަށްވުރެ ގިނަ މީހުންނަށް ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވެއެވެ. އޭގެ ތެރެއިން އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެމްބަރަކާއި މިހާރު ހިނގަމުންދާ ނަވާރަ ވަނަ މަޖިލީހުން 16 މެމްބަރަކު ހިމެނެއެވެ. އޭގެ އިތުރުން މި ސަރުކާރުގައި ހިމެނޭ ހަތް އިސް ބޭފުޅަކަށްވެސް ތުހުމަތުކުރެވެއެވެ.

ކުރީގެ ސީޕީއަކު ފައިސާ ނެންގެވިކަމަށް ހަމީދު މިއަދު ވިދާޅުވި އިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަނަރ އޮފް ޕޮލިސްކަން ކުރެއްވީ ހުސައިން ވަހީދާއި، އަހްމަދު އަރީފެވެ. އެކްޓިންގް ކޮމިޝަނަރެއްގެ ގޮތުގައި އަބްދުﷲ ނަވާޒްވެސް ހުންނެވިއެވެ.

comment ކޮމެންޓް