ސުވަރުގެއެއް ފަދަ މި ރާއްޖެ ނަރަކައަކަށް ހަދަން ނޫޅޭ: ގާސިމް

މިރޭ ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅުން މެމްބަރުން ފޯމް ހަވާލުކުރުމަށް ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަކީ އަމާން އޮމާން ސުވަރުގެއެއް ފަދަ ތަނެއް ކަމަށާއި މި ގައުމު ނަރަކައަކަށް ހަދަން ނޫޅުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅިވަޑައިގަތް ފަރާތްތަކެއްގެ ފޯމު ހަވާލު ކުރުމަށް މިރޭ އެ ޕާޓީގެ މައި އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީން އޮންނަތާ 900 އެތައް އަހަރެއް ވެފައިވާ ކަމަށާއި މަދު ބަޔަކު ކުރާ ކަމަކުން އެކަން ފުހެވިގެން ނުދާނެ ކަމަށެވެ.

މި ރާއްޖެ ފަސާދަކޮށް ގައުމުގެ އިގްތިސޯދާއި އިޖުތިމާއީ އަދާލަތު ނެތިކޮށްލުމަށް ރައްޔިތުން ފުރުސަތު ނުދޭނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އިސްލާމްދީނަށް ފުރައްސާރަކޮށް ބަޔަކު ކުރާ ކަމަކުން ދިވެހިންގެ އަގީދާ ބަލިކަށިވެގެން ނުދާނެ ކަމަށެވެ.

"މި އަމާންކަމާއި އޮމާންކަމުން ފުރިފައިވާ ފަހި ސުވަރުގެއެއް ފަދަ ތަނެއް. މިތަން ނަރަކައަކަށް ހަދަން ނޫޅޭ،" ގާސިމް ވިދާޅުވިއެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ، އެކަމުގެ ޒިންމާވާ ފަރާތްތަކަށް މިސަރުކާރުން ފިޔަވަޅު އަޅާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށާއި އެ ފިޔަވަޅުތައް އެޅުމަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭ ކަމަށެވެ.

"ކޮންމެ ކަމެއްވެސް އިންސާފުގެ މަގުން ގެންދިއުމަށްޓަކައި އަދުލުވެރިވުމަށްޓަކައި ބަލާލުންތަކެއް ހުންނާނެ. އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާތީ އެކަމާ ކެތްމަދުވެގެން ބަޔަކު މީހުން ނޫޅުއްވާށޭ އަޅުގަނޑު ދަންނަވާނީ، ހަމަނުޖެހުން ނުއުފައްދަވާށޭ އެއްވެސް ބަޔަކު،" ގާސިމް މިރޭ ވިދާޅުވިއެވެ

comment ކޮމެންޓް