ހޮންކޮން ސަރުކާރުން އެކްސްޓްރެޑިޝަން ބިލު ރަސްމީކޮށް އަނބުރާ ގެންގޮސްފި

ހޮންކޮންގެ މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ވަނީ އެކްސްޓްރެޑިޝަން ބިލް އަނބުރާ ގެންގޮސްފަ -- ފޮޓޯ: ގެޓީ

ހޮންކޮން (އޮކްޓޯބަރު 23): ހޮންކޮންގެ ސަރުކާރުން ޕާލަމެންޓަށް ހުށަހެޅި އެކްސްޓްރެޑިޝަން ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން ސިލްސިލާ މުޒާހަރާތައް ކުރަމުން ދާތީ ސަރުކާރުން އެ ބިލު ރަސްމީކޮށް އަނބުރާ ގެންގޮސްފިއެވެ.

ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރުމަށް މަގުފަހިކުރެވޭނެ އެ ބިލު މިދިޔަ އޭޕްރިލް މަހު ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުން، އެތައް ހާސް މީހުން މުޒާހަރާތައް ފެށީ އޭގެ ސަބަބުން ޗައިނާގެ ނުފޫޒު ހޮންކޮންގައި އިތުރުވާނެ ކަމަށް ބުނެއެވެ.

އެ މުޒާހަރާތަކުގެ ސަބަބުން ހޮންކޮންގެ ލީޑަރު ކެރީ ލާމް ފުރަތަމަ އެ ބިލް ސަސްޕެންޑު ކުރެއްވި އެވެ. އަދި ބިލް އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް މިދިޔަ މަހު އިއުލާން ކުރެއްވިއެވެ. ނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ މިހާރު އިތުރު ޝަރުތުތަކެއް ފުރިހަމަ ކުރުމަށް ގޮވާލަމުންނެވެ.

އެގޮތުން މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތް ތަހުގީގުކުރުމަށް ކޮމިޝަނެއް އެކުލަވާލުމަށާއި ހައްޔަރުކޮށްފައިވާ މުޒާހަރާގެ ބައިވެރިންނަށް މާފުދީ އެމީހުން ދޫކޮށްލުމަށާއި މުޒާހަރާއަކީ "ހަމަނުޖެހުން ހިންގުމަށް ކަމަށް" ލާމް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދިޔުމަށް ގޮވާލަމުންނެވެ.

އެ މުޒާހަރާތަކާ ގުޅިގެން، ލާމްއަށް އިސްތިއުފާ ދެވެން އޮތް ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އެކަމަނާ ވިދާޅުވާ އޯޑިއޯއެއް މިދިޔަ މަހު ވަނީ ލީކުވެފަ އެވެ. ނަމަވެސް ފަހުން ލާމް ވަނީ މަގާމުން އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން ޗައިނާގެ ސަރުކާރާއެކު މަޝްވަރާކުރަން ވިސްނަވާފައިވެސް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ފައިނޭންޝަލް ޓައިމްސް ނޫހުން ވަނީ ލާމް މަގާމުން ދުރުކުރުމަށްފަހު، އެމަގާމަށް އެހެން މީހަކު އައްޔަންކުރުމާ މެދު ޗައިނާއިން ވިސްނަމުންދާ ކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް ލާމް ވަނީ އެއީ "ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ބަޔަކު ފަތުރާ ވާހަކަތަކެއް" ކަމަށް ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް