ސަރުކާރުން ބޭނުންވާ މުއްދަތުގައި ގުޅީފަޅު ހިއްކުމުގެ ގާބިލްކަމެއް ނެތް: އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާްސް

ސަރުކާރުން ބޭނުންވާ މުއްދަތުގައި ތެރޭގައި ގުޅީފަޅުގެ ބިން ހިއްކުމުގެ ގާބިލްކަން ނެތް ކަމަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީއިން މިއަދު ބުނެފި އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށް، އެ ފަޅުން ހަ މިލިއަން ކުއިބިކް މީޓަރު ހިއްކުމަށް ސަރުކާރުން ހަވާލުކުރީ ޑަޗް ކުންފުންޏެއް ކަމަށްވާ، ބޮސްކާލިސްއާ އެވެ. މީގެ ކުރިން ވެސް ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވާ އެ ކުންފުންޏަށް ގުޅީފަޅުގެ ބިން ހިއްކަން ހަވާލުކުރީ 53 މިލިއަން ޑޮލަރު (817.3 މިލިއަން ރުފިޔާ)އަށް 180 ދުވަސް، ހަ މަސް ތެރޭ ނިންމާ ގޮތަށެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރި ނަމަ، އެއަށް ވުރެ މާ ހެޔޮ އަގުގައި އެކަން ކުރެވޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުން އެވެ.

އެމްޓީސީސީގެ ސީއީއޯ، ހަސަން ޝާހު މިއަދު "ސަން"އަށް ވިދާޅުވީ އެމްޓީސީސީގައި މިހާރު އޮތް ކޮންނަބޯޓް "މަހާޖައްރާފު"ގެ ކެޕޭސިޓީ މިހާރު ހުރި ގޮތުން، ހަ މިލިއަން ކިއުބިކް މީޓަރު ހިއްކަން ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ލަފާވާ ކަމަށެވެ. އަދި ތޮށިލުމާއި ރިވެޓްމަންޓް ޖެހުމާ އެކު އެއަަށް ވުރެ ގިނަ ދުވަސް އެ މަސައްކަތް ނިންމާލަން އެމްޓީސީސީއަށް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ސަރުކާރުން ބޭނުންވަނީ އެއަށް ވުރެ އަވަހަށް އެ މަސައްކަތް ނިންމަންކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެމްޓީސީސީއަށް ކުރެވޭ ވަރު ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޓީސީސީގެ މަހާޖައްރާފު --- ފޮޓޯ/ ފުނަދޫ ކައުންސިލް

"މަހާޖައްރާފަށް ފަހަރަކު މި ލޯޑް ކުރެވެނީ 3،500 ކިއުބިކް މީޓަރުގެ ވެލި. އަނެއްކާ ވެލި ނަގައިގެން އައިސް ވެލި އެޅުމަށް ވެސް ހޭދަވާނެ އަށް ވަރަކަށް ގަޑިއިރު. ދެން އެގޮތަށް ހިސާބު ޖަހާ ނަމަ، 1718 ބުރު ޖަހައިގެން ހަ މިލިއަން ކިއުބިކް މީޓަރު ހިއްކޭނީ. އެހެންވީމާ، ގާތްގަނޑަކަށް 600 ދުވަސް އެބަ ނަގާ. އެހެންވީމާ އަހަރުން ކިޔާ ކަމަށް ވަންޏާ، ދެއަހަރު އެބަ ނަގާ ހަ މިލިއަން ކިއުބިކް މީޓަރު ހިއްކަން. އެކަމަކު ބޮސްކާލީސްއިން 180 ދުވަސް (ތިންމަސް) މިއިނީ ދީފައި. އެއީ ޔަގީނުން ވެސް އަޅުގަނޑުމެންގެ މިހިރަ ކެޕޭސިޓީއިން ކުރެވޭނެ ކަމެއް ނޫން،" އެމްޑީ ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން މިހާރުވެސް އެ ކުންފުންޏަށް ބިން ހިއްކުމުގެ މަޝްރޫއުތައް ހަވާލުކޮށްފައިވާ އިރު ގުރައިދޫ އާއި ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫއު އެ ކުންފުންޏަށް ނިންމާލެވޭނީ ތިން މަހުން ކަމަށެވެ. އަދި ތިން މަހަށް ފަހު ނޫނީ މަހާޖައްރާފަށް އިތުރު ބިން ހިއްކުމުގެ މަޝްރޫއެއް ނެގެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ، މި ސަރުކާރު އައިފަހުން 2.3 ބިލިއަން ރުފިޔާގެ މަޝްރޫއު ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައި ހުރި ކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ބަނދަރު ހެދުން އަދި މަގު ހެދުމުގެ މަޝްރޫއުތައް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެ މަސައްކަތްތަކާ އެކު އިތުރު މަސައްކަތްތަކެއް ނުނެގޭ ވަރަށް އެމްޓީސީސީގެ ކެޕޭސިޓީ ގާތްގަނޑަކަށް ފުލްވެފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީއިން ހިންގި، ތ. މަޑިފުށީގައި ތޮށިލުމުގެ މަޝްރުއު -- ފޮޓޯ/ އެމްޓީސީސީ

"އަޅުގަނޑުމެން އިސްކަން މިދެނީ މިހާރު ހަވާލުވެފައި މި ހުރި މަޝްރޫއުތައް އެއްކޮށް މުއްދަތަށް ނިންމަން. އެއަށް ފަހު އަޅުގަނޑުމެންނަށް އާ ބޮޑެތި ޕްރޮޖެކްޓްތަކަަކަށް ދެވެން އޮތީވެސް. ސަރުކާރުން ވެސް އެގޮތަށް ވިސްނާފައި ކަން ނޭނގެ އަޅުގަނޑުމެންނަށް އިތުރު މަޝްރޫއެއް ނުދެއްވަނީވެސް،" ޝާހު ވިދާޅުވި އެވެ.

އިތުރު ބިން ހިއްކުމުގެ މަޝްރޫއުތަކެއް އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރުމުގެ ވިސްނުމެއް ގެންގުޅޭކަން ވެސް އެނގިވަޑައިގެންފައިވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ. އެހެންވެ، ގުޅީފަޅު މަޝްރޫއު ނުލިބުމަކީ އެކުންފުނީގެ ކަންބޮޑުވުމެއް ނޫން ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

comment ކޮމެންޓް