ހިޔާނާތް ހިނގީ ޔާމީނުގެ ވެރިކަމުގައޭ ކިޔައި ރެކެވޭކަށް ނެތް: އީވާ

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ކަމެކޭ ކިޔައި، އެކަމުން ރެކެވެން ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލާގައި ޝާމިލްވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ވެސް އެނޫން އެތައް ބައިވަރު ފަރާތްތަކެއް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވުމާ ގުޅިގެންނެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ޝާމިލުވާ މީހުންގެ ނަންތަކާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކޮށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު މީހުން މިއަދު ދައުލަތުގެ ތެރޭގައި ތިބިކަމަށް ޕީޖީ ވިދާޅުވުމުން، އެއީ ނުވާ ކަމެއް ކަމަށް ނިންމައިގެން ނުތިބެވޭނެ ކަމަށެވެ.

"މިއީ ޔާމީނުގެ ވެރިކަމުގައި ހިނގި ކަމެކޭ ކިޔާފަކާ ޔާމީނާ ދިމާލަށް އެކަނި އަތްދިއްކޮށްފައި، ޔާމީނުގެ ވަޒީރުންނޭ ޔާމީނުގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނޭ ޔާމީނު އިރުގައޭ ކިޔާފަކާ އަޅުގަނޑުމެންނަށް މިކަމަކުން ރެކެވޭކަށް ނެތް،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އޭރު އެ ހިޔާނާތުގެ ޖެހުނު މީހުންގެ މައްސަލަ ބަލަން ޖެހޭނެ ކަމަށާއި އަދި މިއަދު ދައުލަތުގެ އެއްވެސް މަގާމެއްގައި އެ ހިޔާނާތުން ފައިދާވި މީހަކު ހުރި ނަމަ، އެކަން ތަހުގީގުކޮށް ހާމަކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

ޕީޖީ ކޮމިޓީގައި ވިދާޅުވި ނަންތައް ހާމަވާން ޖެހޭ ކަމަށާއި މިއަދު ވެރިކަމުގައި ތިބުމުން، ނުވަތަ ކޯލިޝަން ސަރުކާރަކަށް ވީތީ އެމީހުންގެ މައްސަލަ ނުބަލައި، ނުހިނގާ ކަމަކަށް ހަދައިގެން ނުތިބެވޭނެ ކަމަށް އީވާ ވަނީ ވިދާޅުވެފަ އެވެ.

"މިއަދުގެ ސަރުކާރުގެ ތެރޭގައި އެ ހިޔާނާތުގައި ޖެހިފައި ތިބި މީހުންތަކާ ނުވަތަ ގޮތް ނޭނގޭ މަރުތަކުގައި އަތެއް ދިއްކޮށްލާފައި ހުރި މީހަކު ވެސް މިއަދުގެ ދައުލަތުގެ އެއްވެސް ވަޒީފާއެއްގައި ތިބިއްޔާ އެ ކަންކަން ހާމަކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ އަޅުގަނޑުމެންގެ ކަމެއް. އަޅުގަނޑުގެ ރައްޓެއްސެއްގެ، އޭނަގެ ރައްޓެއްސެއް، މީނަގެ ރައްޓެއްސެއް، އަޅުގަނޑުގެ ޕާޓީ އޭނާގެ ޕާޓީ، އަޅުގަނޑުގެ ކޯލިޝަން، އެހެން ކިޔައިގެނެއް ތިބެވޭކަށް ނެތް." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ހިޔާނާތާއި މަރުތައް ބަލަން ވަކި ދެ ރިޔާސީ ކޮމިޝަނެއް އުފައްދަން ޖެހުނީ، އެކަންކަމުގައި ދައުލަތުގެ އަތެއް ވާތީ ކަމަށެވެ. އެފަދަ މައްސަލަތައް ނުބެލިއްޖެ ނަމަ، ދެން އަންނަ ސަރުކާރަކުން ވެސް އިންސާފު ލިބޭނެ ކަމާމެދު ރައްޔިތުންގެ އިތުބާރު ނޯންނާނެކަން އީވާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތަކީ ހާމަކުރުން. އެއީ އިއްޔެގެ ސަރުކާރެއް، މިއަދުގެ ސަރުކާރެއް ބަލައިގެނެއް ނުވާނެ. ކޮން މަގާމެއްގައި ހުރި މީހެއްތޯ ބަލައިގެން ނުވާނެ. އިންސާފު ހޯދައިދިނުން އެއީ އަޅުގަނޑުމެން ވައުދުވީ ކަމަކީ." އީވާ ވިދާޅުވި އެވެ.

comment ކޮމެންޓް