ނަޝީދުގެ ނިންމުން ބަދަލުކޮށް ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުން އަލުން އެޖެންޑާ ކުރަނީ

ނަޝީދު: ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމުގެ މައްސަލަ ތިން ދުވަސް ފަހުން އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ/ މަޖިލިސް

ޖުޑިޝަރީ ކޮމެޓީން ވަކި ގޮތެއް ނިންމާފައި ނެތް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމުގެ މައްސަލަ އަނބުރާ ފޮނުވާލުމަށްފަހު، އޭގައި މައްސަލަ އެއް ނެތް ކަމަށް ނިންމައި އަލުން އެޖެންޑާ ކުރާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލިސް ފެށުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކޮމިޓީން އެ ރިޕޯޓް މަޖިލީހަށް ފޮނުވާފައި ވީނަމަވެސް، ކޮމިޓީއަށް ފެންނަ ގޮތެއް ރިޕޯޓުގައި ބުނެފައި ނުވާ ކަމަށެވެ. އެހެންކަމުން ކޮމިޓީއަށް ފެންނަ ގޮތެއް ރިޕޯޓުގައި ފާހަގަކޮށްދިނުމަށް އެދި އަލުން އެ ރިޕޯޓު ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

މެންދުރުގެ ބްރޭކަށް މެދު ކަނޑާލަން ގާތްވެފައި ވަނިކޮށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަތަކުގައި ކޮމެޓީގެ މެންޑޭޓަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރެކޮމެންޑްކޮށް ރައިސުލްޖުމްހޫރިއްޔާ ނަން ފޮނުވުމުގައި ކަންކަން ފުރިހަމަ ވެފައިވޭތޯ ކަމަށެވެ.

އަލީ އާޒިމްގެ އެ ނުކުތާއަށް ތާއިދުކޮށް ޖުޑީޝަރީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހެންވޭރު ހުޅަނގު ދާއިރޭގެ މެންބަރު ހަސަން ލަތީފް އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިޝާން ހުސައިން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ.

ތިން މެންބަރުން އެކަން ފާހަގަކުރުމަށް ނަޝީދު ވަނީ މަޖިލީހުގެ ކައުންސިލާ ޖެނަރަލްގެ ލަފަޔާއި އެކު އަލުން އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވުވެފަ އެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ފަހުން ވިދާޅުވީ އަނބުރާ ފޮނުވާލުމަށްފަހު ދެން އެޖެންޑާ ކުރެވޭނީ ތިން ދުވަސް ފަހުން ކަމަށެވެ.

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަނު ކޮށްދިނުމަށް ރައީސް، އިބްރާހިމް މުހައްމަދު ސޯލުހި މަޖިލީހަށް ފޮނުއްވާފައިވަނީ ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އަދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަންފުޅެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އެ މަޖިލީހުން ރުހުން ހޯދުމަށް ފަހު އެވެ.

comment ކޮމެންޓް