އަނގޮޅިތީމުގެ މުޒާހަރާގައި މަރަން ގޮވި މައްސަލައިގައި ފުލުހަށް ހާޒިރުކުރަނީ

އަނގޮޅިތީމްގައި ކުރި މުޒާހަރާގެ ތެރެއިން --

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކާ ދެކޮޅަށް ރ. އަނގޮޅިތީމުގައި ކުރި މުޒާހަރާގައި އެ ޖަމިއްޔާގެ އިސްވެރިން މެރުމަށާއި އަންދާލުމަށް ގޮވި މައްސަލައިގައި، އެ މުޒާހަރާގެ ބައެއް ބައިވެރިން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ "ސަން"އަށް ވިދާޅުވީ ތަހުގީގަށް ހާޒިރުވާން ކިޔައި، އެ މުޒާހަރާގެ ބައެއް ބައިވެރިންނަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޗިޓު ފޮނުވާފައިވަނީ ކިތައް މީހުންނަށް ކަމާއި ހާޒިރުވާން އަންގާފައިވަނީ ކޮން ދުވަހަކު، ކޮން ތަނަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނާ ޚިލާފު ވާހަކަތަކަކާއި ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ރައްދުވާ ގޮތަށް ލިޔުންތަކެއް ލިޔެފައިވާ މައްސަލައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެ ޖަމިއްޔާއާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

މިދިޔަ ހަފްތާ ބަންދުގައި ބައެއް ރަށްރަށުގައި އެ ޖަމިއްޔާއާ ދެކޮޅަށް ކުރި މުޒާހަރާތަކެއްގެ ތެރެއިން ރ. އަނގޮޅިތީމުގައި ކުރި މުޒާހަރާގައި އެމްޑީއެންގެ ވެރިން މެރުމަށާއި އަންދާލުމަށް ގޮވާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އިރު، އެރަށު ކައުންސިލުގެ ރައީސް ގާސިމް ހުސައިން "ސަން"އަށް ވިދާޅުވީ މީހުން މެރުމަށް ގޮވާލީ ރައޔްިތުންގެ މެދުގައި އޮތް ނުރުހުން ސަރުކާރަށް ބަޔާންކުރުމުގެ ގޮތުން ކަމަށް މުޒާހަރާގެ ބައިވެރިން އޭނާ ގާތު ބުނެފައިވާ ކަމަށެވެ.

https://sun.mv/126123

"އެދެބޭފުޅުން [މުޒާހަރާގެ އިސް ދެ ބޭފުޅުން] ބުނި ތިމަންނަމެން އެފަދަ ވިސްނުމެއްގައި ކުރި ކަމެއް ނޫނޭ. ތިިމަންނަމެންގެ ނުރުހުން ދައްކަން ވެގެން ބުނި އެއްޗެއް އެއީ. ކުއްޖަކު އެހެން ކީމަ އޭތި ވައިގެ ހިފީއޭ،" މުޒާހަރާގެ އިސްފަރާތްތަކާ ހަވާލާދީ ކައުންސިލް ރައީސް ގާސިމް ހުސައިން ވިދާޅުވި އެވެ.

ގާސިމް ހުސައިން ވިދާޅުވީ، އެގޮތަށް މީހުން މެރުމަށް ގޮވާލެވިގެންވާނެ ކަމަކަށް ނުދޭކޭ ކަމަށެވެ.

"ކޮންމެ ބަޔަކު ކުރި ނަމަވެސް ރަނގަޅުކަމެއް ނޫން. އެއްވެސް މީހަކު މީހަކަށް އެގޮތަށް ގޮވާލެވިގެން ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ އިރު، ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަހުގީގުގެ ބޭނުމަށް. އޭގައި ހިމެނޭ އިސްލާމްދީނާ ޚިލާފު ވާހަކަތައް ފާހަގަވާ ގޮތަށް އިލްމީ ދިރާސާއެއް ތިން ދީނީ އިލްމުވެރިން މެދުވެރިކޮށް ހަދަމުންދާ ކަމަށެވެ. އަދި އެ ދިރާސާތަކުގެ އަލީގައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުން އަޅާނެކަމަށް ބުންޏެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގު ނިމެންދެން، ޖަމިއްޔާތަކުގެ ކަންކަން ބަލަހައްޓާ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަގެ ބޭނުން ނަހަމަ ގޮތުގައި ބަޔަކު މީހުން ބޭނުންކުރަމުންދާ ކަމަށެވެ.

ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފުރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަ ފެތުރުމާއި، ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކައި، ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ބަޔަކު މީހުން އަމަލުކުރަމުން ދާތީ އެކަމާ ފުލުހުން ކަންބޮޑުވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މީގެ ކުރިން ދެއްވާފައެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް ވަނީ، ދީނަށް ފުރައްސާރަކުރާ ނަމަ ސަރުކާރުން ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް