ރާއްޖޭގައި ޓެނިސް ކުޅޭތާ 50 އަހަރު ފުރި ގައުމީ ފެންވަރުގައި ޓެނިސް މުބާރާތްތަށް އިންތިޒާމް ކުރެވޭތާ 50
އަހަރު ފުރުން ފާހާގަ ކުރުމުމުގެ ގޮތުން މިފަހަރުގެ ގައުމީ ޓެނިސް މުބާރާތުގައި ބޭރުގެ ހަތަރު ގައުމަކަށް ދައުވަތު ދީގެން ބޮޑެތި ބަދަލުތަކާއެކު އަންނަ މަހު ފަށަން ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު ޓެނިސް މުބާރާތަށް މި މުބާރާތް ވާނެ ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެފައިވާ އިރު މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ސަރަހައްދީ އެންމެ ވަރުގަދަ އިންޑިއާ އަދި ސްރީލަންކާގެ އިތުރުން ނޭޕާލާއި ކެމްބޯޑިއާގެ ކުޅުންތެރިންވެސް މި މުބާރާތުގައި ވާދަކުރާނެއެވެ.
އަދި އެހެން އަހަރުތަކާ ޙިލާފަށް މިފަހަރުގެ މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި 25،000 އެމެރިކާ ޑޮލަރުގެ ރެކޯޑު އަދަދެއް ދޭން ހަމަޖައްސާފައިވާ ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ. މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. ބީއެމްއެލްއާއި ޓެނިސް އެސޯސިއޭޝަނާ ދެމެދު ތިން އަހަރުގެ އެއްބަސްވުމެއް ވަނީ ވެފައެވެ.
މިފަހަރުގެ މުބާރާތުގައި ނުވަ ކެޓަގަރީ އަކުން ޖުމުލަ 150 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް އަހަރުން ދަށުގެ އުމުރުފުރާ، އަށް އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، ޖޫނިއާ އޯޕަން، މެންސް އޯޕަން، ވުމެން އޯޕަން އަދި މިކްސްޑް ޑަބަލްސްގެ އިތުރުން 45 އަހަރުން މަތީގެ އުމުރުފުރާ އެވެ. އޭގެ ތެރެއިން 10 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ކެޓަގަރީތަކުގެ މެޗުތައް ކުޅޭނީ ރައުންޑް ރޮބިން ފޯމެޓަށެވެ. އަދި 10 އަހަރުން މަތީ ކެޓަގަރީގެ މެޗުތައް ކުޅޭނީ ނޮކްއައުޓް ފޯމެޓަށެވެ.
ގައުމީ ޓެނިސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީ ޔޫސުފް ރިޒާ ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި ބޭރު ގައުމުތަކުގެ 20 ކުޅުންތެރިން މަދުވެގެން އެކި އެކި އުމުރުފުރާތަކުން ވާދަ ކުރާނެ ކަމަށެވެ.
"މިއަހަރުގެ މި މުބާރާތް ވާނެ ރާއްޖޭގެ ތާރީހުގައި ވެސް ބޭއްވޭ އެންމެ ބޮޑު އަދި ކުލަގަދަ މުބާރާތަށް. އެހެން އަހަރު ތަކުގެ ގައުމީ ޓެނިސް މުބާރާތާ ޙިލާފަށް މިފަހަރުގެ މުބާރާތް ކުޅޭނީ ބޭރުގެ ގައުމުތަކަށް އިންވައިޓް ކޮށްގެން،" ރިޒާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިފަހަރުގެ މުބާރާތަށް ދައުވަތު ދީފައިވާ ގައުމުތައް ކަނޑައެޅީ ވީހާވެސް ރާއްޖެއާ ކައިރި ގައުމުތައް ބަލައިގެން ކަމަށާއި މި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް މުބާރާތުގައި ބައިވެރިވުމުގެ ޑެޑްލައިން އޮންނާނެ ކަމަށެވެ. އަދި މިހާރު ވެސް ބައެއް ގައުމުތަކުގެ އެންޓްރީ ފޯމުތައް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މީގެ ކުރިން ބައިނަލް އަގުވާމީ ޓެނިސް މުބާރާތްތައް ބޭއްވިފައި ނުވަނީ ޓެނިސް ކުޅޭނެ ކޯޓުތައް މަދުވެގެންނެވެ. އެގޮތުން ޓެނިސްގެ ބައިނަލް އަގުވާމީ ސްޓޭންޑާރޑުގެ ދަށުން ހަތަރު ކޯޓު ހުރެގެން ނޫނީ މުބާރާތްތަކެއް ނުބޭއްވެ އެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށްޓަކައި ޓެނިސް ކޯޓާއި އިންވެގެން މާލޭ ހުޅަނގު ފަރާތުގައި އޮތް ވޮލީ ކޯޓު ނެގުމަށްފަހު އެތަނުގައި އިތުރު ޓެނިސް ކޯޓެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
މި މަސައްކަތް ކުރައްވަނީ އެސޯސިއޭޝަނުގެ ރައީސް އަހްމަދު ނަޒީރު (ކްރައުން ނަޒީރު)ގެ އަމިއްލަ ހަރަދުފުޅުގަ އެވެ. އޭނާ އަންނަނީ އެތަނުގެ ވޮލީ ކޯޓު އެހެން ބިމަކަށް ބަދަލުކޮށް އިތުރު ދެ ވޮލީކޯޓު އަޅައިދިނުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ. އެހެން ކަމުން ރާއްޖޭގައި ތިބި ފައިސާ ވެރިން މިފަދައިން ކުޅިވަރުގެ ކަންކަމަށް ހަރަދު ކުރުމުން ނޫނީ ގައުމު ކުރިއަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ހިލޭ ސާބަހަށް ކުޅިވަރަށް ހަރަދު ކުރާ ބަޔަކު މިހާރުވެސް އެބައުޅޭ. އަޅުގަނޑަކީ އޭގެން އެކަކު. ކޮންމެ ކުޅިވަރަކަށް ބަލާލި ނަމަވެސް މި ފެންނަނީ ސަރުކާރުން ހަރަދުކޮށްފައި ހުރިތަންތަން. އާއްމުންގެ މީހަކު ހަރަދު ކުރާ ތަން ވަރަށް ނުފެނޭ. ގައުމުގައި ތިބި ފައިސާ ވެރިން މިކަހަލަ ކަންކަމަށް ހަރަދު ކުރާނަމަ މި ރާއްޖެ މާ ފުރިހަމަ ރާއްޖެއަކަށް ވެގެން ދާނެ." ނަޒީރު ވިދާޅުވިއެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ އަމިއްލަ ފަރާތެއް އިސްނަގައިގެން މިފަދަ ކަމެއް ކުރުމަކީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެކަމަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް މިނިސްޓްރީގެ ފަރާތުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން 2023 ގައި ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓެނިހުން ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި ދާދި އަވަހަށް ސާބިއާގެ އެހީތެރިކަމާ އެކު ޓްރެއިނިންގް ޕްރޮގުރާމުތަކެއް ހިންގުމަށް އެމްއޯޔޫގައި ސޮއެކުރައްވާނެ ކަމަށެވެ.