އަޒްރާއާ ގުޅުމުން އޭނާ ހޯދަން ކުރި އިއުލާން ނަގައިފި

ހ. ސެލްވޭޝަން ޑރ. ފާތިމަތު އަޒްރާ ނަސީމް -- ފޮޓޯ: ޕޮލިސް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގެ ތަހުގީގަށް ހ. ސެލްވޭޝަން ޑރ. ފާތިމަތު އަޒްރާ ނަސީމް ހޯދަން ފުލުހުން ކުރި އިއުލާން ނަގައިފި އެވެ.

ފުލުހުން ބުނީ އަޒްރާ ހޯދަން ކުރި އިއުލާނު ނެގީ އޭނާއާ ގުޅުމުން ކަމަށެވެ. މީގެ ކުރިންވެސް މީހުން ހޯދުމަށް އާންމު ކުރާ އިއުލާން އެ މީހަކު ފެނުމުން ނުވަތަ އޭނާއާ ގުޅިއްޖެ ނަމަ ނަގާ ކަމަށް ފުލުހުން ބުންޏެވެ.

އަޒްރާ ހޯދަން އިއްޔެ ކުރި އިއުލާނުގައި ބުނީ އަޒްރާ އަކީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އެހެން ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ.

އަޒްރާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވުމާއި އަދި އިއުލާނުކޮށްދިނުމަށް އެދިފައިވާތީ، ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް އިއްޔެ ފުލުހުން ކުރި އިއުލާނުގައި ވެއެވެ.

އަޒްރާ ފުލުހަށް ހާޒިރުކުރާ ހައިސިއްޔަތު ކަމުގައި ފުލުހުން ބުނެފައި ވަނީ އެމްޑީއެން އިން ޝާއިއުކުރި ރިޕޯޓުގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ހިލާފު ވާހަކަދައްކާ، އާންމުންގެ މެދުގައި ދީނީގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި އޭނާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.

އެހެންކަމުން ނޮވެމްބަރު ފަސް ވަނަ ދުވަހުގެ މެންދުރު 1:00 އަށް ފުލުހަށް ހާޒިރުވުމަށް އަޒްރާއަށް ވަނީ އަންގައިފަ އެވެ.

އަޒްރާ މިވަގުތު ދިރިއުޅެމުން އަންނަނީ ސްޕެއިންގައި ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ބުނީ އެ ރިޕޯޓުގެ މައްސަލައިގައި ފުލުހުން ހިންގަމުން ގެންދާ ތަހުގީގަށް ހާޒިރުވާން ބައެއް މީހުންނަށް މިހާރު ޗިޓު ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހަށް ހާޒިރު ކުރަން އެންގީ ކޮން ބަޔަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް