އެމްޑީއެންގެ މައްސަލައިގައި ފުލުހަށް ހާޒިރުވާން ބައެއް މީހުންނަށް ޗިޓު ފޮނުވައިފި

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ---

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ބަލައި، ފުލުހުން ހިންގަމުން ގެންދާ ތަހުގީގަށް ހާޒިރުވާން ބައެއް މީހުންނަށް ޗިޓު ހަވާލުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި ބަލަން ޖެހޭ މީހުންގެ މައްސަލަތައް ބެލުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތުން ބައެއް މީހުންނަށް ޗިޓު ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، ފުލުހަށް ހާޒިރު ކުރަން އެންގީ ކޮން ބަޔަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބަލަމުން އަންނަ އިރު، އެ ޖަމިއްޔާގެ ބައެއް މުވައްޒަފުންނަށް މަރުގެ އިންޒާރު ލިބެމުން އަންނަ ކަމަށް މީގެ ކުރިން އެ ޖަމިއްޔާއިން ވަނީ ބުނެފައވެ.

އެނގިފައިވާ ގޮތުގައި އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވުމުން، އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓާ ޝަހިންދާ އިސްމާއިލް މިހާރު އުޅޭ އެޑްރެސް ހޯދުމަށް ފުލުހުން ޝަހިންދާއަށްވެސް ގުޅިއެވެ. އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އޭނާއަށެވެ. ޝަހިންދާ ހުންނެވީ މަތީ ތައުލީމު ހާސިލުކުރެއްވުމަށް ޖަރުމަނުވިލާތުގައެވެ.

އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. އެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ އާންމު ފަރާތަކުންނާއި އިސްލާމިކް މިނިސްޓްރީއިން ފުލުހަށް ހުށަހެޅުމުން، ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އެމްޑީއެންގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ދީނުގެ ނަމުގައި ހަރުކަށި ވާހަކަ ފަތުރައި، މަރުގެ އިންޒާރު ދިނުން ފަދަ ކަންތައްތައް ކުރާ މީހުންނާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް