ޑިޒްނީގެ ކުރިއަށް އޮތް ފިލްމު "ފްރޯޒެން 2"ގެ ހިންދީ ރީމޭކަށް ޕްރިޔަންކާ ޗޯޕްރާއާއި ޕަރިނީތީ ޗޯޕްރާ އަޑުއަޅާނެ ކަމަށް ހަބަރުތައް ބުނެފިއެވެ.
އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ. ބޮލީވުޑްގެ ކްރިޓީކް ތަރަން އާދަޝްކުރި ޓްވީޓެއްގައި ބުނީ އެދެތަރިންވެސް އެ ފިލްމަށް އަޑުއަޅަން މިހާރު ހަމަޖެހިފައިވާކަމަށެވެ.
ފްރޯޒެންގެ ކެރެކްޓާ އާނާއަށް އަޑުއަޅާނީ ޕަރިނީތީއެވެ. އަދި އެލްސާގެ އަޑު އަޅާނީ ޕްރިނީތީގެ ކަޒިން ޕްރިޔަންކާއެވެ. އެ ފިލްމު ހިންދީ ބަހުން ރިލީޒްކުރާއިރު ތަމަޅަ އަދި ތެލެގޫ ބަހުން ވެސް ފިލްމު ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.
އެ ފުރުސަތު ލިބުމާ ގުޅުގެން ޕްރިޔަންކާ ބުނީ މިފަދަ ރަނުގެ ފުރުސަތެއް ލިބުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއްކަމަށާއި މި ފިލްމަށް އަޑުއެޅުމަށް އަބަދުވެސް ބޭނުންވާކަމަށެވެ. އަދި އެންމެ އުފާވަނީ އާނާގެ އަޑު އަޅަން ކޮއްކޮ (ޕަރިނީތީ)އަށް ލިބުމުން ކަމަށެވެ. ކުރިންވެސް ދެމީހުން އެކުގައި މަސައްކަތް ކުރެވުނު ނަމަވެސް މި ޕްރޮޖެކްޓް ވެގެންދާނީ ވަރަށް ހާއްސަ މަސައްކަތްތަކަށް ކަމަށާއި ދެމީހުން އެކުގައި މި ޕްރޮޖެކްޓް ކާމިޔާބުކުރާނެ ކަމަށެވެ.
ޕަރިނީތީ ބުނީ ފިލްމުގެ ފުރަތަމަ ބައި ވަރަށް ކަމުދާ ކަމަށާއި މި ފިލްމަކީ އެނިމޭޑެޓް ފިލްމުތަކުގެ ތެރެއިން އެންމެ ފޭވަރިޓް ފިލްމުކަމަށެވެ. އަދި އާނާގެ ކެރެކްޓާއަށް އަޑު އަޅަން ލިބޭނެކަމަށް އުންމީދުވެސް ނުކުރާކަމަށް އޭނާ ބުންޏެވެ. އަދި ދައްތަ އާއެކު މިކަހަލަ ފިލްމެއްގައި މަސައްކަތްކުރަން ލިބުމުން އުފާވާކަމަށް ޕަރިނީތީ ބުންޏެވެ.
ކާޓޫންގެ ފުރަތަމަ ބައި ދައްކާލީ 2013 ވަނަ އަހަރު އެވެ. ފްރޯޒެންގެ މައިގަނޑު ކާސްޓް އެލްސާގެ އަޑު އަޅައިދީފައިވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ އިޑީނާ މެންޒަލްއެވެ. އަދި އާނާގެ އަޑު އަޅައިދީފައިވަނީ އެމެރިކާގެ ބަތަލާ ކްރިސްޓެން ބެލް އެވެ.
ހޮލީވުޑް ބޮކްސް އޮފީހުގައި 1.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފްރޯޒެންއަކީ މިހާތަނަށް އެންމެ ގިނަ އާމްދަނީ ލިބިފައިވާ ބޮޑެތި ފިލްމުތަކުގެ ލިސްޓުގައި ވެސް ހިމެނޭ ފިލްމެކެވެ.