ބީއެމްއެލް މާޗަންޓް ޕޯޓަލް - ކޭޝްލެސް ސޮސައިޓީއަކާ ދިމާއަށް އަޅާ ފިޔަވަޅެއް!

ބީއެމްއެލް މަރޗަންޓް ޕޯޓަލްއާއި އެމްޕޮސް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ކުރަން މަގުފަހިކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާޗަންޓް ޕޯޓަލްއާއި މޯބައިލް ޕީއޯއެސް (އެމްޕޮސް) އެޕްލިކޭޝަން ތައާރަފުކޮށްފިއެވެ.

މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތްތައް ތައާރަފްކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއެވެ.

ބީއެމްއެލް މަރޗަންޓް ޕޯޓަލްއާއި އެމްޕޮސް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ އެ ޚިދުމަތްތަކާއެކު ބޭނުން ވަގުތަކު ފަސޭހަކަމާއެކު ރައްކާތެރިކޮށް ފައިސާގެ މުއާމަލާތް ކުރެވިގެންދާނެ ކަމަށެވެ.

"މި ޚިދުމަތުގެ ސަބަބުން ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމުގެ އިތުރުން ނަގުދު ފައިސާއާ ނުލައި މުޢާމަލާތްކުރާ މުޖުތަމައަކަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ،" ސޯޔަރ ވިދާޅުވިއެވެ.

އަލަށް ތައާރަފްކުރި ބީއެމްއެލް މާޗަންޓް ޕޯޓަލް މެދުވެރިކޮށް "ފިޒިކަލް" ޕީއޯއެސް ޓާމިނަލްއަކާ ނުލައި، އޮންލައިންކޮށް ފައިސާ ބަލައިގަތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ބީއެމްއެލް މާޗަންޓް ޕޯޓަލްއިން ލިބޭ ބައެއް ޚިދުމަތްތައް

  • ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކާއި އެސްއެމްއެސްގެ ޒަރިއްޔާއިން ޕޭމަންޓް ރިކުއެސްޓް ފޮނުވުން
  • ޕޭމަންޓްގެ ސްޓޭޓަސް ބަލާލުން
  • ޕޯޓަލްގައި އޮންލައިން ސްޓޯރު ހުޅުވައި، ޕްރޮމޯޝަންތަކާ ބެހޭ މައުލޫމާތު ހިއްސާކުރުން

އެ ޕޯޓަލްއާއެކު ތައާރަފުކުރި އެމްޕޮސް އެޕްލިކޭޝަންގައި އޮންލައިންކޮށް ފައިސާ ދައްކާލެވޭ ފަސޭހަ ގޮތްތަކެއް ވަނީ ހިމަނާފައެވެ.

އެމްޕޮސްއިން ފައިސާގެ މުއާމަލާތް ކުރެވޭ ގޮތްތައް

  • ޑައިނަމިކް ކިއުއާރު ކޯޑު (ވަގުތުން ޖެނެރޭޓުކޮށްލާ ކޯޑެއް) މެދުވެރިކޮށް.
  • ސްޓެޓިކް ކިއުއާރު ކޯޑު (ބީއެމްއެލްއިން ވިޔަފާރިވެރިއާއަށް ފޯރުކޮށްދޭ، ޕްރިންޓްކޮށްފައިވާ ކޯޑެއް) މެދުވެރިކޮށް
  • އެސްއެމްއެސްއާއި ސޯޝަލް މީޑިއާ އެޕްލިކޭޝަން މެދުވެރިކޮށް ޕޭމަންޓް ލިންކް ފޮނުވައިގެން

ބީއެމްއެލްއިން ބުނީ ސްޓެޓިކް ކިއުއާރް ކޯޑުތައް ބީއެމްއެލް މޮބައިލްޕޭ އަދި އަލީޕޭއިން ސްކޭން ކޮށްލެވޭނެ ކަމަށާއި ޑައިނަމިކް ކިއުއާރް ކޯޑްތައް ބީއެމްއެލް މޮބައިލްޕޭ އަދި އަލީޕޭގެ އިތުރުން އެޕަލްޕޭއާއި ގޫގްލްޕޭއިން ސްކޭން ކޮށްލެވޭނެ ކަމަށެވެ.

މި އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރާއާއި ގޫގްލް ޕްލޭސްޓޯރުން މިހާރު ޑައުންލޯޑް ކޮށްލެވޭނެއެވެ.

comment ކޮމެންޓް