މާލެ އަތޮޅު މަޑިވަރުގައި އެޓްމޮސްފިއާގެ އާ ރިސޯޓެއް ހުޅުވައިފި

ވަރު ބައި އެޓްމޮސްފިއާގެ ބީޗު ވިލާތަކެއް -- ފޮޓޯ/ ވަރު ބައި އެޓްމޮސްފިއާ

މާލެ އަތޮޅު މަޑިވަރުގައި "ވަރު ބައި އެޓްމޮސްފިއާ" ރިސޯޓު ހުޅުވައިފި އެވެ.

މިއަދު ކ. މަޑިވަރުގައި ހުޅުވި ވަރު ބައި އެޓްމޮސްފިއާ ރިސޯޓަކީ 122 ވިލާ އަދި 244 އެނދާއެކު ޑިވެލޮޕްކުރި ޕްރޮޕަޓީއެކެވެ.

އެ ރިސޯޓުގައި 25 ބީޗު ވިލާ، 68 ވޯޓާ ވިލާ އަދި 11 ފެމިލީ ބީޗު ވިލާ ހުންނަ އިރު، މަތީ ފަންތީގެ އެއް ވޯޓާ ސުއީޓާއި ތިން "މަޖިލިސް ސުއީޓް"ވެސް ހުރެއެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ދެކުނުން، ހަމަ އެ ފަޅުގައި ތަރައްގީކޮށްފައިވާ އެ ރިސޯޓު ހިންގަނީ ރާއްޖޭގައި ރިސޯޓު އޮޕަރޭޓުކުރާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުންނެވެ.

ވަރު ބައި އެޓްމޮސްފިއާގެ ބީޗު ވިލާތަކެއް -- ފޮޓޯ/ ވަރު ބައި އެޓްމޮސްފިއާ

ވަރު ބައި އެޓްމޮސްފިއާގެ ވޯޓާ ވިލާތަކެއް -- ފޮޓޯ/ ވަރު ބައި އެޓްމޮސްފިއާ

"ވަރު ބައި އެޓްމޮސްފިއާ" ރިސޯޓާއެކު، އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ޖުމްލަ ފަސް ރިސޯޓު ހިންގަ އެވެ.

އެޓްމޮސްފިއާއިން ދެން ހިންގާ ރިސޯޓުތަކަކީ ޅ. ކަނިފުށީގައި ހިންގާ އެޓްމޮސްފިއާ ކަނިފުށި، ކ. މާދޫގައި ހިންގާ އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ، ކ. ހެލެނގެލީގައި ހިންގާ އޯބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި އަދި ކ. އަކިރިފުށީގައި ހިންގާ އޯބްލޫ ސިލެކްޓް އެޓް ސަންގެލި އެވެ.

ކ. މަޑިވަރަކީ ދޮންކެޔޮ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ރަށެކެވެ.

comment ކޮމެންޓް