ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނު ކޮށްދިނުމަށް އެދި ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އަދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް ސޯލިހު، މަހާޒާއި ދިޔާނާގެ ނަން މަޖިލީހަށް ފޮނުއްވާފައި މިވަނީ ޖުޑިޝަލް ސަވިސް ކޮމިޝަނުން އެގޮތަށް ރިކޮމެންޑް ކޮށްގެންނެވެ. ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު ޖޭއެސްސީއިން ރައީސްއަށް "ހައިލީ ރިކޮމެޑް" ކޮށްފައިވަނީ ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދާއި، ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް ގދ.މަޑަވެލި، މޭނާ، މަހާޒު އަލީ ޒާހިރު އާއި ސ.ހުޅުދޫ ގޯރަންވިލާ ފާތިމަތު ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ފަނޑިޔާރު ކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ ޖޭއެސްސީއިން އިންޓަވިއު ކުރި ބޭފުޅުންގެ ނަންތަކަށްވެސް މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. މިހާރު ހައި ކޯޓުގައި މަސައްކަތްކުރައްވާ ތިން ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާފަ އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އެ މަޖިލީހުން ރުހުން ހޯދުމަށްފަހުއެވެ.