ގޯލްޑެން ފުޓްސަލް ޗެލެންޖް: ސެމީގައި ކުޅޭނެ "ގަދަ ހަތަރެއް" ޔަގީންވެއްޖެ

ގޯލްޑެން ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ހަތަރު ޓީމުގެ ކުޅުންތެރިން--- ފޮޓޯ// ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި ވާދަ ކުރާނެ ޓީމުތައް ޔަގީންވެއްޖެ އެވެ. ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކުން މޮޅުވެ މިއަހަރުގެ ސެމީ ފައިނަލުގައި ކުޅޭނެ، "ގަދަ ހަތަރަކުން" ޖާގަ ހޯދީ، ށ. ގޮއިދޫއާއި ބ. އޭދަފުށި އަދި ތ. ތިމަރަފުށީގެ އިތުރުން ލ. ގަމެވެ.

ހުޅުމާލޭ ރެހެންދި ޓާފުގައި ރޭ ކުޅުނު މުބާރާތުގެ ކުއާރޓާ ފައިނަލުގައި ވާދަވެރިކަން ބޮޑެތި މެޗުތަކެއް ވަނީ ކުޅެފަ އެވެ. ގިނަ ސަޕޯޓަރުންތަކަކާ އެކު ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ގޮއިދޫ މެޗާއި އޭދަފުށި މެޗެވެ. މި ދެ މެޗަކީ ރޭ ކުޅުނު އެންމެ ވާދަވެރި އަދި ފޯރި އެންމެ ގަދަވި ދެ މެޗެވެ. މި ދެ މެޗު ވެސް އެ ދެ ޓީމުން ކާމިޔާބު ކުރީ ހަނި ގޮތަކަށެވެ.

އެގޮތުން ގޮއިދޫ އިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 3-2 އިން ކ. ގުރައިދޫ ބަލިކޮށްގެންނެވެ. ގޮއިދޫ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ދެ ވަނަ ބުރުގެ މެޗު ނުކުޅެ އެވެ. އަތޮޅު ޗެމްޕިއަންކަމާއި ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ގޮއިދޫ ދެ ވަނަ ބުރުގައި މެޗެއް ކުޅެން ނުޖެހުނީ އެޓީމާ ވާދަކުރަން އޮތް އައްޑޫ އަދި ފުވައްމުލައް ހިމެނޭ ޒޯން ހަތަކުން ރަނަރަޕް ޓީމެއް ނެތުމުންނެވެ. އެހެން ކަމުން ގޮއިދޫއަށް ވަނީ ރޭގެ މެޗަށް ތައްޔާރުވާން އެހެން ޓީމުތަކެެއް ވުރެން ގިނަ ވަގުތު ލިބިފަ އެވެ.

ގޯލްޑެން ފުޓްސަލް މުބާރާތުގައި ރޭ ށ.ގޮއިދޫ އާއި ގުރައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ރޭގެ މެޗު ފެށިގެން ގޮއިދޫން ވަނީ ގާތް ގާތުގައި ދެ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. ނަމަވެސް އެ ގޯލުތަކާ އެކު ކުޅުމުގެ ތެރެއަށް ވަދެ ގުރައިދޫން މެޗުގެ ނަތީޖާ ހަމަހަމަކޮށް އުންމީދާ އެކު ކުޅެމުން ދަނިކޮށް ގޮއިދޫން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.

މެޗުގައި ގޮއިދޫގެ ގޯލުތައް ޖަހައިދިނީ މުހައްމަދު މިސްބާހު އާއި ހުސައިން ނަސީމް އަދި އިބްރާހީމް އަލީ އެވެ. ގުރައިދޫގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ނަބީލް އާއި އަހުމަދު ޝުއޫން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގޮއިދޫ ޓީމުގެ މިސްބާހު އެވެ. ގޮއިދޫ ޓީމުގެ ކޯޗަކީ ފުޓްސަލާއި ފުޓްބޯޅައިގައި ވެސް އަރަމުން އަންނަ، ކުރީގެ މަޝްހޫރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) އެވެ. އޭނާ އަންނަނީ ކުޅުން ހުއްޓާލި ފަހުން ކޯޗެއްގެ ގޮތުގައި ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ.

ގުރައިދޫ ހިއްތަތި ގޮތަކަށް ބަލިކޮށް ސެމީއަށް ދަތުރު ކުރި ގޮއިދޫ ސެމީގައި ވާދަ ކުރަން ޖެހޭނީ އެންމެ ފަހުން އަހަރު ވެސް ސެމީ ފައިނަލުގައި ވާދަކުރި އޭދަފުށްޓާ އެވެ. އޭދަފުށި ވަނީ ރޭ ކުޅުނު ކުއާރޓާގައި ވާދަވެރި އިނގުރައިދޫ ޕެނަލްޓީގައި ބަލިކޮށް ސެމީގެ ޖާގައެއް ހޯދައިފަ އެވެ.

އޭދަފުށި ސެމީގެ ޖާގައެއް ހޯދީ ވާދަވެރި ރ. އިނގުރައިދޫއާ ދެކޮޅަށް ކުޅެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 5-4 އިން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗަށް ނުކުތްއިރު ކްލަބް އީގަލްސްގައި ހިމެނޭ އޭދަފުއްޓަށް އުފަން ގައުމީ ޓީމުގެ ޑިފެންޑަރު ހައިޝަމް ހަސަން އާއި އަލީ ފާސިރު (ސެންޓޭ) ކުޅެފައެއްނުވެ އެވެ. މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ކުރީކޮޅު ޖެހީ އިނގުރައިދޫންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އެވެ. އޭދަފުށިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގެ ކުރީކޮޅު ހާފިޒު އަހުމަދު ވައްދާލި ގޯލުންނެވެ.

އެ މެޗު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޭދަފުށިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެޓީމަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހަމްދާން އަބްދުއްސައްތާރު އާއި އުނައިސް ޒުބައިރުގެ އިތުރުން ހާފިޒު އަހުމަދު އަދި އަލީ ނަސީމް އެވެ. އިނގުރައިދޫ މެޗުން ބަލިވީ ހަތަރު ވަނަ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. އިނގުރައިދޫގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރީ އައިހަމް އާއި އަހުސަމް އަލީ އަދި ހާއްޕެ އެވެ. އެޓީމުގެ ހަތަރު ވަނަ ޕެނަލްޓީ އަލީ ފާތިހު ޖެހުމުން އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހު ވަނީ މަތަކޮށްފަ އެވެ.

ކުއާޓާ ފައިނަލުގައި ފަހު ދެ މެޗުގެ ތެރެއިން ތިމަރަފުށިން އދ. އޮމަދޫ ބަލިކުރީ 8-3 އިންނެވެ. އެ މެޗުގައި ތިމަރަފުށިން މޮޅު ކުޅުމެއް ދެއްކި އިރު އޮމަދޫއަށް ވަނީ ތިމަރަފުށީ ކުޅުންތެރިންގެ ހަލުވި ކުޅުން ހުއްޓުމަށް ގިނަ އުނދަގޫތައް ކުރިމަތިވެފަ އެވެ.

ރޭގެ މެޗުގައި ތިމަރަފުށީގެ އިބްރާހީމް އަސްވަދު (ގަބޭ) އާއި އަލީ ޝިފާއު (ރޮނާ)، މި ދެކުޅުންތެރިން ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އިސްމާއީލް މުނީޒް އެވެ. މެޗުގައި އޮމަދޫ ޓީމުގެ ތިން ގޯލު ޖެހީ މޫސާ އަރީފް އާއި މަހުފޫޒް އެވެ.

ގޯލްޑެން ފުޓްސަލް މުބާރާތުގަައި ރޭ އޮމަދޫ ކޮޅަށް ތިމަރަފުށީގެ ގަބޭ ގޯލު ޖެހުމަށްފަހު --- ފޮޓޯ// ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ސެމީ ފައިނަލުގައި ތިމަރަފުށްޓާ ދެކޮޅަށް ނުކުންނާނީ ރޭގެ ކުއާރޓާ ފައިނަލުގެ ފަހު މެޗުގައި ގދ. މަޑަވެލި 5-1 އިން ބަލިކުރި ލ. ގަމެވެ.

ރޭގެ މެޗުގައި ގަން ޓީމުގެ ފަސް ގޯލުގެ ތެރެއިން ހުސައިން ޝަރީފް (އޮންލީ) ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ތިން ގޯލު ޖެހީ އަލީ ޝާމިސް (ތޮއްޕޭ) އާއި މުހައްމަދު މުސްލިހު އަދި ހުސައިން ނާޝިދު އެވެ. މެޗުގައި މަޑަވެލި ޓީމުގެ ހަމައެކަނި ގޯލު ޖެހީ ޒަމްއަތު މުހައްމަދު ވަހީދު އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދޭނެ އެވެ. މުބާރާތުގެ ސެމީ ފައިނަލް އޮންނާނީ މާދަމާ ރޭ ހުޅުމާލޭ ރެހެންދި ޓާފުގަ އެވެ.

comment ކޮމެންޓް